ކަންބޮޑުވުންތައް ހުއްޓަސް، ސަރުކާރުން އެދުނު ގޮތަށް އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށްދޭން ކޮމިޓީން ނިންމައިފި

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ ސަރުކާރުން އެދުނު ގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދޭން އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ވަގުތީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ އޭގެ ކުރީ ތިން އަހަރުގެ ދައުލަތު އާމްދަނީގެ 20 ޕަސަންޓަށްވާ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ.

އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އެ ހުއްދަ އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، ކޮވިޑުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަދި އަރައިގަނެވިފައިނުވާތީ، އެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

އެއާއެކު އެ ހުއްދަ ދިނުމުގެ ކުރިން، ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތު ދެނެގަތުމަށް މަޖިލީހުން ވަނީ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނަގައިފަ އެވެ.

އެމްއެމްއޭއިން ހުށަހެޅި ޝަރުތުތައް ނުހިމެނި

ކޮމިޓީން މިއަދު ވަނީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށްފަ އެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ގަވަރުނަރު ގިނަ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާއިރު، އޭނާ ވިދާޅުވި ގޮތުގައި، ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް އެކްސްޗޭންޖު ރޭޓާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، މަނިޓަރީ ފައިނޭންސިންގެ (ސަރުކާރުގެ ހަރަދަށް ސީދާ މަރުކަޒީ ބޭންކުން ފައިސާ ދިނުން) ސަބަބުން އިންފްލޭޝަން ރޭޓު ހިފެހެއްޓުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އިގުތިސޯދީ ހާލަތު މިހާރު އޮތް ގޮތުން އެކަން ކުރަންޖެހިފައިވީ ނަމަވެސް، މަދުވެގެން އަހަރަކު ދެ ފަހަރު، ދަރަންޏަށް ނެގި ފައިސާ ސަރުކާރު ބޭނުންކުރަމުންދާ ގޮތް މުރާޖައާ ކުރަންޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

އަދި އެ އަނބުރާ ދައްކަން ސަރުކާރުން ގެންގުޅޭ ޕްލޭނެއް ހޯދުމުގެ އިތުރުން، އެ ދަރަނީގައި އަގެއް ނުވަތަ އިންޓަރެސްޓެއް ހިމަނަންޖެހޭ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި އެވެ.

އިދިކޮޅުގެ ހުށަހެޅުންތަކަށް ތާއީދެއް ނުލިބުނު

އެ ރިޕޯޓު ނިންމުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި، އިދިކޮޅުގެ ފަރާތުން ކޮމިޓީގައި ހިމެނި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ގަވަރުނަރުގެ ކަންބޮޑުވުންތައް ކޮމިޓީން ނިންމާ ނިންމުމެއްގެ ގޮތުގައި ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ.

މިގޮތުން، މައިގަނޑު ފަސް ކަމެއް ކޮމިޓީގެ ނިންމުމުގައި ހިމެނުމަށް ސައީދު ހުށަހެޅުއްވި އެވެ.

ސައީދުގެ ހުށަހެޅުންތައް

  1. 4.4 ބިލިއަނަށް ވުރެ އިތުރަށް އޯވާޑްރޯ ނުކުރުން.
  2. އިތުރަށް ފައިސާ ޗާޕު ނުކުރުން.
  3. ފައިނޭންސް ކޮސްޓެއްގެ ގޮތުގައި 0.5 ޕަސަންޓުގެ އިންޓަރެސްޓެއް ހިމެނުން.
  4. ނަގާ ފައިސާ އަނބުރާ ދައްކާނެ ޕްލޭނެއް ހިމެނުން.
  5. އޯވާޑްރޯ ހުއްދަ ދިނުމަށްފަހު ކޮންމެ ތިން މަހަކުން ކުރެވޭ ހަރަދުތައް މުރާޖައާކުރުން.

އޭގެ އިތުރުން، އޯވާޑްރޯ ކުރާ އަދަދު މުއްދަތު ހަމަވުމުން، ލޯނަކަށް ބަދަލުކޮށްގެން ނުވާނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުން ފަދަ ކޮންމެހެން ކުރަންނުޖެހޭ ހަރަދުތައް ނުކުރެވޭ ގޮތަށް ޝަރުތެއްގެ ގޮތުގައި ހިމަނަން ވެސް ސައީދު ހުށަހެޅުއްވި އެވެ.

ނަމަވެސް، ސައީދުގެ އެއްވެސް ހުށަހެޅުމަކަށް ތާއީދެއް ނުލިބުނެވެ.

އެމްއެމްއޭގެ ކަންބޮޑުވުންތައް ހަމައެކަނި ލިޔުމުގައި

އޯވާޑްރާފްޓާ ގުޅޭގޮތުން އެމްއެމްއޭއިން ގިނަ ކަންބޮޑުވުންތައް ފާހަގަކުރި ނަމަވެސް، ހުއްދަ އިތުރުކޮށް ދިނުމުގެ ޝަރުތެއްގެ ގޮތުގައި މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރި ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި ރިޕޯޓުގައި ހިމަނާފައިވަނީ، ކޮންމެ ހަ މަހަކުން ހަރަދުތައް ރިވިއު ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، މިހާރު ހުއްދަ ދީފައިވާ އަދަދަށް ވުރެ އިތުރަށް އޯވާޑްރޯކޮށްފި ނަމަ، އިގުތިސޯދަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ވާނެކަމަށް އެމްއެމްއޭ އިން ބުނެފައިވާ ކަމަށެވެ.

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް
އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

އެމްއެމްއޭގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް ފާޅުކުރި ކަންބޮޑުވުންތައް ވެސް ރިޕޯޓުގައި ހިމަނާފައިވަނީ ކޮމިޓީން ކުރި ދިރާސާތަކުން ހޯދުނު މައުލޫމާތުތަކުގެ ގޮތުގަ އެވެ.

އެ ރިޕޯޓު ވޯޓަށް އެހުމުގެ ކުރިން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކޮމިޓީގެ ނިންމުމަކީ، ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، އޯވާޑްރޯ ކުރަން ދިން ހުއްދަ، ސަރުކާރުން އެދުނު ގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށް ދިނުން ކަމަށެވެ.

ކޮމިޓީގެ ރިޕޯޓު ނިންމައި، މިރޭ ތަޅުމަށް ފޮނުވޭނެ ކަމަށް އަސްލަމް ވިދާޅުވިއިރު، ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެ ނަމަ އާއްމުކޮށް މަޖިލިސް ބާއްވާ ދުވަހެއް ނޫން ނަމަވެސް، މާދަމާ ޖަލްސާއެއް ބާއްވައި، މައްސަލަ ނިންމަވާ ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox