ލަންޑަން (އޭޕްރީލް 21) - މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ވަކިކުރުމަށް ފަހު މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްގެ ހެޑްކޯޗުގެ ޒިންމާ ކުރީގެ ކުޅުންތެރިޔާ އުމުރުން 29 އަހަރުގެ ރަޔާން މޭސަންއާ ޓޮޓެންހަމުން ހަވާލުކޮށްފި އެވެ.
ޓޮޓެންހަމަށް ކުރިން ކުޅުނު މޭސަން ފުޓްބޯޅައިން ރިޓަޔާކުރީ 2018 ވަނަ އަހަރު އެވެ. އޭނާ ރިޓަޔާކުރަން މަޖުބޫރުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީއާ ދެކޮޅަށް ހަލް ސިޓީ ކުޅުނު މެޗެއްގެ ތެެރެއިންނެވެ. އޭރު ހަލް އަށް ކުޅެމުން ދިޔަ މޭސަންގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއްކޮށް އަލުން ކުޅުމަށް އެނބުރި އަންނަން ކުރި މަސައްކަތް ކާމިޔާބުނުވީ އަލުން ކުޅެން ފަށައިގެން ދެން އޭނާގެ ބޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުން ފުރާނަ ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރު ބުނުމުންނެވެ.
ރިޓަޔާކުރުމަށް ފަހު ޓޮޓެންހަމްގެ އެކަޑަމީގައި މަސައްކަތްކުރަމުން އަންނަ މޭސަން ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވުމަށް ފަހު ފުރަތަމަ މެޗުގައި މާދަމާރޭ ސައުތެމްޓަންއާ އަމިއްލަ ދަނޑުގައި ބައްދަލުކުރާނެ އެެވެ.
"އަހަރެންގެ އުމުރުުން 29 އަހަރުގެ ތެރެއިން 20 އަހަރު ހޭދަކުރީ މި ކްލަބްގައި. މިއީ އަހަރެންގެ ލެޔާ ގުޅިފައިވާ ކްލަބެއް. އަހަރެން ފަހުރުވެރިކަމާ އެކު މި ވަޒީފާ އަދާކުރާނަން،" މޭސަން ބުންޏެވެ.
މޭސަން އަށް އެހީތެރިވާނީ ކުރިން ޓޮޓެންހަމްގެ ކެޕްޓަން ބޭންޑް އެޅި ލެޑްލީ ކިންގް އާއި ކްރިސް ޕަވެލް އަދި ނައިޖެލް ގިބްސް އެވެ.
ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިވި އެންމެ ބޮޑު ސަބަބަކީ މައްސަލަ ބޮޑުވެފައިވާ ސުޕަ ލީގުގައި ޓޮޓެންހަމުން ބައިވެރިވުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ވިދާޅުވީ މޭސަން އަށް މި ސީޒަނުގެ ނިޔަލަށް ކޯޗުކަން ދިނީ ވަރަށް ބޮޑަށް ބެލުމަށް ފަހު ވަރަށް ބޮޑު އިތުބާރެއް އޮތުމުން ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ހަތް ވަަނައިގައި މި ވަގުތު އޮތް ޓޮޓެންހަމް އަންނަ އާދިއްތަ ދުވަހު އިނގިރޭސި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީއާ ބައްދަލުކުރާނެ އެވެ.








