ނިއު ދިއްލީ (މެއި 4) - އިންޑިއާގެ މަޝްހޫރު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވާދަކުރާ ޓީމުތަކުން ގިނަ އަދަދެއްގެ ކޮވިޑް-19 ކޭސްތަކެއް ފެންނަމުންދާތީ ލީގު ސަސްޕެންޑް ކުރަން ނިންމައިފި އެވެ.
އައިޕީއެލް މެދުކަނޑާލަން ނިންމީ މިއަދު އިންޑިއަން ޕްރިމިއާ ލީގުގެ ގަވާނިން ކައުންސިލާއި އިންޑިއާގެ ކްރިކެޓް ބޯޑް (ބީސީސީއައި) އިން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އެވެ. މުބާރާތް މެދުކަނޑާލިއިރު، މިހާތަނަށް ވަނީ 29 މެޗެއް ކުޅެފަ އެވެ.
އިންޑިއާގައި ކޮވިޑްގެ ނުރައްކާ އިންތިހާ އަށް ބޮޑުވެފައިވާއިރު، ފާއިތުވި 48 ގަޑިއިރު ތެރޭގައި އައިޕީއެލްގައި ވާދަކުރާ ގިނަ ޓީމުތަކަކުން ވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ރިޕޯޓްކޮށްފަ އެވެ. މިކަން އެންމެ ބޮޑަށް އައިޕީއެލްގެ ބޯޑުގެ ސަމާލުކަމަށް އައީ ކޮވިޑް ކޭސްތަކުގެ ސަބަބުން ރޯޔަލް ބެންގަލޫރު ޗެލެންޖް (އާރްބީސީ) އާއި ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) މެޗު ފަސްކުރަން ޖެހުމުންނެވެ. މެޗު ފަސްކުރަން ކުރަން ޖެހުނީ ކަލްކަތާ ޓީމުގެ ތެެރެއިން ކްލަސްޓާ އެއް އުފެދުމުންނެވެ. އެ ޓީމުގެ ދެ ކުޅުންތެރިންގެ އިތުރުން ކޯޗާއި ޓީމުގެ އެހެން އެހީތެރިއަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ބީސީސީއައި އިން ބުނީ ކޮވިޑްގެ ކޭސްތައް އިންޑިއާގައި އެތައް ގުނައެއް އިތުރުވިއިރު ވެސް މުބާރާތް ކުރިއަށްގެންދިޔައީ ޓީމުތަކުގެ މެދުގައި ކޭސްތަކެއް ނެތުމުން ކަމަށެވެ. އެކަމަކު މި ވަގުތު އެންމެ މުހިއްމީ ކުޅުންތެރިންގެ ސިއްހަތު ކަމަށާއި ކުޅުންތެރިންގެ މެދުގައި ކޭސްތައް އިތުރުވާ ވަގުތެއްގައި މެޗުތައް ކުޅުން ރަނގަޅުނުވާނެތީ ލީގު މެދުކަނޑާލަން ނިންމީ ކަމަށެވެ.
އައިޕީއެލް ޓީމުތަކުގައި ހިމެނޭ ބައެއް ބިދޭސީ ކުޅުންތެރިން ވަނީ މީގެ ކުރިން އެނބުރި ގައުމަށް ގޮސްފަ އެވެ. އިންޑިއާ އިން އޮސްޓްރޭލިއާ އަށް ދާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އޮސްޓްރޭލިއާ ސަރުކާރުން ނިންމުމާ ގުޅިގެން އައިޕީއެލްގެ ޓީމުތަކަށް ކުޅޭ ބައެއް ކުޅުންތެރިން ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.












