މިދިޔަ އަހަރު އެމެރިކާގެ މިނިއަޕޮލިސްގެ މަގެއްގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލި ކަމުގެ ކުށް ސާބިތުވި ކުރީގެ ފުލުސް މީހާ އަލުން ޝަރީއަތް ހިންގައިދޭން އެދިއްޖެ އެވެ.
ޑެރެކް ޗައުވިންގެ ގާނޫނީ ޓީމުން ވަނީ ކުރިން ހިންގި ޝަރީއަތުގައި ހުރި މައްސަލަތައް ފާހަގަކޮށް ލިޔުންތައް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުސޫލަ ހިލާފަށް ޕްރޮސެކިއުޓަރުންނާއި ޖޫރީ ހިންގި ކަންކަމެވެ.
އުމުރުން 45 އަހަރުގެ ޑެރެކް ޗައުވިންގެ ކަކުލުން ފްލޮއިޑުގެ ކަރު މައްޗަށް އަރައިގެން ނުވަ މިނެޓަށް ވުރެ ގިނަ އިރު ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ މޭ މަހު އާއްމުވި އެވެ.
އެ ވީޑިއޯ ފެނި އެމެރިކާގައި ނަސްލީ ތަފާތު ކުރުމާއި ފުލުހުން ނަހަމަ ބާރު ބޭނުން ކުރުމާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބޭއްވި އެވެ.
ޗައުވިންގެ ގާނޫނީ ވަކީލު އެރިކް ނެލްސަން ވިދާޅުވީ އޭނާއަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭ ކަމަށެވެ. އެގޮތުން ޝަރީއަތުގެ ކުރިން އާއްމުންގެ ތެރޭގައި އޭނާގެ އަގު ވެއްޓޭ އެތައް ކަމެއް ހިންގާފައިވާ ކަމަށް ފާހަގަކޮށްފައި ވެ އެވެ.
މިދިޔަ މަހު ޗައުވިންއަށް މަރުގެ ކުށް ސާބިތުވުމާއެކު ހުކުމް އިއްވަން ދެން އޭނާ ހުރީ ބަންދުކޮށްފަ އެވެ. އަދަބެއްގެ ގޮތުން އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ. ހުކުމް އިއްވަން ތާވާލުކޮށްފައި ވަނީ އަންނަ މަހަށެވެ.










