އެންވަޔަރަމެންޓް މިނިސްޓަރު ކަމުގެ މަގާމަށް އައިމިނަތު ޝައުނާ އައްޔަން ކުރައްވައި، ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަން ކުރައްވައިފި އެވެ.
ޝައުނާ، މިއަދާ ހަމައަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓްރީގެ މަގާމުގައި ހުންނެވިއިރު، އެ މަގާމަށް މިއަދު ވަނީ އަހުމަދު ހަމްދާން އައްޔަން ކުރައްވާފަ އެވެ. އޭނާ މީގެކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ، ޝައުނާގެ ދަށުން ޕޮލިސީ އޮފީހުގަ އެވެ.
ޝައުނާއަށް އެންވަޔަރަމެންޓް މިނިސްޓަރުކަން ދެއްވާފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓް ވެސް ވަރަށް ބޮޑަށް ފުޅާކުރުމަށްފަހު އެވެ. އެގޮތުން، ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބަދަލު ކުރައްވާފަ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކޮށްފަ އެވެ. ކޮމިއުނިކޭޝަން މިނިސްޓްރީގެ ދަށުގައި އޮތް އެންމެ ބޮޑު ވައުދު ކަމަށްވާ އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު ފުއްދެވުމަށް ވެސް މީގެކުރިން ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގައި ޝައުނާ މަސައްކަތް ކުރެއްވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމު ވެސް އަދާ ކުރެއްވި ޝައުނާއަކީ ޕޮލިޓިކަލް އަދި އެންވާރަމަންޓަލް ސައިންސްއިން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި، ޝައުނާ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެންވަޔަރަމެންޓް މިނިސްޓްރީއަކީ، ޖުމްހޫރީ ޕާޓީއަށް ދީފައި އޮތް ސްލޮޓެކެވެ.

ޝައުނާ މަގާމުގެ ހުވާ ކުރައްވަނީ: މިނިސްޓްރީގެ މެންޑޭޓް ވަނީ ފުޅާކޮށްފައި - ފޮޓޯ: ރައީސް އޮފީސް
އެ ސްލޮޓްގެ ދަށުން ޑރ. ހުސެއިން ރަޝީދު ހަސަން މިނިސްޓަރު ކަމުގައި ހުންނެވިއިރު، އޭނާ ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމަށް މިއަދު އައްޔަން ކުރައްވާފައިވަނީ، އެ މަގާމުގައި ހުންނެވި އެމްއާރްއެމްގެ ޒަހާ ވަހީދު ވަކި ކުރެއްވުމަށްފަހު އެވެ.
ޒަހާ ވަހީދަށް އިތުރު މަގާމެއް ދެއްވި ކަމެއް ރައީސް އޮފީހުން ހާމަކޮށްފައިނުވީ ނަމަވެސް، އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދޭން ނިންމާފައިވާ ކަމަށްވެ އެވެ.
ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި، ޑރ. ހުސެއިން ވަނީ 2008 އަހަރުން 2013 ވަނަ އަހަރާ ހަމައަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަވާފަ އެވެ. ލޭބާ މިނިސްޓްރީގައި ވެސް ހިދުމަތް ކުރެއްވި ޑރ. ހުސެއިނަކީ ގާނޫނު އަސާސީ އިސްލާހުކުރަން އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
ޖުމްހޫރި ޕާޓީގެ ޑެޕިޔުޓީ ލީޑަރުގެ މަގާމުގައި ހުންނެވި، ޑރ، ހަސަން ވަނީ މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.

ފިޝަރީޒް މިނިސްޓަރު ކަމުގެ ލިޔުން ޑރ. ހުސެއިންއާ ހަވާލު ކުރައްވަނީ: އޭނާއަކީ ދާއިރާއިން ޕީއެޗްޑީ އޮތް ބޭފުޅެއް - ފޮޓޯ: ރައީސް އޮފީސް
ފިޝަރީޒް މިނިސްޓްރީ، އެމްއާރްއެމްއަށް ގެއްލުމާއެކު، ކެބިނެޓުން އެމްއާރްއެމްގެ މިނިސްޓަރުން ވަކިވި މިއީ ދެ ފަހަރެވެ. މީގެކުރިން ހައުސިން މިނިސްޓަރު ކަމުން އައިމިނަތު އާތިފާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އާތިފާގެ އިސްތިއުފާއެކު، ހައުސިން މިނިސްޓްރީ އުވާލައި، ޕްލޭނިން މިނިސްޓްރީއާ އެއްކޮށްލި އެވެ.
މިއަދު އުވާލި ކޮމިއުނިކޭޝަން މިނިސްޓްރީއާއެކު، ކެބިނެޓުން ޖުމްހޫރީ ޕާޓީއަށް ވެސް ވަނީ ސްލޮޓެއް ގެއްލިފަ އެވެ. އެ މިނިސްޓްރީ އުވާލާފައިމިވަނީ ޖުމްހޫރީ ޕާޓީން ބައެއް ނަންތައް ވެސް މިނިސްޓަރުގެ މަގާމަށް ފޮނުވާފައިވަނިކޮށެވެ.
މީގެކުރިން ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން ވެސް ވަނީ ވެންޓިލޭޓަރު މައްސަލަ ފެންމަތިވުމާއެކު އިސްތިއުފާ ދެއްވާފަ އެވެ. އެފަހުން، އެ މަގާމަށް ގެންނެވީ އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީމެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަލީ ވަހީދު ވެސް މިނިސްޓަރު ކަމުން ވަކިކުރި އެވެ. ނަމަވެސް، އެފަހަރު އަލީ ވަހީދުގެ ބަދަލުގައި އެ މަގާމަށް ގެންނެވީ ހަމަ ޖުމްހޫރީ ޕާޓީގެ ބޭފުޅެއް ކަމަށްވާ ޑރ. އަބްދުﷲ މައުސޫމެވެ.












