ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ މަންދު ކޮލެޖް ހިންގި އިމާރާތް، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުއްލި ގޮތަކަށް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުގެ އެސެސްމެންޓްގައި ބުނެފި އެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މި އެސެސްމެންޓްގައި މިހެން އޮތް ނަމަވެސް، ދައުލަތުން ވަނީ ސިވިލް ކޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފަ އެވެ.
އޮޑިޓް އޮފީހުން ހެދި އެސެސްމެންޓްގައި، މަންދު ކޮލެޖްގެ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ކުރިމަތިވި ކަންކަމަށް ވަކިވަކިން ބަލާފައިވެ އެވެ. އެގޮތުން މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓަޑަށް މީގެކުރިން ބަދަލު އެކި ފަހަރު މަތިން ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މަންދަށް ދޭން ޖެހޭ ކަމަށް އޮޑިޓުން ގަބޫލު ކުރާ އަދަދުގެ ތަފްސީލް
ކުރިން ވެސް ވަނީ ސަރުކާރުން ބަދަލު ނަގައިދީފައި
މަންދު ކޮލެޖްގެ ފަރުނީޗަރުތަކެއް ގެއްލިފައިވާތީ އޭގެ ބަދަލު ހޯދުމަށް އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރުމުން، ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާގެ ބަދަލެއް ނަގައިދިނުމަށެވެ. އެ ފައިސާ އެޑިއުކޭޝަން މިނިސްޓްރީން ކުންފުންޏަށް ދެއްކި ކަމަށް އޮޑިޓްގައިވެ އެވެ.

މީގެ އިތުރުން އެމްއީއެސްގެ އިމާރާތުގައި އަރަބިއްޔާ ސްކޫލް ހިންގުމަށް ވަގުތީ ގޮތުން ބޭނުން ކުރަމުން ދިޔަ ބައިތައް މަންދު ކޮލެޖާއެކުވީ އެއްބަސްވުމާ އެއްގޮތަށް ހުސްނުކޮށް ލަސްވުމުން، ލިބުނު ގެއްލުމުގެ ބަދަލުގައި ވެސް މަންދު ކޮލެޖަށް ސިވިލް ކޯޓުގެ މެދުވެރިކޮށް ތިން ލައްކަ ރުފިޔާ، އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ނަގައިދީފައިވާ ކަމަށް ވެސް ވެ އެވެ.
އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އޭރު މަންދު ކޮލެޖް ހިންގަމުން ދިޔަ އެމްއީއެސްގެ އިމާރާތަށް ބަދަލުކުރުމާ ގުޅިގެން އެ އިމާރާތް މަރާމާތުކުރަން ޖެހުމުގެ ސަބަބުން، އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ތައުލީމީ ފަންޑުން ތިން މިލިއަން ރުފިޔާގެ ލޯނެއް މަންދަށް ދޫކުރި އެވެ. އެ ލޯނުން މިހާތަނަށް މަންދު ކޮލެޖުން އެއް މިލިއަން ރުފިޔާ ދައްކާފައިނުވާ ކަމަށް އޮޑިޓްގައިވެ އެވެ.
މީގެއިތުރުން ވެސް އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން އެ އިމާރާތުގައި ކިޔެވިއިރު މަންދު ކޮލެޖަށް އެކި ގޮތްގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ބަޖެޓުންނާއި މިނިސްޓްރީގެ ބަޖެޓުން ވެސް ފައިސާ ދީފައިވެ އެވެ. އެގޮތުން، ޖުމްލަ 4.6 މިލިއަން ރުފިޔާ ދީފައިވެ އެވެ.

މީގެކުރިން ދައުލަތުން ނަގައިދިން ބަދަލުގެ ތަފްސީލް
އޮޑިޓްގައިވާ ގޮތުން، އެކިއެކި ގެއްލުންތަކުގެ ސަބަބުން ބަދަލުގެ ގޮތުގައި ހޯދުމަށް މަންދު ކޮލެޖުން ސަރުކާރަށް ޖުމްލަ 243 މިލިއަން ރުފިޔާ ހޯދުމަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، އަރަބިއްޔާ ސްކޫލް ހިންގަން ދޫކުރި ބައި ހުސްކުރުން ލަސްވުމުން ލިބުނު ބަދަލާއި ފަރުނީޗަރުތަކުގެ ބަދަލާއި ކޮލެޖަށް ވަން ދަރިވަރުން މަދުވި ކަމުގެ ބަދަލާއި އާމްދަނީ ދަށްވުމުގެ ބަދަލުގެ އިތުރުން ބިޒްނަސް ގްރޯވްތް ދަށްވުމުގެ ބަދަލު ހިމެނެ އެވެ.
އެ ބަދަލުގެ ތެރެއިން އެ ކުންފުންޏަށް އޮޑިޓުން ގަބޫލުކުރާ ގޮތުގައި، ހައްގުވާ ބަދަލުތައް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، ނަގައިދޭން ޖެހޭ ބަދަލުގެ ގޮތުގައި އޮޑިޓްގައި ފާހަގަކޮށްފައިވަނީ، އެމްއީއެސްގެ އިމާރާތަށް ކުރި އިންވެސްޓްމެންޓްގެ އަގުގެ ގޮތުގައި ކެޕިޓަލައިޒްކޮށްފައިވާ 1.4 މިލިއަން ރުފިޔާ ކަމެވެ.
އޭގެ ބޭރުން، ބަދަލުގެ ހޯދަން އެދިފައިވާ އެހެން ބަދަލުގެ ތެރެއިން ބައެއް ބަދަލުތަކަކީ މީގެ ކުރިން ވެސް ބަދަލު ދެވިފައިވާ ކަންކަން ފާހަގަކުރަމުން އޮޑިޓްގައި ދެން ފާހަގަކުރީ، ވިޔަފާރިއަށް ލިބުނު ގެއްލުންފަދަ ގެއްލުންތަކުގެ ޒިންމާ، ދައުލަތުން އުފުލަން ޖެހޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މަންދު ކޮލެޖުން ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ގޮތުގެ ތަގްސީލް
މަންދު ކޮލެޖް މައްސަލާގެ ޓައިމްލައިން
އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި 2008 ވަނަ އަހަރު ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީ އާއި އެ ސްކޫލްގެ އޭރުގެ މަސްއޫލުވެރިންނާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން އެ ސްކޫލްގެ މަސްއޫލުވެރިންނަށް ލިބިފައިވާ ހައްގުތަކާއި އިލްތިޒާމްތައް، 2010 ވަނަ އަހަރު، އެއްބަސްވުމެއްގެ ދަށުން މާލޭ ހައި ޕްްރައިވެޓް ލިމިޑެޓާ ނަގުލުކުރި އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން، އެ ތަނުގައި ހިންގަން ޖެހޭނީ އިންޓަނޭޝަނަލް ސްކޫލެކެެވެ. އެކަމަކު، އެތަނުގައި ހިންގަމުން ދިޔައީ މަންދު ކޮލެޖްގެ ނަމުގައި ޕްރައިވެޓް ކޮލެޖެކެވެެ.
އެހެންވެ އެއްބަސްވުމުގައިވާ ގޮތަށް އެ ތަނުގައި އިންޓަނޭޝަލް ސްކޫލެއް ހިންގަމުން ނުދާތީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަން ކުރަން ބޭނުންވެގެން 2015 ވަނަ އަހަރު ތެރޭ އެ އެއްބަސްވުން ބާތިލްކޮށް އިމާރާތް އޮތީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ އަތުން އަތުލައިފަ އެވެ.
އެއްބަސްވުން އުވާލުމަށް ނިންމައި، ސަރުކާރުން ވަނީ އެ ކުންފުންޏަށް އެ ތަނުން ތަކެތި ހުސްކުރުމަށް އެކި ފަހަރު މަތިން އަންގާފަ އެވެ. އެ އެންގުންތަކާ އެއްގޮތަށް އަމަލު ނުކުރުމުން އެމްއީއެސް އިމާރާތުގައި ހުރި މުދާ ފަސް ދުވަހުގެ ތެރޭގައި އެތަކެތި އެތަނުން ބޭރުކުރުމަށް އާންމުކޮށް އިއުލާންކުރި އެވެ. ނަމަވެސް، އެއަށްފަހު ވެސް ތަން ހުސްނުކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނުގައި ހުރި ތަކެތީގެ އިންވެންޓްރީ ލިސްޓްކުރުމަށްފަހު އެތަކެތި އެހެން ތަނަކަށް ގެންގޮސް ގުދަންކޮށްފަ އެވެ. މީގެ ތެރެއިން ބައެއް ތަކެތި އެ ކުންފުނިން އަނބުރާ ގެންގޮސް، އަމިއްލަ އިމާރާތެއްގައި މަންދު ކޮލެޖް ހިންގަން ފެށި އެވެ.
އެއަށްފަހު، ކޮލެޖު ހިންގާ ކުންފުނިން ކޯޓަށް ދިޔައީ އެ ބުރަ މަންދު ކޮލެޖަށް އުފުލަން ޖެހުނީ ދައުލަތުން ގޯސްކޮށް އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ކަމަށް ބުނެ އެވެ.
އެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް ހައިކޯޓުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. އަދި، އޭގެ ފަހުން ސުޕްރީމް ކޯޓުން މި އަހަރުގެ ތެރޭގައި ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައި، އެއްބަސްވުން ދައުލަތުން ބާތިލްކުރީ ގޯސްކޮށް ކަމަށް ނިންމައިފަ އެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން މަންދު ކޮލެޖަށް ދައުވާ ކުރެވޭނެ ކަމަށް ވެސް އެންމެ މަތީ ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ.
މަންދު ކޮލެޖުން ހުށަހެޅީ ކުންފުނިން ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ދައުލަތުން ނަގައިދިނުމަށް އެދި އެވެ. އެ އަދަދު، އެ ކުންފުނިން ކަނޑައަޅާފައިވަނީ ބޭރުގެ ފާމަކުން ކުރި އޮޑިޓަކަށް ފަހު އެވެ.
މި މައްސަލާގައި ޝަރީއަތުގެ މަރުހަލާއާ ހަމައަށް ނުގޮސް، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތާއި ކުންފުންޏާ ދެމެދު ވަނީ އެއްބަސްވުމަކަށް ދިޔަ އެވެ.
އެގޮތުން ދައުލަތުން އެއްބަސްވީ އެގްރިމެންޓު އުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެގޮތަށް މަންދު ކޮލެޖް ހިންގާ ކުންފުނިން ވެސް އެއްބަސްވާތީ، ކޯޓުން ވަނީ މައްސަލަ އެ އެގޮތަށް ނިންމައިފަ އެވެ.
މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތް މަންދު ކޮލެޖަށް 2010 ވަނަ އަހަރު ދީފައިވަނީ އޭރުގެ ސަރުކާރު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ އިމާރާތުގައި ކޮލެޖް ހިންގަމުން ދަނިކޮށް ކުއްލިއަކަށް ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް އަތުލީ ސިޔާސީ ސަބަބުތަކާހުރެ ކަމަށް އޭރު އަޑު ފެތުރުނެވެ. މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލަކީ، ރައީސް ޔާމީންއާ މުޅިން ފިކުރު ތަފާތު، އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
މަންދު ކޮލެޖު ހިންގާ ކުންފުންޏަށް މި ސަރުކާރުން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާއިރު، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ އިބްރާހިމް އިސްމާއިލްގެ ކޮއްކޮ އެވެ. މީގެ ކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް މި ސަރުކާރުގައި ބަދަލު ނަގައިދީފައިވެ އެވެ.












