ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ވާލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް ހަތް ދަރަޖައިގެ ކުރިއެރުމެއް މި އަހަރު ލިބިއްޖެ އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އަހަރަކު އެއް ފަހަރު އެކުލަވާލާ ލިސްޓުން ރާއްޖެއަށް މި އަހަރު ލިބުނީ ރޭޓްކުރި 180 ގައުމުގެ ތެރެއިން 72 ވަނަ އެވެ. މިއީ މި ލިސްޓުގައި ރާއްޖެ ހިމަނަން ފެށި ފަހުން އެންމެ ރަނގަޅު ސްކޯއެއް ލިބި، އެންމެ މަތިން ޖާގަ ލިބުނު ފަހަރެވެ.
ރާއްޖޭގެ މި އަހަރުގެ ސްކޯއަކީ 29.13 އެވެ. މިދިޔަ އަހަރާ އަޅާ ބަލާ އިރު މާ ބޮޑު ބަދަލެއް އައިސްފައި ނުވިޔަސް ސަރަހައްދީ ގައުމުތަކަށް ބަލާ ނަމަ، އެންމެ ކުރި ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

މި އަހަރުގެ ލިސްޓުގެ އެންމެ ކުރިއަށް ނޯވޭ އާއި ފިންލެންޑް އަދި ސްވީޑްން އެރި އިރު ލިސްޓުގެ އެންމެ ފުލުން ޖާގަ ލިބުނީ އެރިޓްރިއާ އާއި ނޯތު ކޮރެއާ އަދި ތުރުކްމަނިސްތާނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް އެންމެ ދަށުން ނަތީޖާ ލިބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގަ އެވެ. އެ ދައުރުގައި ރާއްޖެ ވަނީ 103 ވަނަ އިން 129 ވަނަ އަށް ވެއްޓިފަ އެވެ.
ޔާމީންގެ ވެރިކަމުގައި ނޫސްވެރިންނަށް ގިނަ ފިއްތުންތަކެއް ކުރިމަތިކޮށް، އަބުރާ ބެހުން ޖިނާއީ ކުށަކަށް ހަދައި އެ ގާނޫނު ނޫސްވެރިންނާ ދެކޮޅަށް ބޭނުންކުރިކަން އާރުއެސްއެފް އިން ފާހަގަކުރި އެވެ. އަދި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.
މިއަހަރުގެ އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުން ލިބުނު ސަބަބުތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ގާނޫނު އުވާލުމާއި މީޑިއާތައް ޖޫރިމަނާ ކުރުން ހުއްޓާލުން ހިމެނެ އެވެ.
ނޫސްވެރިންނަށް މިނިވަން މާހައުލެއް ހޯދައި ދިނުމުގައި ލިބިފައިވާ ކުރިއެރުންތަކާ އެކު ވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފުލުހުން، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާ މައްސަލަތަކާއި ރިލްވާނާއި ޔާމީން ރަޝީދުގެ މައްސަލައިގައި އިންސާފު ލިބުން ލަސްވުން ހިމެނެ އެވެ.












