އިޒްރޭލުގައި ބޭއްވި ދީނީ ފެސްޓިވަލެއްގައި ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ ފިތި ބާރުވުމުގެ ސަބަބުން 45 މީހުން މަރުވި ހާދިސާ ތަހުގީގު ކުރައްވާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އެ ހާދިސާ ހިނގި މައުންޓް މެރޮން ސަރަހައްދަށް ވަޑައިގެން ނަތަންޔާހޫ ވިދާޅުވީ ތަހުގީގު ކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާއެއް މެދުވެރި ނުވާނެ ގޮތްތަކެއް ހޯދުން ކަމަށެވެ.
ފެސްޓިވަލަށް ޖަމާވި މީހުންގެ ތެރެއިން 45 މީހުން މަރުވިއިރު، 150 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މީހުން ފިތި ބާރުވުމަށް މެދުވެރިވީ ފެސްޓިވަލް ނިންމާލުމަށް ފަހު ދިޔުމުގެ މަގުމަތީގައި ހިމަ ގޯޅިއެއްގެ ތެރެއަށް އެއް ފަހަރާ ގިނަ ބަޔަކު ވަނުމުން ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ބާއްވާ އެ ފެސްޓިވަލުގެ އިންތިޒާމްތައް ހުންނަ ގޮތުން މިފަދަ ހާދިސާއެއް ހިނގާފާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ސްޓޭޓް ކޮމްޕްޓްރޯލާޒް އޮފީހުން 2008 އަދި 2011 ގައި ދީފައި ވެއެވެ.
އެއް ލައްކައަށް ވުރެ ގިނަ މީހުން ޖަމާވި ފެސްޓިވަލުގައި ހިނގި އެ ހާދިސާއާ ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.










