ގުދުސްގެ މައްސަލައިގައި ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް އިޒްރޭލާއި ފަލަސްތީނާ ދެމެދު މެދުކެނޑުމެއް ނެތި ހަމަލާ ބަދަލު ކުރަން ފަށައިފި އެވެ.
ގާޒާއިން އަންނަނީ ކޮންމެ ރެޔަކު ވެސް އިޒްރޭލަށް ގިނަ ރޮކެޓު ހަމަލާތަކެއް ދެމުންނެވެ. ރައްދުގައި އިޒްރޭލުން ދަނީ ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ގްރޫޕުގެ ޓާގެޓުތަކަށް ހަމަލާދެމުންނެވެ.
ހަމަލާ ބަދަލު ކުރަން ފަށާފައި މި ވަނީ ގިނަ މަސްތަކަކަށް ފަހު ގުދުސްގައި ހަމަނުޖެހުން ހިނގަން ފެށި ފަހުންނެވެ. އެގޮތުން އިރުމަތީ ގުދުސްގައި ފަލަސްތީނުގެ އެތައް ސަތޭކަ މީހުންނާއި އިޒްރޭލު ފުލުހުންނާ ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ގުދުސްގައި ރޯދަ މަހުގެ ކޮންމެ ރެޔަކު ވެސް ހަމަނުޖެހުން ހިނގަ އެވެ. މައްސަލަ ބޮޑުވެފައި ވަނީ އަގްސާ މިސްކިތުގައި ފަލަސްތީނު މީހުން އަޅުކަން ކުރަން އިޒްރޭލުން ހުރަސް އަޅާތީ އެވެ.
ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ގުދުސްގައި އަޅުކަން ކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމަށެވެ. ފިޔަވަޅުތައް އަޅަނީ ކޮވިޑާ ގުޅިގެން ރައްކާތެރިކަން އިސްކުރުމުގެ ގޮތުން ކަމަށް އިޒްރޭލުން ބުނެ އެވެ.
ގުދުސްއަކީ މުސްލިމުންނާއި، ޔަހޫދީންނާއި، ނަސާރާއީންނަށް ވެސް މާތްވެގެންވާ ބިމެކެވެ. އެ ތަނުގައިވާ މުސްލިމުންގެ ތަރިކައިގެ ބެލެނިވެރި ފަރާތް ކަމުގައިވާ އުރުދުންއިން ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.
ގުދުސް މައްސަލާގައި އިޒްރޭލާއި ފަލަސްތީނާ ދެމެދު އަބަދުވެސް ހަމަނުޖެހުން ހިނގަ އެވެ. އެގޮތުން 2014 ވަނަ އަހަރު 50 ދުވަހުގެ ހަނގުރާމައެއް ވެސް ކުރި އެވެ. މި ފަހަރުގެ ހަމަނުޖެހުންތައް ފެށުމާއެކު އެމެރިކާއިން ވަނީ ސުލްހައަށް އިސްކަން ދިނުމަށް ގޮވާލާފަ އެވެ.










