އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި "ޕްލާސްޓިކާ ނުލައި" ގެ ނަމުގައި އާއްމުން ހޭލުންތެރި ކުރުވުމުގެ ގައުމީ ކެމްޕެއިނެއް މިރޭ ފަށައިފި އެވެ.
އޮންލައިންކޮށް ބޭއްވި ހަފްލާއެއްގައި އެ ކެމްޕެއިން ފައްޓަވައި ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.
ކެމްޕެއިން އިފްތިތާހު ކޮށްދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހަތުރަކީ އެއްހަފަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކަމަށެވެ. ޕްލާސްޓިކްގެ ސަބަބުން ދުނިޔޭގެ ވެށީގެ އިތުރުން މީހުންގެ ސިއްހަތަށް ވެސް ގެއްލުން ލިބެމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ދިވެހި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތް ކުރުމަށްޓަކައި މިދެންނެވިފަދަ ޕްކާސްޓިކް ރާއްޖެއަށް އެތެރެ ކުރުމާއި ދިވެހި ރާއްޖޭގައި އުފެއްދުމާއި އަދި ބޭނުން ކުރުން މަނާ ކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ސިންގަލްޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭން ތަންފީޒު ކުރަން ފަށައިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. ހުސައިން ރަޝީދު: މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލަ އަންނަ އަހަރު ހައްލު ކުރާނެ ކަމަށް-- ފޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ

އެގޮތުން އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ތެރެއިން 12 ބާވަތެއް ރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސުޕާރީ ޕެކެޓާއި ޖޫސް ބޯ ހޮޅިފަދަ ތަކެތި ހިމެނެ އެވެ.
ޕްލާސްޓިކް މަދުކުރެވޭނީ އާއްމުން ހޭލުންތެރި ކުރެވިގެން ކަމަށާއި ކެމްޕޭނާއެކު މިއަދު ފެށީ އެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ރަށްތަކުގައި އުފެދިފައިވާ ކުނިގޮނޑުތައް ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނައިން ކުނި އުފެދިފައިވާ 20 ރަށުގެ ކުނިގޮނޑުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުނި މެނޭޖް ކުރުން ބޮޑު މައްސަލައަކަށްވީ ވޭތުވެދިޔަ ތަނުގައި އެކަން ކުރަން ރަނގަޅު ނިޒާމެއް ހަމަޖައްސައި ދީފައި ނުވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކުނި މެނޭޖް ކުރާނެ މަރުކަޒުތަކާއި ވަސީލަތްތައް ރަށްރަށަށް ހަމަޖައްސައި ދީގެން ނޫނީ އެކަން ހައްލުވާން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ މައްސަލަ އަންނަ އަހަރުގެ ނިޔަލަށް ހައްލު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދެހާސް ނަވާރަ ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަތަރު ބައިކުޅަ އެއްބައި ރަށުގައި އެކަށީގެންވާގޮތަށް ކުނި މެނޭޖް ކުރާނެ މަރުކަޒުތައް ގާއިމުކޮށްދެވިފައެއް ނެތް. 2020 ގައި މި މައްސަލަ ހައްލު ކުރަން އަޅުގަނޑުމެން ފެށިން. އެކަމަކު ކޮވިޑުގެ ބަލިމަޑުކަމާ ހެދި 2020 ގައި މާބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަކަށް ނުހޯދުނު،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް 2021 ވަނަ އަހަރު އަޅުގަނޑުމެން އަމާޒު ހިފާފައި މިވަނީ ރާއްޖޭގެ ދެބައިކުޅަ އެއްބައި ރަށުގައި މަރުކަޒުތައް އަޅައި އޭގެ ތެރެއިން ގިނަ ރަށްރަށަށް ބޭނުންވާ ކުނި އުފުލާ އުޅަނދާއި އިކުއިޕްމެންޓް ފޯރުކޮށް ދިނުމަށް. އިރާދަކުރެއްވިއްޔާ 2022 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް މި މައްސަލަ ހައްލު ކުރެވޭނެ."
މިރޭގެ ހަފްލާގައި ވަނީ ފްލާސްޓިކާ ނުލައި ކެމްޕެއިންގެ ލޯގޯ ވެސް ލޯންޗް ކޮށްފަ އެވެ.
މިއީ ސަރުކާރުގެ އެކި މުވައްސަސާ ތަކާއި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކީ ހިންގޭނެ މަލްޓިސެކްޓޯރަލް އެވެއާނެސް ކެމްޕެއިނެކެވެ. މި އިވެންޓުގައި ސިންގަލްޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭން ތަންފީޒުކުރުމުގައި ޝާމިލްވާ އެކި މުވައްސަސާ ތަކުގެ އެއްބާރުލުން ހިއްސާކޮށްފައިވާ ވީޑިއޯ އެއް ގެނެސްދިނެވެ. މުވައްސަސާތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަށް ހިމެނެ އެވެ.
މިނިސްޓްރީން ބުނީ މި ކެމްޕެއިންގެ ދަށުން އެކި މުވައްސަސަތަކާ ގުޅިގެން "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގައި ކުރެވިގެންދާނެ މަސައްކަތްތަކާ ބެހޭ ފުރިހަމަ މައުލޫމާތު ދެވި އެކަންތައްތަކަކަށް އާއްމުން ހޭލުންތެރި ކުރާނެ ކަމަށެވެ.













