އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕޯސްޓުތައް ފޭސްބުކާއި ޓްވިޓާގައި ޝެއާކުރެވޭ ގޮތަށް ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފޭސްބުކާއި ޓްވިޓާއިން ވަނީ ޓްރަމްޕް ބޭރުކޮށްފަ އެވެ. ފޭސްބުކުން އަލުން ޓްރަމްޕަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމާނެ އެވެ.
ނަމަވެސް އޭގެ ކުރިން ޓްރަމްޕް މި ވަނީ އަމިއްލަފުޅު ހިޔާލުތައް މެސެޖެއްގެ ގޮތުގައި ލިޔުއްވުމުން ސަޕޯޓަރުންނަށް ސޯޝަލް މީޑިއާގައި އެ ޕޯސްޓު ޝެއާކުރެވޭ ވެބްސައިޓެއް ހަދާފަ އެވެ.

އަލަށް ލޯންޗުކުރި ވެބްސައިޓުގެ ނަމަކީ "ފްރޮމް ދަ ޑެސްކް އޮފް ޑޮނަލްޑް ޖޭ ޓްރަމްޕް" އެވެ. މިހާރު އެ ވެބްސައިޓުގައި ޓްރަމްޕް ލިޔުއްވާފައިވާ ޕޯސްޓުތަކުގައި ވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަކަރު ހެދި ކަމުގެ ތުހުމަތު ތަކުރާރު ކުރައްވާފަ އެވެ.
ޓްރަމްޕް ދައްކަވާ ސާބިތު ނުހިފޭ ވާހަކައިގެ މައްޗަށް ކުރައްވާ ޕޯސްޓުތައް ކަމަށް ބުނެ، ގިނަ ޕޯސްޓުތަކެއް މީގެ ކުރިން ފޭސްބުކާއި ޓްވިޓާއިން ރިމޫވްކޮށްފައި ވެ އެވެ.
އަލަށް ލޯންޗު ކުރި ވެބްސައިޓު މެދުވެރިކޮށް ޓްރަމްޕްގެ ޕޯސްޓުތައް ޝެއާކޮށް ލައިކް ކުރެވޭތީ އެކަމާ މެދު އަމަލު ކުރާނެ ގޮތެއް ފޭސްބުކާއި ޓްވިޓާއިން އަދި ހާމައެއް ނުކުރެ އެވެ.
ފޭސްބުކުން އަލުން ޓްރަމްޕަށް ފުރުސަތު ދިނުމާ މެދު މިއަދު ގޮތެއް ނިންމާއިރު، ޓްވިޓާއިން މީގެ ކުރިން ޓްރަމްޕަށް ދެން އެ ޕްލެޓްފޯމުން ދުވަހަކު ވެސް ޖާގައެއް ނުލިބޭނެ ކަމަށެވެ.










