ލީޑްސް (އޭޕްރީލް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ލީޑްސް ޔުނައިޓެޑުން މެންޗެސްޓާ ޔުނައިޓެޑް ލަނޑެއް ޖެހިޔަނުދީ 0-0 އިން އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ޓީމަކީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށެވެ. މި ނަތީޖާއާ އެކު ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދަން ބާކީ އޮތް ފަސް މެޗުން ބޭނުންވަނީ ހަ ޕޮއިންޓެވެ. އެކަމަކު އަންނަ ހަފްތާގައި ޔުނައިޓެޑް ކުޅޭ މެޗުން ބަލިވެ ސިޓީ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ކަށަވަރުކުރެވޭނެ އެވެ. ސިޓީ ކުޅޭނީ ކްރިސްޓަލް ޕެލަސްއާ އެވެ. ޔުނައިޓެޑަށް އޮތީ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.
ސިޓީ އާއި ޔުނައިޓެޑުން ވެސް 33 މެޗު ކުޅެފައިވާއިރު، ސިޓީ އެއް ވަނައިގައި އޮތީ 77 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑްގެ އޮތީ 67 ޕޮއިންޓެވެ.
މާސެލޯ ބިއެލްސާގެ ކޯޗުކަމުގައި ކުޅޭ ލީޑްސް އިން ވަނީ މި މަސް ތެރޭ މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލާ އެއްވަރުކޮށްފަ އެވެ. އަދި މިރޭ ޔުނައިޓެޑް އަތުން ހޯދި ޕޮއިންޓާ އެކު އެ ޓީމުން މި ވަނީ ލީގު ތާވަލުގައި އާސެނަލް ފަހަތަށް ޖައްސާލައިފަ އެވެ. ލީޑްސް އިން 33 މެޗުން 47 ޕޮއިންޓް ހޯދިއިރު، އާސެނަލަށް 33 މެޗުން ލިބުނީ 46 ޕޮއިންޓެވެ.
ލީޑްސްގެ އެލަން ރޯޑްގައި މިރޭ ކުޅުނު މެޗު ފެށުމުގެ ކުރިން ހެލިކޮޕްޓަރެއް މެދުވެރިކޮށް ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ ވެރިންނާ ދެކޮޅަށް ޝުއޫރުފާޅުކޮށް ބެނާއެއް ދަނޑު މަތިން ދައްކާލައިފަ އެވެ. އެ ބެނާގައި ޖަހާފައިވަނީ ޔުނައިޓެޑްގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ އިން އެ ކްލަބްގެ ދެ ބިލިއަން ޕައުންޑް ގެއްލުވާލާފައިވާ ކަމަށާއި އެ ކްލަބުން ދުރަށް ދިއުމަަށެވެ.
ޔުނައިޓެޑްގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ޖުމްލަކޮށް ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން މާކަސް ރެޝްފޯޑް އެވެ. ރެޝްފޯޑް ޖެހި ބޯޅަ ލީޑްސްގެ ފްރާންސް ކީޕަރު އިލާން މެލިއޭ ވަނީ މަތަކޮށްފަ އެވެ. ލީޑްސް އަށް ވެސް މި މެޗުގައި މާ ގިނަ ރަނގަޅު އެޓޭކްތަކެއް ނުކުރެވުނެވެ. ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެން މަސައްކަތްކުރި ނަމަވެސް ގޯލެއް ޖަހަން ބޭނުންވާ ވަރަށް ރަނގަޅު ފުރުސަތު ތަނަވަސްނުކުރެވުނެވެ.
މެޗާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އެ ޓީމުން ދެއްކި ކުޅުން ރަނގަޅުކަމަށާއި މައްސަލައަކަށް ވީ ލަނޑު ނުޖެހޭތީ ކަމަށެވެ. ޔުނައިޓެޑް ދަނޑުގައި އެ ޓީމުން ލީޑްސް 6-2 އިން ބަލިކުރި މެޗާ އަޅާކިޔާނަމަ ކުޅުމުގެ ވަކި ކަންތައްތަކެއް މި މެޗުގައި ރަނގަޅުކަން ސޯލްޝެއާ ފާހަގަކުރި އެވެ.
"ސިޓީ އަށް ޕްރެޝަރު ކުރެވޭނެ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ބޭނުމީ. ދެން އޮތް ފަސް މެޗަށް ވެސް ނުކުންނާނީ އެ ރޫގުގައި. މިއީ މާ ބޮޑަށް މާޔޫސްވާން ޖެހޭ ނަތީޖާއެއް ނޫން،" ސޯލްޝެއާ ބުންޏެވެ.
ބިއެލްސާ ބުނީ ލީޑްސް އިން މި މެޗުގައި ވެސް ވަރަށް ރަނގަޅަށް ޓެކްޓިކްސް އަށް ވިސްނައި ޕްލޭނާ އެއްގޮތަށް މަސައްކަތްކުރި ކަމަށެވެ. އެކަަމަކު އެންމެ ބޭނުންވި ވަރަށް އިދިކޮޅު ހާފުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ނުކުޅެވުނު ކަމަށް ބިއެލްސާ ބުންޏެވެ.












