ކޮވިޑްގެ ނުރައްކާ މިދިޔަ އަހަރުގެ ކުރީކޮޅުގައި މުޅި ދުނިޔެ އަށް އަދި ހާއްސަކޮށް އޭޝިއާ ބައްރަށް ފެތުރިގެން ދިޔައިރު، އޭއެފްސީން ބާއްވަމުން އަންނަ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުރިއަށްދިޔަ އެވެ. އެކަމަކު ފަހުން ކޮވިޑް-19 ކޭސްތައް ފެތުރުން އިންތިހާ އަށް ގިނަވެ، އޭރު ހެދޭނެ އެހެން އެއްވެސް ގޮތެއް ނުފެނުމުން އެންމެ ފަހުން އޭއެފްސީން ދެ މުބާރާތް ވެސް މެދުކަނޑާލަން ނިންމި އެވެ.
ހާއްސަ ގައިޑްލައިންތަކަކާއި ސިއްހީ ޕްރޮޓޮކޯލްގެ ތެރެއިން އޭއެފްސީން ވަނީ މިދިޔަ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ފުރިހަމަކޮށްފަ އެވެ. އެކަމަކު އޭއެފްސީ ކަޕްގެ ހުރިހާ ގްރޫޕެއްގެ މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން ކުރި މަސައްކަތް ކާމިޔާބުނުވުމުން އެންމެ ފަހުގެ ނިންމުމެއްގެ ގޮތުގައި މިދިޔަ އަހަރުގެ މުބާރާތް އެއްކޮށް ކެންސަލްކުރި އެވެ.
މިިދިޔަ އަހަރު ލިބުނު ތަޖުރިބާތަކުގެ އަލީގައި އޭއެފްސީން މި ފަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވީ "ހުރިހާ ހާލަތަކަށް" ތައްޔާރުވެގެން ކަމަށް އެ ފެޑެރޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ސެންޓްރަލައިޒްކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ހޯސްޓްކުރުމުގެ ފުުރުސަތަށް ބިޑް ކުރަން ހުޅުވާލީ މީގެ ސިއްހީ ގޮތުން ބަލައި ފުރިހަމަކުރަން ޖެހޭ އެކި އެކި ކަންތައްތައް ކުރަން ޝަރުތުކުރުމަށް ފަހު އެވެ.
ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއީ ޔޫތު މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު އެފްއޭއެމުން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް މި މަހު މާލޭގައި ހޯސްޓްކުރަން ބިޑްކުރީ މީގެ ކުރިމަތިވާނެ ކަންކަމަށް ވަރަށް ރަނގަޅަށް ވިސްނައި ތައްޔާރުވެގެންނެވެ. ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަހާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް މި މަހު 14-21 އަށް މާލޭގައި ކުޅޭގޮތަށް އޮތީ ޝެޑިއުލްކޮށްފަަ އެވެ. އަދި އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު މި މަހު 11 ވަނަ ދުވަހު މާލޭގައި ކުޅެން ރޭވިފައި އޮތް ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

ތިމްޕޫއާ ދެކޮޅަށް ނުކުތް އީގަލްސްގެ ފުރަތަމަ އެގާރަ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ސަރަހައްދީ ގޮތުން ރާއްޖޭގެ ކްލަބްތަކަށް ކުޅެލަން ލިބޭ އޭއެފްސީ ކަޕްގެ މެޗުތަކަށް މި ވަގުތު އެޅިފައި އޮތް ހިޔަންޏަކީ ރާއްޖޭގައި ރެކޯޑް އަދަދަކަށް އަނެއްކާ ވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދިއުމާ މެދު ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން މަޝްވަރާކުރަމުން އަންނަ ކަމަށާއި މި ވަގުތު އެކަމާ ބެހޭގޮތުން ސީދާ ޖަވާބެއް ދެވެން ނެތް ކަމަށެވެ.
"ހެލްތު މިނިސްޓްރީން ނަންގަވާފައިވާ ސްޓޭންސަކީ އެކަން ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އެ އިންތިޒާމްތައް ރޭވިގެން ނޫނީ އެކަމަށް ހުއްދަ ނުދޭނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމުގެ ރައްކާތެރި ފިޔަވަޅުތަކަކީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތައް ކޮވިޑް ތެރޭގައި ބޭއްވުމުގައި ބޭނުންކުރި މޮޑިއުލް އަސްލަކަށް ބަލައި ސިއްހީ ކަމާބެހޭ މާހިރުންގެ ލަފާގެ މަތިން އޭއެފްސީން އެކުލަވާލާފައިވާ ޕްރޮޓޮކޯލްތަކެކެވެ. އޭގެއާ އެއްގޮތަށް އަމަލުކޮށްގެން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު މާލޭގައި އީގަލްސް އިން ވަނީ ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ. ތިމްޕޫ ދިޔައީ ޖުމްލަ ހަތަރު ދުވަސް މާލޭގައި ހޭދަކޮށްފަ އެވެ.
އޭއެފްސީ އޮޕަރޭޝަން ޕްރޮޓޮކޯލް އަށް ކަޅިއެއް
ސަރަހައްދީ މުބާރާތްތަކުގައި ކުޅުނަސް ނުކުޅުނަސް ފާއިތުވި 10 މަހެއްހާ ދުވަހު ގިނަ ކްލަބްތަކަކުން ތިބީ އަމިއްލަ ބަބްލް އެއްގެ ތެރޭގަ އެވެ. އޭއެފްސީ މުބާރާތްތަކުގައި ކުޅޭ ޓީމުތަކުން އެކަމަށް ދިން ސަމާލުކަން ވަރަށް ބޮޑެވެ. އެއީ އޭއެފްސީން އެ ފެޑެރޭޝަނުން ރާވާ ހިންގާ މުބާރާތަށް ހާއްސަ ޕްރޮޓޮކޯލެއް ގާއިމްކޮށްފައިވާއިރު، އޭގެ އަށް އަހުލުވެރިވާން ކްލަބްތަކުން މާ ކުރިން ތައްޔާރީތައް ފަށައިފި އެވެ.
އެ ޕްރޮޓޮކޯލްގައި ހުުރި މުހިއްމު ކަންތައްތަކަށް ނަޒަރު ހިންގާލާއިރު، މިއީ ވަރަށް ފުރިހަމަ އަށް ދިރާސާ ކުރެވިގެން އެކުލަވާލެވިފައިވާ ހަރުކަށި ގައިޑްލައިންތަކެއްކަން ގަބޫލުކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ހުރި މުހިއްމު ކަންތައްތައް:
- އޭއެފްސީ ކަޕްގެ ކަންކަމާ ގުޅޭ އެއާޕޯޓް/ ހޮޓެލް/ ސްޓޭޑިއަމް/ ޓްރެއިނިން ދަނޑު/ ހޮސްޕިޓަލް ނޫނީ ކްލިނިކް/ އެ ނޫން ވެސް ފެސިލީޓީތައް ގައިދުރުކަން އިސްކުރެވޭނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ހުުރުން އަދި މި ހުރިހާ ތަނަކުން ހެލްތު އިމަޖެންސީ ހިދުމަތް ލިބެން ހުރުން.
- ހޯސްޓް ކުރާ ގައުމަކުން ބޭނުން ވަގުތެއްގައި ކުޅުންތެރިންގެ ރޭންޑަމް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުރުން.
- ކުޅުންތެރިންނާއި އޮފިޝަލުން ތިބޭ ސަރަހައްދުތައް ގަވާއިދުން ޑިސްއިންފެކްޓް ކުރުމާއި ސެނިޓައިޒްކުރުމުގެ ވަސީލަތްތައް ތަރުތީބުވެފައި ހުރުން. (ޓީމުގެ ބެންޗާއި މެޗު އޮފިޝަލުންގެ ރޫމް ވެސް ހިމެނޭ ގޮތަށް)
- ސްޓޭޑިއަމްގައި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭކަން އަންގައިދޭން ސްޓިކާ ހަރުކޮށްފައި ހުރުން.
- ކުޅުންތެރިންނާއި އޮފިޝަލުން ސްކޭން ކުރެވޭނެ ދެ ސްޓޯލެއް ބެހެއްޓުން. އަދި ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓްކުރާއިރު 37.5 އަށް ވުރެ ހޫނުމިން މައްޗަށް ހުރެފިނަމަ 10 މިނިޓް ތެރޭގައި އެންމެ ލަސްވެގެން އިތުރު ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން. އިތުރު ޓެސްޓަށް ފަހު ވެސް ކުޅުންތެރިޔާގެ ހޫނުމިން 37.5 އަށް ވުރެ މަތީގައި ހުރެފިނަމަ ވަގުތުން ލޯކަލް މެޑިކަލް އޮފިސަރާ އެކު އިތުރަށް ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުން.
- ކޮންމެ ޓީމެއް މުބާރާތަށް އަމިއްލަ ގައުމުން ފުރުމުގެ ކުރިން އޭއެފްސީގެ މިންގަނޑަށް ފެތޭ ޕީސީއާރް ޓެސްޓެއް ކުރުން. ކުޅުންތެރިން މުބާރާތް ކުޅޭ ގައުމުގައި ތިބޭ ހޮޓަލް އަށް ޗެކިން ވުމުގެ ކުރިން ކޮވިޑް އަށް ޓެސްޓް ކުރުން.
މީގެ އިތުރުން ވެސް އޭއެފްސީގެ އޮފިޝަލުންނަށް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަންކަން އެ ވަގުތަކަށް ބަލައި އޮންނަ އުސޫލުތަކުގެ ތެރެއިން އިތުރު ފިޔަވަޅުތައް އަޅާނެކަން ވަނީ ޕްރޮޓޮކޯލް މެދުވެރިކޮށް އަންގައިފަ އެވެ.
ޕްރޮޓޮކޯލަށް އަހުލުވެރިވުން ނޫން ގޮތެއް ޓީމުތަކަށް ނެތް
ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކަށް މާލެ އަންނާނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އަދި ޕްލޭއޮފް މެޗަށް އިންޑިއާގެ ބެންގަލޫރު ވެސް އަންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
ސިއްހީގޮތުން ސަލާމަތީ ކަންކަމަށް ބަލާފައި އިންޑިއާ އިން ރާއްޖެ އަންނަ މީހުން 14 ދުވަހަށް ކަރަންޓީނު ކުރަން އެޗްޕީއޭ އިން ރޭ އިއުލާނުކުރި ފިޔަވަޅުތަކުގެ ތެރެއިން ވަނީ ނިންމައިފަ އެވެ. އެ އުސޫލުން ބަލާނަމަ އޭއެފްސީ ކަޕްގައި ވާދަކުރަން އަންނަން އޮތް އެއްވެސް ޓީމަކަށް އެ ވަރުގެ ކަރަންޓީނު މުއްދަތެއް ހޭދަކޮށްފައި ޝެޑިއުލްގައި އޮތްގޮތަށް މެޗުތައް ނުކުޅެވޭނެ އެވެ. ޝެޑިއުލާ އެއްގޮތަށް މެޗުތައް ބާއްވާނަމަ ޖެހޭނީ އުސޫލުގެ ތެރެއިން ގޮތްތަކެއް ހޯދާށެވެ.
އުސޫލުތަކުގެ ތެރެއިން ހައްލެއް ހޯދަން ބަލާއިރު، މީގެ ވިސްނަން ޖެހޭ އެންމެ ބޮޑު ކަމަކީ މެޗުތައް ކުޅެން އަންނަ ޓީމުތަކުގެ ހާލަތެވެ. ބެންގަލޫރާއި މޯހަން ބަގާން މިދިޔަ އަށް މަސް ދުވަސް އޮތީ ކޮވިޑް-19 އިން ރައްކާތެރިވާން ސޭފްޓީ ބަބްލްއެއްްގެ ތެރޭގަ އެވެ. އިންޑިއާގެ ލީގުތަކުގައި މި ޓީމުތައް މި ކުޅުނީ ކޮވިޑްގެ ނުރައްކަލުގެ ތެރޭގައި ވެސް މި ބަބްލް ޕްރޮޓޮކޯލްގެ ތެރެއިން ހުރިހާ ކަމެއް ކޮށްގެންނެވެ. ކުޅުންތެރިން ގަވާއިދުން ޓެސްޓް ކުރުމާއި ބޯޅަތައް ސެނިޓައިޒްކުރުން ފަދަ ކަންކަން ކުރީ އޭއެފްސީގެ މިންގަނޑަށެވެ.
ބެންގަލޫރު މި ވަގުތު ތިބީ ދާދި ފަހުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ހޯސްޓްކުރި އިންޑިއާގެ ގޯއާގަ އެވެ. ދާދި ފަހުން ބެންގަލޫރުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ އިންޑިއާ އަށް ކުރިމަތިވެފައި މިވާ ކޮވިޑް-19ގެ މި އުނދަގޫ ވަގުތުގައި އާއިލާއާ ދުރުގައި ކުޅުންތެރިން ކުރަން ޖެހޭ ތަޖުރިބާތަކުގެ މައްޗަށް ވީޑިއޯތަކެއް ހިއްސާކޮށްފަ އެވެ.

ބެންގަލޫރުގެ ކުޅުންތެރިން ގޯއާގައި ކުރިއަށްގެންދާ ޓްރެއިނިން އެއްގެ ތެރެެއިން.-- ފޮޓޯ: ބެންގަލޫރު
އޭއެފްސީ މިންގަނޑުތަކަށް ފެތޭ ޕްރޮޓޮކޯލެއްގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ބަންގްލަދޭޝް އިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ލީގު އަލުން ފަށައިފަ އެވެ. ބަޝުންދުރާ ވަނީ އަލުން ބަންގްލަދޭޝްގެ ލީގު ފެށި ފަހުން މެޗެއް ކުޅެފަ އެވެ. މިއަދު ދެ ވަނަ މެޗަށް ބަޝުންދުރާ ނުކުންނާނެ އެވެ. ޝެޑިއުލްގައިވާ ގޮތުން މިއީ އޭއެފްސީ ކަޕްގެ ކުރިން ބަޝުންދުރާ ބަންގްލަދޭޝް ލީގުގައި ކުޅޭ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ.
ޕްރޮޓޮކޯލްގައި ބުނާގޮތުން ކޮންމެ ޓީމެއް ވެސް އަމިއްލަ ގައުމުން ފުރަން ޖެހޭނީ ނެގެޓިވް ޕީސީއާރް ޓެސްޓްގެ ނަތީޖާއެއް އޮތް ކުޅުންތެރިންނާ އެކު އެވެ. އަދި މާލެ އައިސް މި ޓީމުތަކުން އިތުރު ޓެސްޓެއް ކުރާނެ އެވެ. ތިމްޕޫ ސިޓީ ވެސް މިދިޔަ މަހު މާލޭގައި ވަނީ އެ ގޮތަށް އަމަލުކޮށްފަ އެވެ.
ރާއްޖޭން މެޗުތައް ހޯސްޓް ކުރި ނަމަވެސް މީގެއިން ރާއްޖޭގެ ކްލަބެއް ވެސް އިސްތިސްނާނުވާނެ އެވެ. ރާއްޖޭގެ އީގަލްސް އިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ތިމްޕޫއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ހޮޓެލް ޖެންގައި ކޭމްޕް ކުރިއިރު، އެ ތަނަށް ޗެކިން ވުމުގެ ކުރިން ވަނީ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓްކޮށްފަ އެވެ.
އޭއެފްސީން ކަނޑައަޅާފައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި ކުޅޭ އެއްވެސް ޓީމެއް ކުޅޭ މާހައުލުން ބޭރުން އެއްވެސް މީހަކާ ބައްދަލެއް ނުވެވޭނެ އެވެ. އެގޮތުން ބަލާއިރު ރާއްޖޭގެ މާޒިޔާ ވެސް މުބާރާތުގައި ވާދަކުރާއިރު ސޭފްޓީ ބަބްލް ތެރެއަށް ވަންނަން ޖެހޭނެ އެވެ. އެ ބަބްލް އިން ބޭރުން އެއްވެސް މީހަކާ ބައްދަލެއް ނުވެވޭނެ އެވެ. އެނގިފައިވާ ގޮތުގައި މި މަހު 10 އިން ފެށިގެން ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ނިޔަލަށް މާޒިޔާ ކުޅުންތެރިންނާއި އޮފިޝަލުން ރަސްމީކޮށް ސޭފްޓީ ބަބްލް ތެރެއަށް ވަދެ ކޭމްޕް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ދަނޑިވަޅުގެ ގޮތުން އޭއެފްސީ ކަޕްގެ މެޗުތައް އޮތުން ގައުމީ ޓީމަށް ވެސް މުހިއްމު
ކޮވިޑްގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލައި ސެންޓަރަލައިޒްކޮށް އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު ލިބިފައިވާ ބައެއް ގައުމުތަކުން ވަނީ މެޗުތައް ފަސްކުރަން ވެސް ހުށަހަޅައިފަ އެވެ. އެކަމަކު މި ވަގުތު ރާއްޖެ އަށް ފުޓްބޯޅައިގެ ނަޒަރުން ހާލަތު މެދުވެރިވެފައިވާ ގޮތަށް ބަލާއިރު، އޭއެފްސީ ކަޕްގެ މެޗުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދިއުން ވަރަށް މުހިއްމެވެ.
ސަބަބަކީ މި މަހު 30 އިން އަންނަ މަހުގެ 15 އަށް ޗައިނާގައި ކުރިއަށްދާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ގައުމީ ޓީމަށް ތައްޔާރުވާން ބަލާއިރު ދިވެހި ކުޅުންތެރިންނަށް ރަނގަޅު ލެވަލެއްގެ އިންޓަނޭޝަނަލް މެޗުތަކެއް ލިބޭނެތީ އެވެ.
ކޮލިފައިން މެޗުތައް ފަސްކުރަމުން އައިސް މި އަހަރު ޖޫން މަހު ޗައިނާގައި އެ މެޗުތައް ބާއްވަން ނިންމިއިރު، ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ މިިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވި މާޓިން ކޫޕްމަން މިހާތަނަށް ޓީމު ގޮވައިގެން ރަސްމީ މެޗަކަށް ނުނިކުމެ އެވެ. އޭއެފްސީ ކަޕް މިހާރު އޮތް މުއްދަތުގައި ކުޅެފައި ކޮލިފައިން މެޗުތަކަށް ގައުމީ ޓީމު ގޮވައިގެން ދިއުމަކީ ނަތީޖާ ނެރެން ބަލާއިރު ކޫޕްމަން އަށް އޮތް ޕްރެޝަރަށް ލިބޭނެ ލުޔެކެވެ. އެހެންވެ މި ދަނޑިވަޅަށް ބަލާފައި އޭއެފްސީ ޕްރޮޓޮކޯލް އިން އެ އޮތް އުސޫލުތަކުގެ ތެރެއިން އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށް ގެންދިއުން މުހިއްމެވެ.
ރާއްޖޭގައި މި އެޅި ފިޔަވަޅުތަކާ އެކު މާލޭގައި މި މަހު އޭއެފްސީ ކަޕްގެ މެޗުތައް ބޭއްވިދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓްރީން އަންނަނީ އެޗްޕީއޭއާ މަޝްވަރާކޮށްގެން އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ހައްލުތަކެއް ހޯދަން މަސައްކަތްކުރަމުންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މިއަދު "އަދަދު" އަށް ވިދާޅުވީ އޭއެފްސީ ކަޕްގެ ކަންތައްތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި މިހާރު ވެސް އޮތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.













