ލަންޑަން (މެއި 1) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޓޯކް ސްޕޯޓްގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ދާދި ފަހުން ޓޮޓެންހަމް ހޮޓްސްޕާސް އިން ވަކިކުރި ކޯޗު ހޯސޭ މޮރީނިއޯ އެއްބަސްވެއްޖެ އެވެ.
މީގެ ކުރިން މޮރީނިއޯ ވަނީ އިނގިރޭސި ތިން ނޫހެއް ކަމަށްވާ ދި ސަން، ޓައިމްސް އަދި ސަންޑޭ ޓައިމްސްގައި ޔޫރޯ ތެރޭގައި ކޮލަމް ލިޔަން ވެސް އެއްބަސްވެފަ އެވެ.
ޖޫން މަހު ފަށާ ޔޫރޯގައި ޓޯކް ސްޕޯޓްގެ ކަވަރޭޖްގައި މޮރީނިއޯ ބައިވެރިވާނީ މެޗުގެ ކުރިންނާއި މެޗަށް ފަހު ފޯންކޯލް އެނަލިސްޓެއްގެ ގޮތުގަ އެވެ. މޮރީނިއޯ އަށް ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރު ލިބޭ މި އެއްބަސްވުމުގެ ދަށުން ޓޯކް ސްޕޯޓާ އެކު އިންގްލެންޑްގެ ގްރޫޕްގެ ތިން މެޗާއި ގަދަ 16 ޓީމުގެ ބުުރުގެ މެޗަކާއި ކުއާޓާ ފައިނަލް ދެ މެޗާާއި ސެމީ ފައިނަލް އެއް މެޗު އަދި ފައިނަލް މެޗުގައި މޮރީނިއޯ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މޮރީނިއޯ ބުނީ ޓޯކް ސްޕޯޓް އަކީ ސަޕޯޓަރުންގެ ސްޓޭޝަނެއް ކަމަށާއި ފުޓްބޯޅައިގެ ރޫހު އޮންނަ ސަޕޯޓަރުން ބައިވެރިވާ ޝޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން މަސައްކަތް ފަށަން ކެތްމަދުވެފައި ހުރި ކަމަށެވެ.
"ޔޫރޯ އަކީ އަހަރެން ވަރަށް ގަޔާވާ މުބާރާތެއް. ސަޕޯޓަރުންގެ ވެސް އެ ފޯރި އޮންނާނެކަން އެނގޭ. ޓޯކް ސްޕޯޓްގެ ޓީމު މި އޮތީ ވަރަށް ފޯރީގައި ޔޫރޯ ގެނެސްދޭން ތައްޔާރަށް. އަހަރެން މި ކަވަރޭޖްގައި ބައިވެރިވޭތީ އުފާކުރަން،" ކޯޗިން ކެރިއަރުގައި 25 ޓްރޮފީ ކާމިޔާބުކޮށްފައިވާ މޮރީނިއޯ ބުންޏެވެ.
ޓޯކް ސްޕޯޓްގެ ހެޑް ލީ ކްލޭޓަން ބުނީ މޮރީނިއޯ އެ ޓީމާ ގުޅުމަކީ "ބޮކްސް އޮފީސްގެ ތަރިއެއް"ގެ ސޮއި ހޯދުން ފަދަ ކަމެއް ކަމަށާއި މި ފަަހަރުގެ ޔޫރޯ އަށް ޓޯކް ސްޕޯޓްގެ ޓީމު އިތުރަށް ފުރިހަމަވެގެން ގޮސްފި ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މޮރީނިއޯ ވަކިކުރި ފަހުން ޓޮޓެންހަމާ ހަވާލުވުމާ ދެމެދު އަހަރެއްހާ ދުވަސް ނެގި އެވެ. އެ މުއްދަތުގައި އޭނާ ވަނީ ސްކައި ސްޕޯޓްސްގެ ސްޓޫޑިއޯ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި އިންޓަ މިލާނަށް ކާމިޔާބީތަކެއް ހޯދައިދިން މޮރީނިއޯ ބުނީ ޓީމަކާ ހަވާލުވާން އެކި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ..












