ނިޔޯން (އޭޕްރީލް 27) - ސްވިޑަން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗްގެ ކުންފުންޏެއްގެ ހިއްސާއެއް ބެޓިން ކުންފުންޏެއްގައި އޮންނަ ކަމަށް ބުނެ ދެެކެވެމުން އަންނަ ވާހަކަ ތަހުގީގުކުރަމުން އަންނަ ކަމަށް ޔުއެފާ އިން ބުނެފި އެވެ.
ސްވިޑެންގެ މީޑިއާ އެއް ކަމަށްވާ އަފްޓޮންބްލަޑެޓް އިން ދާދި ފަހުން ރިޕޯޓްކުރި ގޮތުގައި ބެޓިން ވެބްސައިޓެއް ކަމަށްވާ ބެޓްހާޑް 10 ޕަސެންޓް ހިއްސާ އޮތީ އިބްރަހިމޮވިޗްގެ ކުންފުންޏެއް އަތުގަ އެވެ. ބެޓްހާޑް އިން ވަނީ 2018 ވަނަ އަހަރު އިބްރަހިމޮވިޗް އެމްބަސަޑަރެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކޮށްފަ އެވެ.
ޔުއެފާ އާއި ފީފާގެ ގަވާއިދުގައިވާ ގޮތުން މުބާރާތެއްގައި ކުޅޭ ކުޅުންތެރިއަކަށް ބެޓް ކުރާ ކުންފުންޏަކުން މާލީ މަންފާ ލިބޭގޮތަށް ކޮންޓްރެކްޓެއް އޮތުމަކީ މަނާކަމެކެވެ. ދާދި ފަހުން ސްވިޑެން މީޑިއާ އިން ވަނީ އިބްރަހިމޮވިޗަށް މި ބެޓިން ކުންފުނީގެ ހިއްސާގެ މައްސަލައިގައި ތިން އަހަރުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ.
ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިބްރަހިމޮވިޗްގެ މި މައްސަލަ ބަލަން ޔުއެފާގެ އެތިކްސް އެންޑް ޑިިސިޕްލިނަރީ އިންސްޕެކްޓަރެއް ހަމަޖައްސާފައިވާ ކަމަށާއި ގޮތެއް ނިމިގެން ދާނީ ފުރިހަމަ ތަހުގީގަކަށް ފަހު ކަމަށެވެ.
އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް މިހާރު ކުޅެމުން އަންނަނީ އިޓަލީގެ އޭސީ މިލާން އަށެވެ. މި ސީޒަނުގައި 25 މެޗުން 17 ގޯލު ޖަހާފައިވާ އިބްރަހިމޮވިޗް ވަނީ އިތުރު އެއް އަހަރަށް މިލާނަށް ކުޅެދޭން އެއްްބަސްވެފަ އެވެ. އޭނާ މިލާނާ އަލުން ގުޅުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގަ އެެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިތާ ފަސް ވަރަކަށް އަހަރު ފަހުން އިބްރަހިމޮވިޗް އަލުން ސްވިޑަން އަށް ކުޅެން ފެށީ މިދިޔަ މަހުގަ އެވެ. އޭނާ ގައުމީ ޓީމަށް އެނބުރި އަންނަން ނިންމީ މި ފަހަރުގެ ޔޫރޯގައި ވެސް ކުޅުމުގެ އަޒުމުގަ އެވެ.












