ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ގެ ކައިރިއަށް ޒުވާނުންތަކެއް އެއްވެ މުޒާހަރާކުރަން ފަށައިފި އެވެ.
މިރޭ 10:00 ކަންހާއިރު މައިމޫނާ ދިރިއުޅުއްވާ ހުޅުމާލޭ 128 ނަމްބަރު ފްލެޓް ކައިރިއަށް ޒުވާނުންތަކެއް އެއްވެ އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަމުން ދަނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ފުޓްސެލް މުބާރާތެއް ކޮވިޑްގެ ސަބަބުން ހުއްޓުވުމާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދަށް ބަޔަކު އެއްވެ އުޅޭތީ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ މުޒާހަރާއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާ ވެސް ވަނީ އިތުރުވާން ފަށައިފައިވާއިރު އިއްޔެ އެކަނި ވެސް 400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 318 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 134 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.













