ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

"މާލޭ ކުއްޖެކޯ. ގެ ވެސް ހުންނަނީ ހަތް ބުރިއަށް ނަގާފަޔޯ. ދެ ބެންނޯ ތިބެނީ. ރަނގަޅަށް ކިޔަވައިގެން ސަރުކާރު ވަޒީފާއެއްގަޔޯ އުޅެނީ ވެސް.

"ތި އޮތީ ފާސްވެފަ. އޭ ރިޕޯޓް ލިބިފަ. އަހަރެމެން ކުއްޔަށް އުޅޭ އުޅުމަށް އިރާދަކުރެއްވިއްޔާ ދެން މި ނިމުން އައީ. މަށަށް މާ ކުރިން ވެސް އެނގޭ މަގޭ ދަރިއަކު ވިޔާނުދާ މަގަކުން ނުހިނގާނެކަން. ބަދޫރާ އަޅެ އުފަލެއް ނުވޭތަ؟" އިޤުބާލުގެ ކޮލުދަތްކޮޅަށް ދާންދެން ފެންނާން ހުއްޓެވެ.

"މަ ކީއްވެ ވަކި އުފާ ނުވާންވީ؟ މަގޭ ވެސް ދަރިއެއް ވިއްޔަ އެއީ."

"ބުނޭ އަވަހަށް ތި ކަން ނިންމަން އުޅޭށޭ! ލަސްކުރާން ތިބޭން ހަދައިގެން ހަތް ބުރި އިމާރާތް އަތުން ބީވެދާނެ!"

ބަދޫރާއަށް ޗޮކެއް ކަނޑައިލެވުނެވެ. އެއްޗެއް ބުނާން ވެސް ބޭނުންވިއެވެ. ދުނިޔޭގެ ދަހިވެތިކަމަށް ތިހައި ބޮޑަށް ނުހެއްލޭށޭ ކިޔައި، ވިސްނައިދޭން ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ކަހަލަ އެއްޗެއް ބުންޏަސް، އިޤުބާލުގެ ގާތަށް އަންނާނީ ރުޅިކަން އޭނާއަށް އެނގެއެވެ.

އިރާކޮޅުގެ ވަގުތެވެ. ކަޅުފޮއި މޫސުމުގެ އަނދިރި ރޭތަކުގެ ތެރެއިން ރެއެއް ކަމަކު، އެ އަނދިރިކަމަކަށް މަގުތަކުގައި ޖާގައެއް ނެތެވެ. ޒަމާނީ ތަރައްޤީގެ ހުދު އަލިން މަގުތައް ވަނީ، ހުޅުދާންކޮށްފައެވެ. ދުއްވާފައި ދާ ބައިސްކަލު، ސައިކަލު ކާރު ފަދަ ތަކެތީން، މަގުތަކުގެ ފަޅުކަން، ދޭތެރެދޭތެރެއިން ފޫދުއްވާލައެވެ.

އާދައިގެ ހިނގުމެއްގައި ނަޖާހު އައިސް މަޑުކޮށްލީ، ޝިމާނާމެންގެއާ ވިއްސަކަށް ތިރީހަކަށް ފޫޓު ދުރުގައެވެ. ކުރީ ރެއާ ޚިލާފަށް މި ރޭ އޭނާ ފެންނަލެއް ވަރަށް ތަފާތެވެ. އެ ރޭ ލައިގެން ހުރި ބާ ޓީޝާޓުގަނޑުގެ ބަދަލުގައި، މި ރޭ ލައިގެން ހުރީ ރީތި އާ ގަމީހެކެވެ. ބާ ފަޓުލޫނުގެ ބަދަލުގައި، އާ ޖީންސެކެވެ. ހަވީރު ފިންޏަށް އަރާ ކަހަލަ ރީތި ފައިވާނެކެވެ. ފަހުން ދޭ ގޮތަށް ކަމާލުއަތުން ފަސް ސަތޭކަ ރުފިޔާ ނަގައިގެން ހެދުން އާ ކުރީ، ޝިމާނާ ކަހަލަ ރީތި ކުއްޖަކާ ބައްދަލުވާން އަންނައިރު، ރީތިކޮށް ނަލަހެދުމަކީ، ކުރާންޖެހޭނެ ކަމެއްކަމަށް ޤަބޫލުކުރެވޭތީއެވެ.

ޝިމާނާމެން ގޭ ދޮށަށް ނަޖާހު އައީ ޝިމާނާއަށް ގުޅާފައެވެ. ބޭރުގައި އުޅޭ ވާހަކަ ޝިމާނާ ބުނުމުން، އެނބުރި ގެއަށް އަންނާން ވާއިރަށް އައީއެވެ. ޝިމާނާ ދެކިލާ ހިތުންނެވެ. ވާހަކަދައްކައިލާން ބޭނުންވާތީއެވެ. ޝިމާނާ ބޭނުން ނަމަ، އެކުގައި ހިނގައިލާން ދާން ހިތް އެދޭތީއެވެ.

ޝިމާނާގެ އިންތިޒާރުގައި މާ ގިނައިރު ހުންނާކަށް ނަޖާހަކަށް ނުޖެހުނެވެ. ގެއާ ދިމާއަށް ޝިމާނާ އަންނަތަން ފެނިއްޖެއެވެ. ޝިމާނާ ފެނުމާއެކު، ނަޖާހުގެ ހިތް ތެޅޭން ފެށިއެވެ. އެއީ ޝިމާނާ ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ވާ ގޮތެކެވެ. މަޑު ނޫކުލައިގެ ހެދުމަކާއި ހުދު ކުލައިގެ ދޯޕައްޓާއެއްގައި ޝިމާނާ ފެންނަލެއް މި ރޭ އަދި ވަކިން ރީއްޗެވެ.

ޝިމާނާގެ ރީތި ސޫރަ ފެނިފައި، ނަޖާހުގެ މޫނުމަތި އަލިވެ އުޖާލާވިއެވެ. ހަމައެއާއެކު ނަޖާހު ފެނިފައި ފޫހިކަމާއި ނުތަނަވަސްކަމުގެ ތޫފާނެއް ޝިމާނާގެ މޫނުމަތީގައި އުފެދުނެވެ. ނަޖާހު ގުޅީމުން ބޭރުގައޭ ބުނީ ވެސް، އޭނާގެ ކިބައިން ފަސޭހައިން ސަލާމަތްވާށެވެ. އެހެންނަމަވެސް މި ވީ އެހެނެއް ނޫނެވެ. އެހެރީ އައިސް ވިއްދާފައެވެ. މި ޖެހުނީ ފިސާރި ކަމާއެވެ. ޝިމާނާގެ ސިކުނޑިއަށް ބަރުވާން ފެށިއެވެ. ޝިމާނާ ބޭނުންވީ، ފެންނަ ކަމަށް ވެސް ނުހަދައި، ދާގޮތަށް ގޮސް ގެއަށް ވަންނާށެވެ.

"ހާދަ އިރެއްވެއްޖޭ އިންތިޒާރު ކުރާތާ." ޝިމާނާ އަރައި ހަމަވުމުން، އުފަލުން ފުރިފައި ހުރި މޫނަކާއެކު ނަޖާހު ހިނިތުންވެލިއެވެ.

ނަޖާހު ވާހަކަ ދައްކަން ފެށުމުން، ޝިމާނާއަށް ޖެހުނީ މަޑުކުރާށެވެ. އަޑު ނީވޭ ކަމަށް ހަދާފައި ދެވިވެސްދާނެއެވެ. އެހެންނަމަވެސް އެއީ ރީތިކަމެއް ނޫނެވެ. ހުތުރު ކަމަކެވެ.

"ކީއްކުރަން ގޭދޮށަށް ތި އައީ؟"

"ބޭރުގަ އުޅޭ ވާހަކަ ބުނީމަ ހިތަށް އެރީ ގޭދޮށަށް އަންނާނީއޭ. އޭރުން ހަމަ ގައިމުވެސް ގެއަށް އަންނަ ވަގުތު ދިމާނެއެއްނު."

ނަޖާހާއި ޝިމާނާ ގޭ ދޮށު މަގުމަތީގައި ވާހަކަ ދައްކާން ތިއްބާ، އިޤުބާލު އަންނަތަން ފެނިއްޖެއެވެ. އޭނާގެ ބޮލުގައި އޮތް ތާކިޔާ ހެކިދެނީ، އޭނާ އެ އަންނަނީ މިސްކިތުން ފައިބައިގެން ކަމެވެ. މި ދެ ކުދިންނަށް އިޤުބާލު ނުފެނުނު ނަމަވެސް، އިޤުބާލަށް މި ދެ ކުދީން ފެނިއްޖެއެވެ. މަންޒަރު ފެނުމާއެކު އޭނާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އެރިއެވެ. ދެ އަތް ފުރަގަހަށް ލައިގެން އިރުކޮޅަކު ވިސްނައިލާން ހުރެފައި، އޭނާ ކުރިއަށް ހިނގައިގަތެވެ. މަގުގެ އެއް ފަރާތުން، ހިންޏެއް ވެސް މަރުނުވާހައި މަޑުން ފިޔަވަޅު އަޅަމުންނެވެ.

"މިހާރު އެ އޮތް އަށެއް ޖަހަނީނު. މި ރޭ އޮލިމްޕަހަކަށް ނުދަމުތަ؟" ޝިމާނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ނަޖާހު ފޮނުވައިލާށެވެ. މި ހެން މަގުމަތީގައި ތިބެ، މީހުންނަށް އިޝްތިހާރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ދަންނަ މީހަކަށް ފެނިގެން ފައިރޫޒާ ހަމައަށް ބޮޑު ޚަބަރެއްގެ ގޮތުގައި މި ކަން ދާކަށް އޭނާ ނޭދެއެވެ.

"އާނ، މި ރޭ މި އައީ ނުދާނެ ވާހަކަ ބުނެފަ."

"ކީއްވެ ނުދަނީ؟ ވަޒީފާއަށް ފަރުވާކުޑަ ކުރާކަށް ނުވާނެ!"

"އެއަށްވުރެ މުހިއްމު ކަމެއް އޮތީމަ" ޝިމާނާއާ ހަތަރުކަޅި ހަމަކޮށްލަމުން ނަޖާހު ބުންޏެވެ.

"ކޮންކަމެއް؟" ނޭނގޭކަމަށް ޝިމާނާ ހެދިއެވެ.

ހިނގާ މި ރޭ އެއްޗެއް ކާލަން ތަނަކަށް ގޮސްލަން. މަ ބުނީމެންނު ވަރަށް މުހިއްމު ވާހަކައެއް ވެސް ދައްކާލަންވެފަ އެބަ އޮތޭ"

"އެއްޗެއް ކައިލާށޭ؟ ލާހިކެއް ނޫން!" އެ ކަހަލަ ވާހަކައެއް ނަޖާހަށް ބުނާން ކެރޭނެކަމަކަށް ވެސް ޝިމާނާ ހިޔެއް ނުކުރެއެވެ.

"ކީއްވެ؟"

"ބައްޕަ ވަރަށް ރުޅި އަންނާނެ ފިރިހެން ކުދިންނާއެކު ތަންތަނަށް ދަންޏާ."

"ނޫނޭ ދަރިފުޅާ! ބައްޕަ ރުޅިއެއް ނާންނާނަން."

އިޤުބާލުގެ މި ޖުމުލައާއެކު ޝިމާނާއާއި ނަޖާހަށް ލިބުނީ ސިހުމެވެ. ދިހަވަރަކަށް ފޫޓު ދުރުގައި ހިނިއައިސްފައި ހުރި އިޤުބާލުގެ މޫނަށް އެ ކުދީންނަށް ބަލައިލެވުނެވެ. އޭނާ އެ ތަނުގައި ހުރިކަން ކުރިއަކުން އެ ކުދީންނަކަށް ނޭނގެއެވެ.

"ދަރިފުޅު މިހާރު ތިހިރީ ބޮޑުވެފަ އެއްނު. މަންމަ ގާތު ބުނެލާފަ ދޭ އެ ބުނާ ތަނަކަށް ގޮސްލާފަ އަންނަން. ބައްޕަގެ އެއްވެސް މައްސަލައެއް ނެތް"

ޝިމާނާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ބުނާނޭ އެއްޗެއް ނޭނގިފައެވެ. ކުރިމަތީގައި މި ހުރީ ހަމަ ބައްޕަ ބާވައެވެ؟ ނޫނީ ބައްޕަގެ ސިފައިގައި ހުރި ރޫޙާނީ އެއްޗެއް ބާވައެވެ؟ ޝިމާނާއަށް ހުރެވުނީ ބައްޕަގެ އެ ޖުމުލަ ގަބޫލު ނުކުރެވިފައެވެ.

"ދަރިފުޅާ! ކީއްވެ ތި ހުންނަނީ؟ ތިހެން ތިބީމަ ދެ ކުދިންނަށް ވެސް ވާނީ ލަހެއްނު! މާދަމާ ވެސް އޮފީހަށް ދާންޖެހޭނެއެއްނު. ބައްޕަ ގެއަށް ވަދެ، މަންމަގެ ގާތުގައި ބުނެލާނަން. ދަރިފުޅުމެން ދޭ!"

ޝިމާނާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި، އުފަލުން ފުރިފައި އޮތް ހިތަކާއެކު އިޤުބާލު ގޮސް ދޮރޯށި ހުޅުވާލައިފައި ގެއަށް ވަދެއްޖެއެވެ. އޭރު އޭނާގެ ހިތް އުފަލުން ފުރި، ބަންޑުންވަނީއެވެ. ހީ ވެސް ނުކޮށް ހުއްޓާ މުސަނދި ދަނބިދަރިއަކު މިންވަރު ކުރެއްވީތީއެވެ. ދެެކެމުން އައި ހުވަފެނުގައި އުމުރުގެ ފަހުކޮޅުގައި ނަމަވެސް ކުލަ ޖެހުމުގެ މަގު ފަހިވީތީއެވެ.

ޝިމާނާގެ މޫނުމަތީން އަދިވެސް ހައިރާންކަމެއް ނުފިލައެވެ. ނަޖާހު ކަހަލަ ދެ އުޅިއެއް ނުވާ މީހަކާމެދު އެހައި ފިނިހިތަކުން ބައްޕަ ގޮތް ނިންމީތީއެވެ. ބައްޕަގެ ވިސްނުމާއި ފިކުރު ޝިމާނާއަށް އެނގެއެވެ. ޝިމާނާގެ ހިތުގައި ހައިރާންކަމުގެ އޮއިވަރެއް ހިނގަހިނގާ ހުރިއިރު، ނަޖާހުގެ ސިކުނޑީގައި ކުޅެމުން ދަނީ އުފާވެރިކަމުގެ ރާގެކެވެ. އޭނާގެ ހިތް އުފަކުން ނަށަނީއެވެ. ހީވެސް ނުކުރާހައި ފަސޭހައިން ހުރިހައި ކަމެއް ހަމަޖެހެމުން ދާތީއެވެ. ޝިމާނާ އޭނާއާ ވާހަކަ ދެއްކީ ރޭގައެވެ. މި ރޭ ބައްޕަގެ ރުހުން ލިބުނީއެވެ. އުފަލުގެ ކޮޅެއް ވެސް ނެތެވެ. ވީ އެންމެ އަވަހަކަށް ކައިވެންޏަށް ތައްޔާރުވާންވީއޭ ހިތް ބުނާން ފެށިއެވެ.

ޝިމާނާ ގޮސް ރެސްޓޯރެންޓަށް ވަނީ ހިތާ ދެކޮޅަށެވެ. އޭނާގެ ހިތް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި ބަނދެވިފައެވެ. އެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ވެސް ކުޑައެއް ނޫނެވެ. ފައިރޫޒަކީ ރައްޓެހިން ގިނަ މީހެކެވެ. އޭނާގެ އެތައް ރައްޓެހިންނަކަށް މިހާރު ޝިމާނާ އެނގޭނެއެވެ. އެއިން މީހަކަށް މި ކަހަލަ މަންޒަރެއް ފެނިއްޖެއްޔާ، ވަގުތުން ފައިރޫޒަށް ޚަބަރުދޭނެއެވެ. އެހެންވެއްޖެ ނަމަ ފައިރޫޒުގެ އެތައް ހާސް ސުވާލަކާ އޭނާއަށް ކުރިމަތިލާން ޖެހޭނެއެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox