ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަށް ވަޒީރަކު އައްޔަންނުކޮށް، އެ މިނިސްޓްރީ މިއަދު އުވާލައިފި އެވެ.
ވެރިކަންކުރާ ކޯލިޝަންގެ ޕާޓީތަކުން ކެބިނެޓުގައި، ހިއްސާވާ ނިސްބަތް ކަނޑައެޅި އިރު އެ މިނިސްޓްރީއަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އައްޔަންކުރެއްވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. އިތުބާރު ނެތް ކަމުގެ ވޯޓަކުން އޭނާ މަގާމުން ދުރުކުރި ފަހުން އެތަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެވެ.
ކެބިނެޓަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު ސައިންސް މިނިސްޓްރީ ހިންގާ ގޮތަށް ހަމަޖެއްސީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުންނެވެ. އެ ވުޒާރާ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއާ ހަވާލުކޮށް މިއަދު ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
އެންވަޔަރަމެންޓްް މިނިސްޓްރީ ކުރިން ހިންގެވި ޑރ. ހުސެއިން ރަޝީދު އައްޔަންކުރެއްވީ ފިޝަރީޒް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީގައި ކުރިން ހިންގެވި ޒަހާ ވަހީދު ރައީސް އޮފީހަށް ބަދަލުކުރާ ގޮތަށް އޮތަސް އަދި އޭނާއާ ބެހޭ ގޮތުން ނިންމެވި ގޮތެއް ރައީސް އޮފީހުން އިއުލާނެއް ނުކުރެ އެވެ.
އެކަމަކު ޒަހާ މިއަދު ވަނީ އިސްތިއުފާގެ ސިޓީ ފޮނުވައިފަ އެވެ.

ސައިންސް މިނިސްޓްރީ މަލީހް ހިންގެވިއިރު އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުކުރީ، ގަވާއިދުތައް ނުހެދި ލަސްވުމާއި އިންޓަނެޓުގެ އަގު ހެޔޮނުވެ ލަސްވަނީ އޭނާގެ އިހުމާލު ކަމަށް ބުނެ އެވެ. އެކަމަކު އެ ތުހުމަތުތައް ދޮގުކުރައްވަމުން މަލީހް ވިދާޅުވެފައި ވަނީ، އިންޓަނެޓުގެ އަގު ހެޔޮކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި ރައީސް އޮފީހަށް ފޮނުއްވި ކަމަށެވެ. އޭނާ މަގާމުން ވަކިކުރީ މަސްއޫލިއްޔަތު އަދާނުކުރެވިގެން ނޫން ކަމަށާއި ބަރުލަމާނީއާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.














