ޖައްވުގައި 160 ދުވަސް ހޭދަ ކުރި ހަތަރު އެސްޓްރޮނޮޓުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ދޫކޮށް ސްޕޭސް އެކްސްގެ ޖައްވީ އުޅަނދެއްގައި ދުނިޔެއަށް އައުމުގެ ދަތުރު ފަށައިފި އެވެ.
އެ އުޅަނދު ދުނިޔެއަށް ތިރި ކުރާނީ އެމެރިކާގެ ފްލޯރިޑާގެ އައްސޭރި ފަށާ ދިމާލުން ކަނޑަށެވެ. ސްޕޭސް އެކްސްގެ "ކްރޫ ޑްރެގަން" ކެޕްސޫލް އައިއެސްއެސް އިން ނައްޓާލީ ރޭގެ ވަގުތެއްގަ އެވެ.
ހަތަރު އެސްޓްރޮނޮޓުން ދުނިޔެއަށް އައުމުގެ ދަތުރަށް ހަ ގަޑިއިރާ ބައި ހޭދަވާނެ އެވެ. ނާސާއިން ވަނީ ކްރޫ ޑްރެގަން ދަތުރު ފެށި މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަނީ އައިއެސްއެސް އިން ނައްޓާލުމަށް ފަހު އަނދިރީގެ ތެރެއިން އެ އުޅަނދު ދަތުރު ކުރާ މަންޒަރެވެ. ނާސާއިން ބުނީ އުޅަނދުގައި އެކަށީގެންވާ އަލިކަން ހުންނާނެ ކަމަށާއި އޭތި ދުނިޔެއަށް ތިރި ކުރާ ސަރަހައްދުގެ މޫސުން ވެސް ރަނގަޅު ކަމަށެވެ.
ފްލޯރިޑާ ކައިރިން ކަނޑަށް އުޅަނދު ތިރި ކުރުމާއެކު ސްޕޭސް އެކްސްގެ ބޯޓުތައް 10 މިނެޓުގެ ތެރޭގައި އެ ސަރަހައްދަށް ގޮސް އެސްޓްރޮނޮޓުން ނަގާނެ އެވެ.
އައިއެސްއެސްގައި ތިބި އެ ހަތަރު އެސްޓްރޮނޮޓުން ދުނިޔެއަށް އައުމުގެ ދަތުރު ފެށުމުން މިހާރު އެ ތަނުގައި ތިބީ ހަތް އެސްޓްރޮނޮޓުންނެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ މިދިޔަ ހަފްތާގައި ސްޕޭސް އެކްސްގެ އެހެން އުޅަނދެއްގައި ޖައްވަށް ދިޔަ މީހުންނެވެ.
މިހާރު ދުނިޔެއަށް ދަތުރު ކުރަމުންދާ އެސްޓްރޮނޮޓުން، އެމެރިކާގެ މައިކަލް ހޮޕްކިންސް އާއި ވިކްޓާ ގްލޮވާ އަދި ޝެނަން ވޯކާ އަދި ޖަޕާނުގެ ސޮއިޗީ ނޮގޫޗީ ޖައްވަށް ދިޔެއީ މިދިޔަ ނޮވެމްބަރު މަހު އެވެ.










