އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މާސްއަށް ފޮނުވި ޕާސިވިއަރެންސް އުޅަނދުގައި ހިމެނޭ ކުޑަ މެޝިނަކުން އެ ޕްލެނެޓުގެ ކާބަންޑައި އޮކްސައިޑް ބޭނުންކޮށްގެން އޮކްސިޖަން އުފައްދައިފި އެވެ.
މިއީ ނާސާއިން މާސްގައި ކުރިއަށް ގެންދާ މިޝަންގައި ކާމިޔާބުކަމާ އެކު ހިންގި ދެ ވަނަ ތަހުލީލެވެ. މީގެ ކުރިން ވަނީ ކާމިޔާބުކަމާ އެކު މާސްގައި ކުޑަ ހެލިކޮޕްޓަރެއް ވެސް ދުއްވާފަ އެވެ.
އޮކްސިޖަން އުފެއްދީ ޕާސިވިއަރެންސް އުޅަނދުގެ ތެރޭގައިވާ ކުޑަ ޓޯސްޓަރެއް ސައިޒުގެ "މާސް އޮކްސިޖަން އިން-ސައިޓު ރިސޯސް ޔުޓިލައިޒޭޝަން އެކްސްޕެރިމަންޓަ (މޮކްސީ)" އިންނެވެ.
އެ ކުޑަ މެޝިނުން ވަނީ އޮކްސިޖަންގެ ފަސް ގްރާމް އުފައްދާފަ އެވެ. އެއީ އެސްޓްރޮނަޓަކު މާސްއަށް ގޮސްފި ނަމަ 10 މިނެޓު ވަންދެން ނޭވާލާން ބޭނުން ކުރެވޭނެ މިންވަރެވެ.
ނާސާއިން ގަބޫލުކުރާ ގޮތުގައި ކުރިމަގުގައި އިންސާނުން މާސްއަށް ކުރާ ކޮންމެ ދަތުރެއްގައި ވެސް މިފަދަ މެޝިންތައް ގެންދަން ޖެހޭނެ އެވެ. އެއީ ދުނިޔެއިން އޮކްސިޖަން ހިފައިގެން ދިޔުމަށް ވުރެ ފަސޭހަ ގޮތަކަށް ވާނެތީ އެވެ.
މާސްގެ އެޓްމޮސްފިއާގެ 96 ޕަސެންޓަކީ ކާބަންޑައިއޮކްސައިޑެވެ. އެ ޕްލެނެޓުގައި އޮކްސިޖަން ހުންނަނީ އެންމެ 0.13 ޕަސެންޓެވެ. ދުނިޔޭގައި އޮކްސިޖަން ހުންނަ މިންވަރަކީ 21 ޕަސެންޓެވެ.










