ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

ޔަގީނެވެ. މި ގުޅަނީ ނަޖާހު ނޫން ދެވަނަ މީހެއް ނޫނެވެ. އެހެންކަމުން އެ ކޯލު ނަގާކަށް ޝިމާނާ ބޭނުމެއް ނުވިއެވެ. އޭނާ އިރުކޮޅަކު ވިސްނައިލާން ހުރެފައި ފޯނު ބޭއްވީއެވެ. އިރުކޮޅަކު ހުރެފައި، އެނދާ ދިމާއަށް ހިނގައިގަތް ތަނާ ފޯނު ކެނޑިއްޖެއެވެ. ޖެހިގެން އައި ސިކުންތުގައި އަނެއްކާ ވެސް ގުޅާން ފަށައިފިއެވެ. ޝިމާނާއަށް ޗޮކެއް ކަނޑައިލެވުނެވެ. ތިންވަނަ ފަހަރަށް ގުޅުމުން، އޭނާ ގޮސް ފޯނުނެގިއެވެ. މުހިންމު ކަމެއް ޖެހިގެން އެހެން މީހަކު ވެސް ގުޅައިފާނެއެވެ.

"ޝިމާނާތަ؟" އަޑު ޖެހުމާއެކު އެއީ ނަޖާހުގެ އަޑުކަން ޝިމާނާއަށް އެނގުނެވެ. އެ އަޑުގަައި ހުރީ މަޑުމައިތިރިކަމާއި ގާތްކަމެވެ.

"އާނ! ތީ ކާކު؟" ޝިމާނާ ހަމަ ގަސްތުގައި ނޭނގޭކަމަށް ހެދިއެވެ.

"ނޭނގުނުތަ؟ މީ ނަޖާހޭ." ނަޖާހު ވަގުތުން ތަޢާރަފުވެލިއެވެ.

"އާނ، ނަޖާހު ދޯ!" ޝިމާނާގެ މޫނުމަތީގައި ހުރި ފޫހިކަމުގެ ކުލަވަރު ދެ ގުނަ ވިއެވެ. "ކިހިނެއްވީ؟" ކިތަންމެ ފޫހި ވިޔަސް، އަޑުން އެކަން ނާންގާ ވޭތޯ ޝިމާނާ ބެލިއެވެ.

"ވާހަކަ ދައްކައިލާ ހިތުން ހަމަ ގުޅައިލީ. ކުރިން ވެސް ދެ ފަހަރަކު ގުޅާލައިފިން. ބިޒީވެފަ ހުންނަނީ."

"މަގޭ ފޯނު ބިޒީވުމަކީ ކަލެއާ ބެހޭ ކަމެއްތަ؟" ޝިމާނާ ބުނާން ބޭނުންވީ މިހެންނެވެ. އެހެންނަމަވެސް ބުނާކަށް ނުކެރުނެވެ. ނަޖާހާމެދު ހަމްދަރުދީ ވެސް ވެވެއެވެ

"މިހާރު މި އުޅެނީ ނިދަންވެގެން. މާދަމާ ގުޅައިލާ! އިނގޭ!

"އޯކޭ. ގުޑް ނައިޓް."

ނަޖާހު ފޯނު ބޭއްވުމުން ޝިމާނާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ ބޮލުން ހަންދަރެއް ނެގިހެންނެވެ. އަވަސް އަވަަށް ފޯނު ބައްވާފައި، އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ކަންނޭލުގައި ބައްދާލަމުން ލޯ މަރައިލިއެވެ.

އާ ދުވަހަކާ ދުނިޔެ ކުރިމަތި ލައިފިއެވެ. އެހެންނަމަވެސް ހަމަ އާދައިގެ ދުވަހެކެވެ. ޑިއުޓީއަށް ދާން ތައްޔާރުވެގެން އިޤުބާލު ކޮޓަރިން ނިކުތްއިރު، ބަދޫރާ ބަދިގޭގައި އުޅެއެވެ. ސައިތައްޔާރުކުރުމުގައި އަތްމަތި އަވަސްކޮށް ހަރަކާތްތެރިވަމުން ދެއެވެ. އިޤުބާލު އައިސް މޭޒުދޮށުގައި ޖައްސާލިއެވެ. އޭރު މޭޒުމަތީގައި ގިރާފައި ހުރި ކަޅު ސައިތަށްޓެއް ހުއްޓެވެ. ފިހެފައި އޮތް ހައެއްކަ ރޮށި އޮތެވެ. ބަދޫރާ ހުރީ އުނދުންކައިރީގައި، ތެއްޔަކުން ތަށްޓަކަށް އެއްޗެއް އަޅާށެވެ. ބަދިގެތެރޭގައި ހިފާފައި ހުރީ ގަރުދިޔަ ވަހެވެ.

މުށިމަހު ގަރުދިޔަތަށި ގެނެސް މޭޒުމަތީގައި ބެހެއްޓުމުން، އިޤުބާލު އެއަށް ބަލައިލީ ގަޔާނުވާ ފާޑަކަށެވެ. މިއަދު ވެސް ގަރުދިޔަ ދޯ އޭ ބުނެލި ކަހަލައެވެ.

"ރިހަ ކައްކާނެ އެއްޗެއް ނެތީމަ ރިހަ ނުކެއްކީ." އިޤުބާލު އިން ގޮތް ފެނިފައި ބަދޫރާ ވާހަކަ ދެއްކިއެވެ. "ފިޔައެއް ހަވާދުކޮެޅެއްހައި ހިސާބު ވެސް ނެތް. ކިރު ޕެކެޓު ވެސް ހުރީ ހުސްވެފަ."

ބަދޫރާގެ އަޑުގައި ހުރީ ޝަކުވާގެ ރާގެއް ނޫެނެވެ. ޝުކުރުވެރިވުމާއި ކެތްތެރިކަމެވެ. އޭނާއަކީ ލިބޭ މިންވަރަށް ފުއްދައިގެން އުޅެން ދަސްވެފައި އިން އަންހެނެކެވެ. އެ ސިފަ ނެތީ އިޤުބާލުގެއެވެ. އެހެންނަމަވެސް އޭނާއަކަށް، އޭނާ ހިތް އެދޭ ފަދަ ދިރިއުޅުމެއް ހޯދޭހައި ފައިސާއެއް ނުލިބެއެވެ. އިޤުބާލަކީ އަމިއްލަ ކުންފުންޏެއްގެ ސެކިއުރިޓީ ބަލަހައްޓާ މީހެކެވެ. މުސާރައަށް ލިބެނީ، މަހަކު އަށެއްކަ ހާސް ރުފިޔާއެވެ. މަހުގެ ފަނަރައަށް އަރާއިރު ވެސް، ގިނަ މަސްމަހު އެ އެ ފައިސާކޮޅު އޮންނަނީ ނުލިބިފައެވެ. މި މަހު ވެސް މިހާރު ފަނަރަ ސޯޅައަށް އެރީއެވެ. އަދި މުސާރަ ނުލިބެއެވެ. މި ވަރުކޮޅު ވެސް މި ވަނީ ޝިމާނާއަށް މުސާރަ ލިބޭންފެށި ފަހުންނެވެ.

އިޤުބާލު ބަހަކުން ބަހެއް ނުބުނެ، ސައި ތަށި ކައިރިކޮށްލިއެވެ. ދެ ރޮށި ނަގައި ފުނޑުކޮށްލުމަށްފަހު، ދެ ސަމުސާ ގަރުދިޔަ އަޅައިލިއެވެ. އޭނާގެ ސިކުނޑީގައި އެ ވަގުތު އެނބުރެމުން ދަނީ، ކޮން ފަދަ ޚިޔާލުތަކެއްކަމެއް ނޭނގެއެވެ.

"ކޮބާ މިއަދު ޝިމާނާ؟" ސައިބޯން ފަށަމުން އިޤުބާލު އަހައިލިއެވެ.

"އޮފީހަށް ގޮސް ވީ."

"މިއަދު މީ ހޮނިހިރު ދުވަހެއްނު."

"އޮފީސް އޮފީހަށް ދިޔުމުގަ ހުކުރެއް ހައްޖެއް މިހާރު އޮވޭތަ؟" އިޤުބާލު ކައިރީގައި ހުރި ގޮނޑި ދަމާލައިފައި ބަދޫރާ ޖައްސާލިއެވެ. "މި ފަހަރު މުސާރަ ލިބުނީމަ، އެއް ކަމެއް ނުކުރިޔަސް، އުނދުނެއް ގަންނަންވާނެ! މިހާރު މި އުނދުނުން ކެއްކޭވަރެއް ނުވޭ"

އިޤުބާލަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ބަދޫރާގެ މޫނަށް އޭނާ ބަަލައިލީ ނުކުޅެދުންތެރިކަމާއެކުގައެވެ. ބުނި ކަހަލައެވެ. މި ނޫން ދުވަހެއް އަހަރެމެންނަށް ފެންނާނެ ބާވައެވެ؟

"ޝިމާނާ އަދިވެސް މީހަކާ އިނުމުގެ ފިކުރެއް ނުކުރޭތަ؟" އިރުކޮޅަކު އިނދެފައި އިޤުބާލު އަހައިލިއެވެ.

"ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ ކުރީ ދުވަހު ބުނި."

"އަނެއްކާ ކޮންކަހަލަ ކުއްޖަކާބާ ރައްޓެހިވީ؟" އަވަސް އަވަހަށް އިޤުބާލަށް އަހައިލެވުނެވެ.

"ފިރިހެން ކުއްޖަކާނު ރައްޓެހިވާނީ." ބަދޫރާ ސަމާސާކޮށްލިއެވެ. އިޤުބާލު މާ ބޮޑަށް ފިކުރު ބޮޑުވެފައި އިނުމުން، ފިކުރުތަކުން ދުރުކޮށްލުމުގެ ނިޔަތުގައެވެ.

"ތިކަން އެނގޭ މަށަށް ވެސް." ބަދޫރާގެ އެ ސަމާސާ އިޤުބާލަކަށް ކަމަކު ނުދިޔައެވެ.

ތަނަވަސް ދިރިއުޅުމަކަށް އިޤުބާލު އަބަދުވެސް އުއްމީދުކުރެއެވެ. އެއީ އޭނާ ޒަމާނުއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ. މީހަކާ ނީންނަ އިރުއްސުރެ ކައްކާ ފޮލާއެކެވެ. އެހެންނަމަވެސް މީހަކާ އިނދެ، ދަރިއަކު ލިބި، އެ ދަރިފުޅު ބޮޑުުވި އިރުވެސް، އެ ހުވަފެއް އޮތީ، އޭނާގެ ސިކުނޑީގެ އެއް ކަނެއްގައި، ހަތުރެއްގެ ގޮތުގައި އޭނާއަށް އަނިޔާ ދޭށެވެ. މިހާރު އޭނާގެ ހިތުގައި އުއްމީދުގެ ނުނިވި އޮތް ހަމައެކަނި ކަނި ގުޅިފައިވަނީ، އޭނާގެ ދަރިފުޅާއެވެ. ޝިމާނާއާއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އަމިއްލަ ނަފުސަށް އޭނާ އަދާކުރަންޖެހޭ ދަރަނި، ޝިމާނާ އަދާކޮށްދޭން ޖެހޭނެއެވެ. ޝިމާނާ ކައިވެނިކުރާން ވާނީ، މަހުޖަނަކާއެވެ. ނުވަތަ މަހުޖަނެއްގެ ދަރިއަކާއެވެ. މާލޭގައި ގެދޮރު ނެތަސް، ފައިސާއިން އޭނާ ފެންވަރުވާލެވޭ ފަދަ މީހަކާއެވެ. ބަދޫރާގެ އެ ސަމާސާ އިޤުބާލަށް ކަމުނުދިޔައީ އެހެންވީމައެވެ.

"ބަދޫރާއަށް އެނގޭނެ އަހަރެން މި ބުނީ ކީކޭކަން." އިޤުބާލުގެ އަޑުގައި ނުރުހުމުގެ ރަހަ ހިފާފައި ހުއްޓެވެ. "ދުނިޔެ އުމުރު އަހަރެމެން މި އުޅޭ ހާލު، ބަދޫރާއަށް ފެންނާންވާނެ! ލިބޭ ހުރިހައި އެއްޗެއް މާލޭ ބިންވެރިންނަށް ދީފައި، އެއް ހަރުން އަނެއް ހަރަށް ދެމޭން ޖެހުނީމާ އަޅާ ވޭން އިހުސާސްކުރެވެންވާނެ! މީރު ކައި އެއްޗެއް އަރުން އެތެރެކޮށްލާން ނުލިބ،ި އުމުރު ހުސްވަމުން ދާއިރު، ލިބޭ ހިތްދަތިކަން ހަނދާން ހުންނާންވާނެ! މި ދިިރިއުޅުން ޝިމާނާ އުޅޭތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން. އެހެންވީމާ އޭނާ އިންނަންވާނީ، ޖީބު ބޮޑު ފިރިހެނަކާ. ޝިމާނާ އިންނަން އެ އުޅެނީ، ކޮން ފެންވަރެއްގެ މީހަކާތޯ އަހައި އޮޅުންފިލުވާތި! ސަމާސާ ކަމަކަށް މި ކަން ހަދައިގެން ނުވާނެ!"

އިޤުބާލު ޑިއުޓީއަށް ހިނގައްޖެއެވެ. ޑިއުޓީގައި އިން އިރު ވެސް، އޭނާގެ ސިކުނޑި ހަލަބޮލިކުރަމުން ދަނީ، ބަދޫރާގެ އެ ބުނުމެވެ. ޝިމާނާ އަނެއްކާ ހިތާވެގެން އެ އުޅެނީ ކާކާ ބާވައެވެ؟ އެ މަންޖެ ވިސްނައިނުލައި، ޅަ އެއްޗެއް އަޅައިފާނެ ބާވައެވެ؟ އަނދެލާނެ ފޮށާގަނޑެއްހައި ހިސާބު ވެސް ނެތް ކޮހަކު ގޮވަގެން، ވަލީ ހޯދަން އަޔަސް، މަގޭ ފަރާތުން ލިބޭނެ އެއްޗެއް ނޯންނާނެއެވެ.

ޑިއުޓީ ނިންމާފައި އިޤުބާލަށް ގެއަށް އާދެވުނުއިރު، އަސުރުން އިރު ތިރިވެއްޖެއެވެ. ފެންވަރައި، ނަމާދުކޮށް ހަދައިގެން އޭނާ އައި އިރު، ބަދޫރާ ކޮޓަރީގައި އުޅެއެވެ. އަލަމާރީގެ ހެދުންތައް ތަރުތީބުކުރުމުގައެވެ. އިޤުބާލު އައިސް، އެނދު ހުރަހަށް ޖައްސައިލިއެވެ.

"ކޮބާ އެއްކަލަ ވާހަކަ އަހައިފިން؟"

"ހޫނ!"

"ކީކޭ ބުނީ؟" އިޤުބާލަށް ފުންމައިގެން ތެދުވެވުނެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox