ރާއްޖެ އާއި ދުނިޔޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އޭ ލެވެލްސް އިމްތިހާނުގެ ކެމިނިސްޓްރީ ޕޭޕަރު ވެސް ލީކް ކޮށްލައިފި އެވެ.
ކެމިސްޓްރީ ޕޭޕަރު އިންޓަނެޓްގައި މިއަދު ހެނދުނު ލީކް ކޮށްލާފައިވާއިރު އެ ޓެސްޓް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މިއަދު 1:30 ގަ އެވެ. މިދިޔަ ހަފުތާގައި ވަނީ ފިޒިކްސް ޕޭޕަރާއި ބައިލޮޖީ ޕޭޕަރު ވެސް ލީކް ކޮށްލައިފަ އެވެ. ޕޭޕަރުތައް ލީކް ކުރަނީ ރާއްޖޭން ބޭރުންނެވެ.
ޓެސްޓް ޕޭޕަރު ލީކް ކޮށްލުމާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކަންބޮޑުވުން ފާޅު ކުރި ބެލެނިވެރިއަކު ބުނީ ޕޭޕަރިތައް ލީކްވާއިރު އެ ޕޭޕަރުތައް ހަދަން ޖެހުމާއި އިމްތިހާނާ ބެހޭ ފުރިހަމަ މައުލޫމާތު ކުދިންނަށް މިނިސްޓްރީން ނުދޭ ކަމަށެވެ. އެހެންކަމުން މިއަދު މިނިސްޓްރީ ދޮށަށް އެއްވެ އިހުތިޖާޖު ކުރަން ބައެއް ބެލެނިވެރިން ވަނީ ނިންމައިފަ އެވެ.
"ކުދިންނަށް މިހާރު ޕޭޕަރު ފެނިއްޖެ. ދެން ކީއްކުރާ ޓެސްޓެއް؟ މިހާ ހިސާބަށް ދިޔަ އިރު ވެސް އެޑިއުކޭޝަނުން ފިޔަވަޅެއް ނާޅާ،" ސީއެޗްއެސްއީގެ ބެލެނިވެރިއަކު "އަދަދު" އަށް ބުންޏެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ ޕޭޕަރު ލީކްވާ މައްސަލައިގައި އިނގިރޭސިވިލާތުގެ އެ އިމްތިހާނު ދޭ އެގްޒެމިނޭޝަން ބޯޑާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ހުށަހެޅުމަކީ ލީކްވި ޓެސްޓްތައް އަލުން ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިދިޔަ ހަފްތާގައި ވިދާޅުވީ އެޑެކްސެލްއިން ގޮތެއް ނިންމަންދެން ރާއްޖޭގައި އިންތިހާނު ކުރިއަށް ގެންދާނެ ކަމަށެވެ.












