މިފްކޯއިން މަސް ކިރުން ލިމިޓު ކުރުމުން ބައެއް ދޯނިތަކުން ނަގިލިލައިފި

މަސް ދޯނިތަކެއް ކައިރީގައި މަސްވެރިންތަކެއް: މިފްކޯއިން މަސް ކިރުން ލިމިޓު ކުރީ މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސް ކިރަމުން

މަސް ދޯނިތަކެއް ކައިރީގައި މަސްވެރިންތަކެއް: މިފްކޯއިން މަސް ކިރުން ލިމިޓު ކުރީ މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސް ކިރަމުން

މިފްކޯއިން މަސް ކިރުން ލިމިޓު ކުރަން ނިންމުމާ ގުޅިގެން ދެކުނުގެ ބޮޑެތި ބައެއް ދޯނިފަހަރުން މަހަށް ދިޔުން މެދުކަނޑާލައިފި އެވެ.

މިފްކޯއަށް ކޮންމެ ދޯންޏަކުން އެއް ފަހަރާ ހަތަރު ޓަނު ކިރޭ ގޮތަށް ހަމަޖެއްސީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީ އާއި ސްޓޯރޭޖް ކެޕޭސިޓީ ފުރޭތީ އެވެ.

ނަމަވެސް، މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މިފްކޯއިން މިފަދަ ނިންމުމެއް ނިންމުމުން ގިނަ މަސްވެރިންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

މިފްކޯއިން މަސް ކިރުން ލިމިޓު ކުރީ އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.

"ހަތަރު ޓަނު ކިރައިގެން ކިރިޔާ ހަރަދުތައް ހަމަޖެހެނީ، އެހެންވެ ނުދަން"

"އަދަދު" އަށް މައުލޫމާތު ދިން އޮޑިވެރިއަކު ބުނީ ބޮޑު ދޯންޏަކުން މާ ކަނޑަށް ނިކުމެ އެންމެ ހަތަރު ޓަނު ކިރާލައިގެން "ވާނެ ކަމެއް ނޯންނާނެ" ކަމަށެވެ. ޕެޓްރޯލް ހަރަދާއި ދޯނި ހިންގުމުގެ ހަރަދުތަކަށް ބަލާ ނަމަ، ކިރިޔާ ދެކޮޅު ޖެއްސޭނީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ދަތުރެއްގައި އެވަރެޖުކޮށް 1،600 ލީޓަރު ނުވަތަ އަށް ފީފާ ތެޔޮ އަންދާ ކަމަށެވެ. އަދި ފަޅުވެރިންގެ ކޮށްތަށް 2،500ރ. ހޭދަވެ އެވެ. ޑީސަލް ލީޓަރެއް އަށް ރުފިޔާގެ މަގުން ބަލާނަމަ ތެލަށް 12،800ރ. އަދި ޖުމްލަ ހިންގުމުގެ ހަރަދަށް 15،300ރ. ހަރަދުވެ އެވެ.

އާންމުކޮށް އެ ސައިޒުގެ ދޯންޏެއްގައި މަދުވެގެން 20 ފަޅުވެރިން އުޅޭ އިރު ހަތަރު ޓަނު މަސް ކިރައިގެން ލިބޭ އާމްދަނީ ބޮލަކަށް ބަހާލުމުން ޖެހެނީ 2،500 އެއްހާ ރުފިޔާ އެވެ. އޮޑިވެރިޔާއަށް ބައި އެޅުމުން މި އަދަދު އިތުރަށް ދަށްވެ އެވެ.

މިފްކޯއިން މަސް ކިރާ އަގުތަކަށް ބަލާ އިރު ހަތަރު ޓަނު މަސް ކިރައިގެން ދޯންޏަކަށް ލިބޭނެ އެންމެ ބޮޑު އާމްދަނީއަކީ 64،000ރ. އެވެ. އެއީ ބާނާ ހުރިހާ މަހެއް 1.5 ކިލޯއިން ބަރު ވެފައި އަދި އައިސް އަޅާފައި ހުރި ނަމަ އެވެ.

މަސް ބާނަނީ: ދޭތެރެ ދޭތެރެއިން މަސް ނުކިރުވޭ މައްސަލަ މަސްވެރިންނަށް ދިމާވޭ -- ފޮޓޯ: މިފްކޯ
މަސް ބާނަނީ: ދޭތެރެ ދޭތެރެއިން މަސް ނުކިރުވޭ މައްސަލަ މަސްވެރިންނަށް ދިމާވޭ -- ފޮޓޯ: މިފްކޯ

މަސް ބާނަނީ: ދޭތެރެ ދޭތެރެއިން މަސް ނުކިރުވޭ މައްސަލަ މަސްވެރިންނަށް ދިމާވޭ -- ފޮޓޯ: މިފްކޯ

އޮޑިވެރިޔާ ފާހަގަކުރި އަނެއް ކަމަކީ މިއީ ރޯދަ މަހެއްގައި ކުރާ މަސައްކަތާ ބައްދަލު އުޖޫރައެއް ދެވޭނެ ވަރުގެ އާމްދަނީއެއް ނޫން ކަމެވެ. އަދި ބުނީ އެއް ދުވަހު މަހަށް ގޮސްގެން މަސް ބާނައިގެން އައިސް، އަނެއް ދުވަސް ވަންދެން ކިޔުގައި ޖެހިގެން ދެ ދުވަހަށް ލިބޭ އާމްދަނީ ރަނގަޅު ނޫން ކަމަށެވެ.

މިކަމުގައި ދެ ދުވަސް ހޭދަ ކުރުމުން ހުކުރު ދުވަސް ނަގާފައި ހަފުތާއަކު މަހަށް ނިކުމެވެނީ އެންމެ ތިން ދުވަހު އެވެ. ކިޔު ދިގު ވެގެން އިތުރު ދުވަހެއް ހޭދަކުރަން ޖެހިއްޖެ ނަމަ، އާމްދަނީ އިތުރަށް ދަށްވެ އެވެ.

އެ ދޯނިން މަހަށް ނުދިޔަ ނަމަވެސް، "އަދަދު" އަށް މައުލޫމާތު ދިން އައްޑޫ ސިޓީ ފޭދޫ ދޯންޏެއްގައި މަސައްކަތް ކުރާ މަސްވެރިއަކު ބުނީ، އާމްދަނީ ކުޑަ ވިޔަސް އެއްކޮށް ހުއްޓާލެވެން ނެތް ކަމަށެވެ.

"ކޮންމެ އެއްޗެއް ލިބުނަސް އެވެސް ހިފައިގެން މިއުޅެން ޖެހެނީ" އޭނާ ބުންޏެވެ.

މިފްކޯއިން އަންނަނީ އަވަދިނެތި މަސް ބޭރުކުރުމުގެ މަސައްކަތް ކުރަމުން

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިން ގެންނަ ހުރިހާ މަހެއް ކިރުވަން ބޭނުންވާ ކަމަށެވެ.

އަދި މިފްކޯގެ ފެސިލިޓީތަކުގެ އިތުރުން މަސް ކިރުވާ ބޯޓުތަކާއި ކެރިއަރު ބޯޓުތައް ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ -- ފޮޓޯ: ގަލްފް ނިއުސް
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ -- ފޮޓޯ: ގަލްފް ނިއުސް

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ -- ފޮޓޯ: ގަލްފް ނިއުސް

ފައުޒީ އިތުރަށް ވިދާޅުވީ މިހާރު ދެކުނުގެ މަސްވެރިކަން ރަނގަޅު ވުމާ ގުޅިގެން ގިނަ ދޯނި ފަހަރުތަކުން 25-35 ޓަނާ ދޭތެރޭގެ އަދަދަކަށް މަސް ބާނައިގެން ހަފުތާ ބަންދާ ދިމާކޮށް އައި ކަމަށެވެ. އަދި ކިޔުގައި ހުރި ދޯނި ފަހަރު ގިނަ ކަމުން ހުކުރު ދުވަހު ވެސް މިފްކޯއަށް މަސް ކިރުވަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.

ހުކުރު ދުވަހަކީ އާންމުކޮށް މިފްކޯއިން މަސް ނުކިރާ ދުވަހެކެވެ.

މިފްކޯއިން ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، ބުރާސްފަތި ދުވަހު 92 ދޯނިން 582 މެޓްރިކް ޓަނުގެ މަސް ކިރުވި އެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު 103 ދޯނިން 711.5 މެޓްރިކް ޓަނުގެ މަސް ކިރުވި އެވެ.

ފައުޒީ ވިދާޅުވި ގޮތުގައި ކޮލިޓީ އެޝުއަރަންސް މިންގަނޑުތަކަށް ފައްތަން މިފްކޯއަށް ކިރާ މަސް ކޯލްޑް ސްޓޯރޭޖަށް ލަން ޖެހެނީ ރަނގަޅަށް ފްރީޒް ކޮށްފަ އެވެ.

މިހެން ކަމުން ބައެއް ފަހަރު ސްޓޯރޭޖް ކެޕޭސިޓީގައި ޖާގަ ހުރި ނަމަވެސް މަހުގެ ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން ބްރައިންގައި ފްރީޒް ކުރަން ޖެހޭތީ ފްރީޒިން ކެޕޭސިޓީތައް އޯވަލޯޑް ވަނީ ކަމަށް ވިދާޅުވި އެވެ.

އަދި، ބައެއް ދޯނި ފަހަރުން އައިސް ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ބާނައިގެން އައުމުގެ ސަބަބުން މި މައްސަލަ އިތުރަށް ދިމާވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުވެގެން މަސްވެރިން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. ހާއްސަކޮށް ބާނާ މަހަށް ހަމަ އަގު ނުލިބޭ މައްސަލައަކީ މަސްވެރިންގެ ޒަމާންވީ ކަންބޮޑުވުމެކެވެ. އަދި މިހާރު ވެސް އައިސް ލިބުމުގައި ހުންނަ ދަތިތަކާއި ބޮޑު އަގުގައި ޑީސަލް ގަންނަން ޖެހޭ މައްސަލައިގައި މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox