ރިޕޯޓުކޮވިޑް ލެބުން ވަރުބަލިކަމާއި މާޔޫސްކަން: އެކަމަކު ހިތްވަރަށް ބަދަލެއް ނާދޭ!

ކޮވިޑް ލެބުން ވަރުބަލިކަމާއި މާޔޫސްކަން: އެކަމަކު ހިތްވަރަށް ބަދަލެއް ނާދޭ!

"ބައެއް ލެބް ޓެކްނީޝަނުންގެ އަތުގެ އިނގިލިން އެބަ ހުރޭ އަބަދު ވެސް ހަލާކުވެފައި، އެ ބާރު މަތި ނައްޓާލަ ނައްޓާލަ ތިބެން ޖެހޭތީ. އެކަމަކު، އެ ނޫން ގޮތަކަށް، މެނުއަލީ ނޫން ގޮތަކަށް މިކަން ކުރެވޭކަށް ނޯވޭ،"

ކޮވިޑް ލެބްގެ ތެރޭގައި ޓެކްނީޝަނުންތަކެއް މަސައްކަތުގައި: މިއީ ބުރަ އަދި ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ކޮވިޑް ލެބްގެ ތެރޭގައި ޓެކްނީޝަނުންތަކެއް މަސައްކަތުގައި: މިއީ ބުރަ އަދި ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ކޮންމެ ރެެޔަކު 10 ޖަހާލާކަށްހާއިރު، އަހަރެމެންނަށް އެޗްޕީއޭ އިން ދައްކާލަނީ ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ގްރެފިކްސް އެކެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަތިއްޔާ އަހަރެމެން ހާސްކޮށްލަ އެވެ. ނަމްްބަރުތައް ދަށްވެލައިފި ނަމަ ކޮޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެ އެވެ. ޕޮޮޒިޓިވް ކޭސްތަކުގެ އަދަދަށް މަތިވަމުން، ދަށްވަމުން ދިޔަޔަސް، އަބަދުވެސް އިތުރުވަމުން އަންނަ އެއްޗަކީ ޓެސްޓްކުރާ ސާމްޕަލްތަކުގެ އަދަދެވެ. އެ ބުރަ އުުފުލާ ބަޔަކީ ލެެބް ޓެކްނީޝަނުންނެވެ. ލެބުގެ ހަތަރު ފާރުގެ އެތެރޭގައި ކަން ވެގެން ދަނީ ކިހިނެއްތޯ ކަމާއި، އެއީ ކިހާވަރެއްގެ މަސައްކަތެއްތޯ އަހަރެމެންނަށް ވިސްނާލެެވުނު ހެެެއްޔެވެ؟

"މިތަނުގައި މިހެން ތިބެގެން ފަހަރަކު ސާމްޕަލެއް، ފަހަރަކު ސާމްޕަލެއް މެނުއަލްކޮށް ޓެސްޓް ކުރަން މި ޖެހެނީ. މިއީ ވަރަށް ގިނަ އިރު ކެތްތެރިކަމާއި ފަރުވާތެރިކަމާއެކު އިނދެގެން ނޫނީ ވާނެ ކަމެއް ނޫން،" މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ލެބް ޓެކްނީޝަނަކު ސުރުހީ އަޅައިދިނެވެ.

"އަދަދު"ގެ ނިއުސްޓީމަށް ވަނީ އެ ބުރަ މަސައްކަތް ގާތުން ބަލާލުމުގެ ފުރުސަތު ލިބިފަ އެވެ. އައިޖީއެމްއެޗްގައި ކޮވިޑްގެ ސާމްޕަލްތައް ނަގާ ލެބަށް ނިއުސްޓީމްގެ ބައެއް މެންބަރުން ވަނީ ޓެެެކްނީޝަނުންނެކޭ އެއްގޮތަށް ޕީޕީއޭ ލައިގެންނެވެ. މުޅި މީހާ ޕީޕީއީ އިން ބަނދެވިގެން ހިނދުކޮޅެއް ތިބުންވީ ވެސް އަހަރެމެންނަށް ބޮޑު ތަކުލީފަކަށެވެ.

"އަންގި ވެސް ލައިގެން މިހެން އެއްކޮށް ބަންދުވެގެން ހުންނަން ވަރަށް އުނދަގޫ. އެހާ ހޫނުވޭ. ބޭނުންވީ އަވަހަށް އެ ބާލައި، ހަމަ ނޭވާއެއްލުމަށް،" އަލަށް ޕީޕީއީއެއް ތަޖުރިބާކުރި އަދަދުގެ ވީޑިއޯގްރާފާ އާއިމް ޒަމީރު ބުންޏެވެ.

ލެބް ޓެކްނީޝަނެއް މަސައްކަތުގައި: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ލެބް ޓެކްނީޝަނެއް މަސައްކަތުގައި: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ލެބް ޓެކްނީޝަނެއް މަސައްކަތުގައި: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ކޮންމެ މަރުހަލާއެއް ވަކިން: އާދައިގެ ކަމެއް ނޫން

ލެބުގެ ތެރެއަށް ވަދެގެން ދިޔައިރު، ކޮވިޑްގެ ބައެއް ސާމްޕަލްތައް ޓެސްޓްކުރުމަށް ގެނެސްފައި ހުއްޓެވެ. އެއީ، ނިސްބަތުން މަދު ސާމްޕަލްތަކެއް ލިބިފައިހުރި، މެންދުރުގެ ހޫނު ގަޑި ކަމުގައިވީ ނަމަވެސް، ލެބް ޓެކްނީޝަނުން ތިބީ އަވަދިނެތި އެވެ. ސަމާލުކަން ހުއްޓުނީ، ކޮވިޑްގެ އެންމެ ޓެސްޓެއް ހެދުމަށް ވެސް ކުރަން އެ ޖެހޭ މަސައްކަތްތަކާއި އެ މަރުހަލާތަކަށެވެ.

އެގޮތުން އެންމެ ފުރަތަމަ، މީހުންގެ ކަރުބުޑުންނާއި ނޭފަތުން ނަގައިގެން ގެނެސްފައިވާ ސާމްޕަލްތައް ޕެކުން ނަގައި، ސާމްޕަލްތައް ސިސްޓަމް ނުވަތަ ފޯމުން ވެރިފައިކުރެ އެވެ. އެއީ، އެތައް ހާސް ސާމްޕަލެއް ނަމަވެސް، އެކަން ކުރަން ޖެހޭނެ އެވެ. ދެން އޮތީ އަސްލު މަސައްކަތެވެ. ކަވި، ބުރަ ޓެސްޓުގެ މަސައްކަތެވެ.

އެންމެ ފުރަތަމަ ސާމްޕަލް ނަގައިގެން ގެންނަ ކަފަބުރު، ޓިއުބަކަށް ނަގައި ރިއެޖެންޓަކާ އެއްކޮށް، އެއް މިނެޓަށް މެޝިނަކަށް ލައިގެން ރަނގަޅަށް އަނބުރާލަ އެވެ. އެއަށް ލެބްގެ ބަހުންނަމަ ކިޔަނީ، ސެންޓްރިފިއުޖް ކުރުމެވެ. ދެން އެ މެޝިނުން ނަގައި، ކޮންމެ ޓިއުބަކުން ކަފަބުރު ނުވަތަ ސްވޯބް ނަގަ އެވެ. އެއިން ކޮންމެ ޓިއުބެއްގައި ބާރު މަތިގަނޑެއް އިންނައިރު، އެ މަތި އަތުން ނަގާ ނަގާ ބައެއް ލެބް ޓެކްނީޝަނުންގެ އިނގިލީގައި ފާރުގަނެފައި އެބަ ހުއްޓެވެ. އަތުގެ ހަރަކާތްތައް ބައްޓަން ޖެހޭ ގޮތާއި ހަށިގަނޑު ވެސް ގުޑުވާނުލާ އިން ގޮތަށް އެކަމުގައި އިންނަން ޖެހުމުން އެ މަސައްކަތުގެ ބުރަ ބޮޑުކުރެ އެވެ.

"ބައެއް ލެބް ޓެކްނީޝަނުންގެ އަތުގެ އިނގިލިން އެބަ ހުރޭ އަބަދު ވެސް ހަލާކުވެފައި، އެ ބާރު މަތި ނައްޓާލަ ނައްޓާލަ ތިބެން ޖެހޭތީ. އެކަމަކު، އެ ނޫން ގޮތަކަށް، މެނުއަލީ ނޫން ގޮތަކަށް މިކަން ކުރެވޭކަށް ނޯވޭ،" އައިޖީއެމްއެޗް ލެބްގެ ލެބް ޓެކްނޮލޮޖިސްޓް އަހުމަދު ޒިޔާދު ބުންޏެވެ.

ޒިޔާދު ލެބްގެ މަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާ ކުރަނީ: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ޒިޔާދު ލެބްގެ މަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާ ކުރަނީ: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޒިޔާދު ލެބްގެ މަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާ ކުރަނީ: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ނިއުސްޓީމުން ވެސް އެކަން ތަޖުރިބާކޮށްލީމެވެ. ހަމަޖެހިލައިގެން ކޮޅަށް ތިބެގެން ވެސް އެ ޓިއުބުގެ މަތި ނައްޓައި ޖަހާ، ނައްޓައި ޖަހަން، އިނގިއްޔަށް ވަރަށް ބާރުކުރި އެވެ. އެހެންވީއިރު ވަކި ޕޮޒިޝަނެއްގައި އިށީނދެ، ބިއްލޫރި ފޮށްޓެއް ތެރެއަށް އަތްލައިގެން އިނދެގެން އެކަމެއް ކުރުމަށް ފަސޭހަ ނުވާނެކަން ކަށަވަރު ކުރެވުނެވެ.

ޓިއުބުން ސްވޯބްތައް ނެގުމަށްފަހު، އަނެއްކާވެސް ކުރިންލީ މެޝިނަށްލާ ފަސް މިނެޓަށް އެ އަނބުރަ އެވެ. ދެން، އެ ގެންދަނީ އެކްޓްރަކްޝަންއަށް އެހެން ކޮޓަރިއަކަށެވެ. މެޝިނެއްގެ އެހީގައި އެކަން ކުރާއިރު، އެހެން ކޮޓަރިއަކުން ގެނެސްފައި، ހުންނަ ރިއެޖެންޓްތަކާއި ސާމްޕަލްތައް އެއްކޮށްލަ އެވެ. އެކަން ވެސް ކުރަން ޖެހެނީ ކޮންމެ އެއްޗެއް ވަކިވަކިން އެކަމަށް ހާއްސަވެގެން އެތައް އިރަކު އިނދެގެންނެވެ. މި ރިއެޖެންޓް ތައްޔާރުކުރާ ކޮޓަރީއަކީ ވަރަށް ސާފުކޮށް ރައްކާތެރިކޮށް ގެންގުޅޭ ތަނެއް ކަމުން، އެތަނަށް ވަދެވޭ ގޮތެއް ނުވި އެވެ.

އެކްޓްރަކްޝަން ރޫމްގައި ދެ ތިން މެޝިން ހުރިއިރު، އެތަނުގައި ވެސް ލެބް ޓެކްނީޝަނުންގެ ކަވި މަސައްކަތްތައް ކުރަމުން ދިޔަ އެވެ. އެކްޓްރެކްޝަން ނިންމުމަށް ފަހު ރިއެޖެންޓާއި އެކުވެފައިހުރި ސާމްޕަލްތައް ޕީސީއާރްއަށް ފޮނުވަ އެވެ. އެ ބުރަ، ކަވި މަސައްކަތަށްފަހު، އާންމު މީހާއަށް ޓެސްޓްގެ ނަތީޖާ ލިބެނީ ދެނެވެ.

އައިޖީއެމްއެޗްގެ އެ ލެބް ތެރޭގައި ނިއުސްޓީމުން ގާތްގަނޑަކަށް ހޭދަކުރި ގަޑިއިރެއްހާއިރު ތެރޭގައި ފެނިގެން ދިޔައީ، ކޮވިޑްގެ ބިރުވެރިކަމުގެ ތެރޭގައި، އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވާން ޖެހޭ ޓެސްޓް ހެދުމުގެ މަސައްކަތުގައި ޒުވާނުންތަކެއް އުފުލަމުންދާ ވަރުގަދަ ޒިންމާ އާއި، އެމީހުންނަށް ލިބިފައިވާ ތަމްރީނުގައި އަތްމަތި ފަރިތަކެމެވެ.

ލެބް ޓެކްނީޝަނުން އުފެއްދުން: ބޮޑު މަސައްކަތެއް

ކޮވިޑްގެ ހާލަތު ރާއްޖޭގައި ފެނުނުއިރު، ކޮވިޑްގެ ޓެސްޓްގެ މަރުހަލާތައް ހަދަން އެނގޭ އައިޖީއެމްއެޗް ލެބްގައި ތިބީ ހަތަރު މީހުންނެވެ. އޭރު ދުވާލަކު 100 އެއްހާ ސާމްޕަލްގެ ޓެސްޓް ކުރަން ޖެހުނަސް، ފަހުން އެ އަދަދު ހާހަށް އަރަން ފެށުމާއެކު، މީހުން އިތުރުކުރުމުގެ މަސައްކަތް ބާރަށް ފެށި އެވެ.

އެގޮތުން، އޮންލައިންކޮށް ހިންގި ވަރުގަދަ ޓްރެއިންތަކާއެކު އާ ލެބް ޓެކްނީޝަނުންނަށް ކޮވިޑް ޓެސްޓްގެ މަރުހަލާތަކަށް ފަރިތަކުރުވި އެވެ. މި ޓްރެއިނިންތައް ހިންގީ ބޭރުގެ ފަރާތްތަކާއި، މެޝިންތައް އުފައްދާ ކުންފުނިތަކުގެ މީހުން މެދުވެރިކޮށެވެ. އެ ޓްރެއިނިންތަކުން ތަމްރީނުވެގެން އައިޖީއެމްއެޗްގެ ލެބުގައި 28 ލެބް ޓެކްނީޝަނުން ކޮވިޑް ޓެސްޓަށް ހާއްސަވެފައި އެބަ ތިއްބެވެ.

ލެބް ޓެކްނީޝަނެއް މަސައްކަތުގައި: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ލެބް ޓެކްނީޝަނެއް މަސައްކަތުގައި: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ލެބް ޓެކްނީޝަނެއް މަސައްކަތުގައި: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އެކަމަކު، މީހުން ގިނަ ވިޔަސް މަސައްކަތުގެ ބުރަ މިނަށް ބަދަލެއް ނާދެ އެވެ.

"ކުރީގައި 100 އެއްހާ ޓެސްޓް ހެދިޔަސް މިހާރު އެބަ ހަދަން ޖެހޭ 3،000 އެއްހާ ޓެސްޓް ކޮންމެ ދުވަހަކު. ކޮންމެ ޝިފްޓެއްގައި ކުދިން ހާހެއްހާ ޓެސްޓް ހަމަ މެނުއަލީ އެ ހުރިހާ މަރުހަލާތަކެއް ހަދާނެ. ހަގީގަތުގައި މީހުން ގިނަ ވިޔަސް، މަސައްކަތުގެ ބުރަ ކަމަށް ލުޔެއް ނުލިބޭ،" ޒިޔާދު ބުންޏެވެ.

ލެބް ޓެކްނީޝަނުން މެނުއަލީ ނުވަތަ އަމިއްލަ އަތުން ގިނަ ކަންތައްތައް ކުރަން ޖެހޭއިރު، މެޝިނުން ކުރަން ޖެހޭ ކަންކަމަށް އެކްސްޓްރެކްޝަން ތިން މެޝިނަކާއި ޕީސީއާރް ފަސް މެޝިން، އައިޖީއެމްއެޗް ލެބްގައި އެބަ ހުއްޓެވެ. މިއީ ކޮވިޑްގެ ހާލަތާއެކު އެ ލެބަށް އިތުރުކުރި މެޝިންތަކެކެވެ.

މާޔޫސްވެ، ވަރުބަލިވެއްޖެ!

"މިތިބީ ވަރުބަލިވެފައި،"

ޒިޔާދު ބުނި ގޮތުގައި، ކޮވިޑްގެ ބިރުވެރިކަމަށް އަދިވެސް ބަދަލެއް ނާންނައިރު ލެބް ޓެކްނީޝަނުން މަސައްކަތް ކުރަމުން ދަނީ ވަރަށް ހިތްވަރާއެކު އެވެ. އެހެންނަމަވެސް، ބައެއް ފަހަރަށް ޓެސްޓް ލަސްވާ ކަމަށް ބުނެ އަދި، ގޯސް ނަތީޖާތަކެއް ނެރޭ ކަމަށް ބުނެ ހަގީގަތެއް ނެތް ވާހަކަ ދެއްކުމަކީ، އެ ހިތްވަރު ގެއްލި ދެރަވާ ކަމެކެވެ.

"ކިތަންމެ ވަރުބަލިކަމާއެކު މަސައްކަތް ކުރިޔަސް، ގޯސް ނަތީޖާއެއް ނުނުކުންނާނެ. އެއަށްވުރެ ފަރުވާތެރިކަމާއެކު މިކަން ކުރަމުން މި ދަނީ އެންމެން ވެސް. އެހެންވެ ހަގީގަތެއް ނެތް ވާހަކަތައް އަޑުއިވުނީމަ ޑީމޯޓިވޭޓްވެ ދެރަވޭ،" ޒިޔާދު ބުންޏެވެ.

ރޯދަ މަހު އާއްމު މުވައްޒަފުންގެ މަސައްކަތުގެ ގަޑި ހަ ގަޑިއިރަށް ނޫނީ ހަތަރު ގަޑިއިރަށް ކުރުވިޔަސް، ލެބްގައި އަދިވެސް ކޮންމެ ޑިއުޓީއެއްގައި އަށް ގަޑިއިރު މަސައްކަތް ކުރަން ޖެހެ އެވެ. ކުރާ މަސައްކަތުގެ ބުރަކަމާ އެކު، ކޮންމެ ދުވަހަކު ނަގަންޖެހޭ ސާމްޕަލްތައް ގިނަވަމުންދާއިރު މިއީ އެ މީހުން ވަރުބަލިކޮށްލާ ކަމެކެވެ.

"އެއް ދުވަހަކު ގަދައަށް މަސައްކަތްކޮށް ނިމޭއިރު އަނެއް ދުވަހަކު ގޭގައި މަޑުކުރަން ޖެހޭ މިންވަރަށް ގައިގާ ރިއްސާފައި ހުރޭ، އެކަމަކު އެހެން ގޭގައި ތިބެވޭކަށް ނެތް،" އޭނާ ބުންޏެވެ.

ލެބް ޓެކްނީޝަނެއް މަސައްކަތްތައް ނިއުސްޓީމަށް ދައްކާލަނީ: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ލެބް ޓެކްނީޝަނެއް މަސައްކަތްތައް ނިއުސްޓީމަށް ދައްކާލަނީ: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ލެބް ޓެކްނީޝަނެއް މަސައްކަތްތައް ނިއުސްޓީމަށް ދައްކާލަނީ: މިއީ ބުރަ، ވަރުބަލި މަސައްކަތެއް - ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެ ވަރުބަލިކަމާއެކު، އެމީހުން މާޔޫސްކޮށްލީ އަދި އެހެން ކަމެކެވެ. ޒިޔާދު ބުނި ގޮތުގައި ލެބުގައި އަދި އެހެން ވެސް ސިއްހީ ހިދުމަތްތެރިންގެ އެންމެ ބޮޑު ނުތަނަވަސްކަމަކީ، ސަރުކާރުން ވައުދުވެފައިވާ އެލެވެންސް ނުލިބުމެވެ. އައިޖީއެމްއެޗް ލެބުގައި އުޅޭ މީހުންނަށް ފްރޮންޓްލައިން އެލެވެންސް ލިބިފައިވަނީ މިދިޔަ އަހަރުގެ މާޗް، އޭޕްރީލް އަދި މެއި މަހު އެކަންޏެވެ. އެވެސް އެކި މީހުންނަށް އެކި ވަރަށެވެ.

"މި މަސައްކަތް ފެށީ އެލެވެންސްއެއް ލިބޭނެ ކަމަށް އެކަމަށް އުއްމީދުކޮށްގެނެއް ނޫން، އެކަމަކު ރައީސް އަމިއްލަފުޅަށް ވައުދުވެވަޑައިގެންނެވުމުން އެކަމަށް އެންމެންނަށް ވެސް މިހާރު އުއްމީދު ކުރެވެނީ. އެ އެލަވެންސް ހޯދުމަށް ތިން ހަތަރު ފަހަރަށް ފޯމް ވެސް ހުށަހަޅަން އެންގި، އެކަމަކު އެލެވެންސްއެއް ވެސް އަދި އެއާ ގުޅޭ އަޕްޑޭޓެއް ވެސް ނުލިބޭ،" ޒިޔާދު ބުންޏެވެ.

"މިއީ ވަރަށް ބޮޑު މާޔޫސްކަމެއް."

ޒިޔާދު ބުނި ގޮތުގައި، ސިއްހީ ހިދުމަތްތެރިންގެ ފަރާތުން އޭނާ ސަރުކާރުގައި އެދޭ އެދުމަކީ އެލެވެންސްގެ ކަންކަމުގައި ރަނގަޅު ގޮތެއް ހަދައިދިނުމެވެ. ކޮވިޑް ރަށްރަށުގައި ވެސް ފެތުރެން ފަށާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ލެބްތައް ވެސް އިތުރަށް ބުރަވެގެންދާއިރު ހިތްވަރު ހޯދުމަށް އެއީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

"ބައެއް ރަށްރަށުގައި މި ތިބެނީ އެންމެ މީހެއް ނުވަތަ ދެ މީހަކު ލެބުގައި. އެއްގޮތަކަށް ވެސް ގެއަށް ނުގޮސް ވެސް ތިބެން އެބަ ޖެހޭ އެ ލެބް ޓެކްނީޝަނުން. ރަށްރަށުގައި މިހެން ކޮވިޑް ފެތެރެމުން ދިޔުމަކީ މަސައްކަތް އިތުރަށް ބުރަވެގެން ދާނެ ކަމެއް،" ޒިޔާދު ބުންޏެވެ.

ޓެކްނީޝަނުން ކުރާ މަސައްކަތް ބަލާލައި، އެ މީހުންގެ އިހުސާސްތައް އަޑުއަހައި ނިމުނުއިރު އަހަރެމެންނަށް ލިބިފައި އޮތް އެއް ގަޑިއިރު ހަމަވެއްޖެ އެވެ. އެހެންވެ ޕީޕީއީ ބާލައި ހަމަނޭވާއެއް ލުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު ޓެކްނީޝަނުންގެ އެ ބުރަ މަސައްކަތާއި ޝަކުވާތަކާއި ވަރުބަލިކަމާއި މާޔޫސްކަމުގެ ވާހަކަތައް ސިކުނޑިން ފޮހެވިގެން ނުދިޔަ އެވެ.

"ލެބުގެ ތެރޭގައި އެ ކުރަނީ ހާދަ ބުރަ މަސައްކަތެކޭ. ޝަކުވާތަކާއި ވަރުބަލިކަމާ އެކު ވެސް، ހިތްވަރަށް ބަދަލެއް ނުގެނެސް އެ ކުރާ މަސައްކަތް ބަލައިގަންނަން ޖެހޭ،" އާއިމް އެ ކޮޓަރިން ނުކުންނަމުން ބުނީ މިހެނެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox