ލަންޑަން (މެއި 6) - ހުސްވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމަށް ދާދި ފަހުން އިންޓަ މިލާނަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓޮޓެންހަމްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމުންނެވެ. އޭނާ ވަނީ މީގެ އެއް ދުވަސް ކުރިން ރޯމާއާ ހަވާލުވާން އެއްބަސްވެފަ އެވެ. މޮރީނިއޯ ވަކިކޮށް މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރީގެ ކުޅުންތެރިޔާ އަދި ކްލަބްގެ ޔޫތު ކޯޗަކަށް މަސައްކަތްކުރަމުން އައި އުމުރުން 29 އަހަރުގެ ރަޔާން މޭސަން އެވެ.
އެންމެ ފުރަތަމަ ޓޮޓެންހަމުން ގެންނަން މަސައްކަތްކުރި ކޯޗު އާރްބީ ލައިޕްޒިގުގެ ހޫލިއަން ނާގަލްސްމަން ވަނީ ބަޔާން މިއުނިކާ ހަވާލުވާން ނިންމައިފަ އެވެ. ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް އަށް ވެސް ޓޮޓެންހަމުން ފާރަލިއިރު، އޭނާގެ ކޮންޓްރެކްޓް އުވާލަން ލެސްޓާ އިން ކިޔާ އަގު ބޮޑުވުމުން ޓޮޓެންހަމުން ރޮޖާސް ގެންނަން ކުރި ހިޔާލު ދޫކޮށްލި އެވެ. ދެން ޓޮޓެންހަމް އިން ބެލީ އަޔަކްސްގެ ކޯޗު ޓެން ހާގް ހޯދާށެވެ. އެކަމަކު އޭނާ ވެސް މިހާރު ވަނީ އަޔަކްސްގައި މަޑުކުރަން ނިންމައިފަ އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމްގެ މިސްރާބު މިހާރު ހުރީ ކޮންޓޭއާ ދިމާލަށެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކޮންޓޭ ވަނީ އިންޓަގައި އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ސީދާ އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ. އެކަމަކު 11 އަހަރު ތެރޭ އިންޓަ އަށް ފުރަތަމަ ފަހަރު އިޓާލިއަން ލީގު ހޯދައިދިނުމަށް ފަހު ކޮންޓޭ ވަނީ އެ ޓީމު އިތުރު ކާމިޔާބީތައް ހޯދާތަން ދެކެން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ކުރިން ޔުވެންޓަސް އަށް ކޯޗުކޮށްދިން އުމުރުން 51 އަހަރުގެ ކޮންޓޭ، ޓޮޓެންހަމާ ގުޅެން ބޭނުންނަމަ އެ ކްލަބުން އޮތީ އިންޓަ އާއި ކޮންޓޭއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފައިސާ ދޭން ތައްޔާރަށެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮންޓޭގެ އޭޖެންޓާއި ޓޮޓެންހަމްގެ އޮފިޝަލުން ވަނީ އިއްޔެ މިލާނުގައި ބައްދަލުކޮށްފަ އެވެ.
ޓޮޓެންހަމް އިން ކޮންޓޭ ހޯދަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އޭނާ ހުރި ކޮންމެ ޓީމެއްގައި ވެސް ތަށި ހޯދާފައިވުމެވެ. ޓޮޓެންހަމް އިން ދެކޭގޮތުގައި އެ ޓީމުގައި ތިބި ތަރިން ކްލަބް ދޫކޮށްލުމާ މެދު ގެންގުޅޭ ވިސްނުން ބަދަލުކުރެވޭނީ ކޮންޓޭ ކަހަލަ ކާމިޔާބު ކޯޗެއް ގެެނެސްގެންނެވެ. ޓޮޓެންހަމްގެ ތަރި ހެރީ ކޭން މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން އުޅޭ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ކޮންޓޭ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ދެ ސީޒަން ހޭދަކޮށްފަ އެވެ. ޗެލްސީގެ ކޯޗަކަށް 2016 އިން 2018 އަށް ހުރިއިރު، ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރި އެވެ. އޭނާ ޗެލްސީގެ ކޯޗުކަމުން ވަކިކުރީ އެފްއޭ ކަޕް ކާމިޔާބު ކުރިތާ ދެ މަހެއްހާ ދުވަސް ފަހުންނެވެ.












