ލަންޑަން (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އަތުން 1-0 އިން ހޯދި ތާރީހީ މޮޅާ އެކު އެވަޓަން އިން ގަދަ ހަތަރެއްގެ ރޭހުގައި މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
މިއީ 1987 ވަނަ އަހަރުގެ ފަހުން ލީގުގައި އާސެނަލް އަތުން އެވަޓަން އެއް ސީޒަނެއްގައި ދެ މޮޅު ހޯދި ފުރަތަމަ ފަހަރެވެ. އަދި 1996 ވަަނަ އަހަރަށް ފަހު އާސެނަލް ދަނޑުގައި ލީގުގައި އެވަޓަން ހޯދި ފުރަތަމަ މޮޅެވެ.
މިރޭގެ ތިން ޕޮއިންޓާ އެކު އެވަޓަން ލީގުގެ އަށް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ ތިން ޕޮއިންޓް މަދުން ހޯދައިގެންނެެވެ. ހަތަރެއްގައި އޮތް ޗެލްސީ އާއި ފަހެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 32 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަަނައިގައި އޮތް ޓޮޓެންހަމް އަށް 33 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ލިވަޕޫލް އޮތީ 32 މެޗުން 53 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ޓޮޓެންހަމަށް ވުރެ ފަހަތުގަ އެވެ. އަދި އެވަޓަން މިރޭގެ މޮޅާ އެކު އެވަޓަން އަށް ވަނައިގައި އޮތީ 32 މެޗުން 52 ޕޮއިންޓާ އެކު އެވެ.
އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ލީގުގައި އެވަޓަން ގަދަ ހަތަރެއްގައި ނިންމަން ބަލާއިރު، މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށާއި 25 އަހަރު ތެރޭ އާސެނަލް ދަނޑުގައި ފުރަތަމަ ފަހަރަށް ލީގުގައި މޮޅެއް ލިބުމުން އެކަން ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި ފޯރުކޮށްދެން ބޭނުންވާ ކަމަށެވެ.
ފުރަތަމަ ހާފުގައި އާސެނަލަށް އެންމެ އެކަށީގެންވާ ވަރަށް އެޓޭކެއް ނުކުރެވިދިޔައިރު، އެވަޓަންގެ ރިޗާލިސަން ޖެހި ބޯޅައެއް އާސެނަލްގެ ކީޕަރު ބާން ލޭނޯ ހުއްޓުވި އެވެ. ދެ ވަނަ ހާފްގައި ރިޗާލިސަން އޭރިއާތެރެއިން އާސެނަލްގެ ޑެނީ ސެބާޔޯސް އަށް ފައުލުކުރި ކަމަށް ބުނެ ރެފްރީ ޖޯން މޮސް ފުރަތަމަ ޕެނަލްޓީ އެއް ދިނެވެ. އާސެނަލްގެ ނިކޮލަސް ޕެޕޭ ޕެނަލްޓީ ޖަހަން ގޮސް ބޯޅަ ހިފައިގެން ހުއްޓައި ވީޑިއޯ އެސިސްޓަން ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ޕެނަލްޓީ ކެންސަލްކުރީ އެޓޭކް ފެށިއިރު ޕެޕޭ އޮފްސައިޑްގައި ހުރުމުންނެވެ.

އާސެނަލްގެ ލެނޯ އަތުން ބައިކޮޅަށް ބޯޅަ ގޯލަށް ވަންނަނީ.-- ފޮޓޯ: ސްކައިސްޕޯޓްސް
އެވަޓަން މޮޅުވި ގޯލަކީ މެޗުގެ 76 ވަނަ މިނިޓްގައި އާސެނަލްގެ ކީޕަރު ލޭނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ރިޗާލިސަން ނެގި ހުރަހެއްގައި ލެނޯ އަށް ހެދުނު ގޯހަކުން ބައިކޮޅަށް ވަން ގޯލެކެވެ. އާސެނަލް ސަލާމަތްކޮށްދޭން މެޗުގެ ފަހު ވަގުތު ބްރެޒިލްގެ ފޯވާޑް ގަބްރިއެލް މާޓިނެލީ ޖެހި ޝޮޓް އެވަޓަން ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އޭނާގެ ޓީމުން ޖުމްލަކޮށް ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު މެޗު ގެއްލެން ދިމާވި އެއް ސަބަބަކީ އާސެނަލަށް ދިން ޕެނަލްޓީގެ ނިންމުން އަނބުރާލި ގޮތް ކަމަށެވެ. އޭނާ ބުނީ ވީއޭއާރް އިން ބެލިޔަސް އެ އެޓޭކެއް ހިނގަނީ ކިހާ ހިސާބަކުންތޯ ބަލައި އެ ހުރިހާ ތަފްސީލަކަށް ދާނަމަ ވަރަށް ގިނަ ގޯލު އޮފްސައިޑްވާނެ ކަމަށެވެ.
ސައުވީސް މެޗަށް ފަހު ލީގުގައި އަމިއްލަ ދަނޑު އެވަޓަން އަތުން ފުރަތަމަ ފަހަރަށް އާސެނަލް ބަލިވިއިރު، މިއީ މި ފަހަރު ލީގުގައި އެ ޓީމު އަމިއްލަ ދަނޑުގައި ބަލިވި ހަތް ވަނަ މެޗެވެ. މިއީ 1993 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ލީގެއްގައި ހަތް މެޗުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.
އާސެނަލް މި ވަގުތު ލީގުގެ ނުވަ ވަނައިގައި އޮތީ 33 މެޗުން 46 ޕޮއިންޓާ އެކު އެވެ. ލީގުގެ 10 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި 11 ވަނައިގައި އޮތް އެސްޓަން ވިލާ މެޗު ހަމަކުރާއިރު އާސެނަލަށް ވުރެ މައްޗަށް އެރުމުގެ ފުރުސަތު އެބައޮތެވެ.












