އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަ: ދިންނެވުން

Apr 20, 2021, 7:21 AM
ޓައިޕޯގްރަފީ: ހުސެއިން ވަހީދު/ ކުރެހުން: އަހުމަދު އިހުސާން (އަރަކަ)

ޓައިޕޯގްރަފީ: ހުސެއިން ވަހީދު/ ކުރެހުން: އަހުމަދު އިހުސާން (އަރަކަ)

އެޑިޓަރުގެ ނޯޓް: މިއީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުން ނެރެފައިވާ "އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަތައް 1" ގައި ޝާއިއުކޮށްފައިވާ ވާހަކަ އެކެވެ. މި ވާހަކަ މި ނޫހުގައި ޖަހާފައިވަނީ، ޝާއިއުކުރި ފަރާތާއި ލިޔުންތެރިޔާގެ ހުއްދައާ އެކު އެވެ. މި ވާހަކަ ކިޔުންތެރިންނަށް މި ހަދިޔާކުރަނީ، މި ނޫހުގެ ލިޔުންތެރިޔާ ނަސްމާ އަބްދުލްމުހުސިން ލިޔެފައިވާ އިބްރާހިމް ހުސެއިން މަނިކުގެ ވާހަކަ އަދަބީ ފަންނުވެރިކަމާ ގުޅޭ އާޓިކަލް "އިބްރާހިމް ޙުސައިން މަނިކުގެ ގަލަމުން ދިވެހި ދިރިއުޅުމުގެ ރިވާޔަތު" އަށް ބާރު ދިނުމުގެ ގޮތުންނެވެ.

.....................................................

ވިދާލާ ކޮންމެފަހަރަކު ރޭގަނޑުގެ އަނދިރިކަމުގެ ޗާދަރު ޖައްވުގެ މޫނުމަތިން ކެހިގެންދެއެވެ. ހިނދުހިނދުކޮޅުން ގުގުރާލާއިރު ހީވަނީ ޓިނުތަކެއް "ބާވާލައްވާ" ހެންނެވެ.

މަތީނުގެ މޫނު ދިއްލިފައިވަނީ އުފާވެރި ހިނުތުންވުމަކުންނެވެ. އެރީތި ރަންފަށަށް ބަލައިލުމާއެކު ލޯ ތަރަތަރަޖަހައިގަތެވެ. އަލިކުތަރިކު އަލީގައި އެރަންފަށުގެ ކަވިބޮޅުތައް އަލިފާން ކަނިތަކެއްހެން ފިޔަޖަހަމުންދެއެވެ. މަތީނުގެ ދެއިނގިލި ދޭތެރޭ ރަންފަށް ފިރުކާލިއެވެ. އަދި އެފަށުގެ ހިތެއްގެ ސިފައިގައިވާ ބޮޑުފޮތި އޭނާގެ ހުޅުވާލާފައިވާ އަތްތިލައިގެ މެދުގައި ބޭއްވުމަށްފަހު ލޯކުޑަކޮށްލާ ބަލައިލިއެވެ. ބޮޑުފޮތި ވަށާ ރީތި ތާނައަކުރުން "ލޯބި ހުރިހާ އެއްޗެއް ފަތަޙަ ކުރެއެވެ." މި ޖުމުލަ އުފުލާ ނަގާފައިވެއެވެ.

Advertisement

މަތީނު ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ރަންފަށްލޯ ރަތްފޮށި ޖީބަށް ވައްޓާލިއެވެ. މިރަންފަަށަށް އޭނާ ފާރަވެރިވަމުން އަންނަތާ މިހާރު އަހަރުވަނީއެވެ. އެރަންފަށް ގަންނަހާ ލާރި އޭނާ އަތުގައި ޖަމާނުވަނީސް އެ ވައްތަރުގެ ރަންފަށް އެ ފިހާރައިން ވިކި ހުސްވެދާނެތީ އޭނާ ގަތްބިރުވެސް ފިލާދިޔައީއެވެ. އެ ރަންފަށް އޭނާގެ މިލްކަކަށް ވުމުންނެވެ. ނަމަވެސް އެއީ ކޮންފަދަ ގުރުބާނީއެއްހެއްޔެވެ؟

އެ ރަންފަށް ގަތުމަށްޓަކައި އޭނާ ދުފުމާއި ސިނގިރެޓްބުއިން ހުއްޓާލިއެވެ. ބައިސްކޯފަށް ދިއުމާއި ފޯރިގަދަ ފުޓްބޯޅަ މެޗުތައް ބެލުން ހުއްޓާލިއެވެ. ބަނޑުހައިވެ ހާންތިވިޔަސް ހޮޓަލަކުން ސައިތަށްޓެއްގެ މިންވަރުވެސް ބުއިމުން މަނާވެގަތެވެ. އާ ހެދުން ހޯދުމާއި އާ އަތުކުރިގަޑިއެއް ހޯދުންވެސް ފަސްކޮށްލިއެވެ. ރައްޓެހިން ކިތަންމެ މަލާމާތެއް ކުރިޔަސް އަދި މާލޭގައި ފައިމަގުގައި އުޅުމަކީ ކިތަންމެ ދަތި ނިކަމެތި ކަމަކަށްވިޔަސް ބައިސްކަލެއް ހޯދުންވެސް ފަސްކޮށްލިއެވެ. އެއްއަހަރުވަންދެން ފައިސާއަށް ގަނެވޭ ދުނިޔަވީ ކޮންމެ މީރުކަމެއް އަމިއްލައަށް ޙަރާމްކުރިއެވެ. ނަމަވެސް މިރޭ އޭނާގެ މިދިގު "ރޯދަ" އީދަކުން ނިމުނީއެވެ.

އެރަންފަށް މަރިޔަނަށް ހަދިޔާކުރާ ހިތުން މަތީނަށް ހުރެވެނީއަކީ ނޫނެވެ. އޭނާ އެ ރަންފަށްގަތީ ހަމައެކަނި އެބޭނުމުގައެވެ. މި އަގުބޮޑު ހަދިޔާ ލިބުމުން މަރިޔަންގެ ހައިރާންވެފައިވާ، ހަނދުފަދަ މޫނު މިހާރުވެސް އޭނާޔަށް ފެނިފެނި ހުރިކަހަލައެވެ. އެރަންފަށަކީ ލޯބީގެ ދިރިހުރި ނިޝާނަކަށް ވާނެއެވެ. އެދެމީހުންނަށްފަހު އެމީހުންގެ ކާފަ މާމަދަރިން އެރަންފަށް ވާރުތަކުރާނެއެވެ. އެ ރަންފަށުން ދާއިމީ އުފަލެއް އޭނާގެ ދަރިފަސްކޮޅަށް ލިބޭނެއެވެ. ވީއިރު ފަސްހާސް ރުފިޔާއަކީ އެރަންފަށާ އަޅާބަލާއިރު ބޮޑުއަގެއް ނޫންތާއެވެ. އަދި އެހާފައިސާ ޖަމާކުރަން އޭނާވީ ޤުރުބާނީއަކީވެސް މާބޮޑުކަމެއް ނޫންތާއެވެ. އެކަކުވެސް އެކަމެއް ނުދަންނާނެއެވެ. އެ ސިއްރު އޭނާޔާއެކު ވަޅުލެވިދާނެއެވެ.

ގަޑިން ދިހައެއްވެސް ޖަހަނީއެވެ. މާލަސްވެއްޖެނަމަ މަރިޔަން ނިދާފާނެއެވެ. މަތީނަަށް ކިރިޔާ ފިހާރައިން ނިކުމެވޭ ވަރުވީއެވެ. ވާރޭ އޮއްސައިގެންފިއެވެ. އޭނާގެ އަތުގައި ކުޑައެއް ވާރޭ ކޯޓެއް ނެތްކަމުން ފިހާރައިގެ އަސްކަނި ދަށުގައި ހައްޔަރުވެއްޖެއެވެ. ވެހެމުންދާ ބޯވާރޭގެ ދުނިތަކާ ދިމާޔަށް ލޯއަޅައިގެން މަތީން އާފުރިލަފުރިލާ ހުރިއިރު ރޭގެ ތެތްފިނިރޯޅި އޭނާ ހިނަވަމުން ދެއެވެ.

ކެރިކަނޑައިގެން ނުގޮސް ވެހެމުންދެއެވެ. މަގުގެ ބައެއް ހިސާބުގައި ފެންބޮޑުވެއްޖެއެވެ. މަގުގައި ދުއްވާ އެއްޗެހިވެސް މަދުވެއްޖެއެވެ. ފިހާރަތައްވެސް ބަންދުކޮށްފިއެވެ.

ކެރިކަނޑާލިއިރު ގަޑިން އެގާރަޖަހާ ބޮޑުވެއްޖެއެވެ. މަތީނުގެ ހިތްވަނީ ނާއުއްމީދު ވެފައެެވެ. މިދަންވަރު މަރިޔަންގެ ގެޔަށް ދިޔަ ނަމަވެސް ބޭނުން ފުދޭނެހެނެއް ހިޔެއްނުވެއެވެ. މަރިޔަން މިހާރު ނިދާ މަރުވެދާނެއެވެ. މަތީނު ހިތަށް އެރިއެވެ. އޭނާ ގެޔާ ދިމާޔަށް ބެހެއްޓީ ރަންފަށް ހަދިޔާކުރުން މާދަމަޔަށް ފަސްކޮށްފައެވެ.

ފެންގަނޑުގަނޑުން ރެކި މަގުގެ ހިކިތަންތަންކޮޅުން ކަތިއަޅަމުން ބައެއް ފަހަރު މުގޯލިއަޅަމުން މަތީނު ކުރިޔަށް ހިނގަމުންދެއެވެ. ނަމަވެސް މާދުރަކަށް ނުދެވުނެވެ. ކުރިމަތީގައިވަނީ ކަނޑެއްކަހަލަ ފެންގަނޑެކެވެ. އޭނާ ފަޓްލޫނުގެ ފައިކުރި ކަކުލާ ހަމަޔަަށް އޮޅާލުމަށްފަހު ދެފައިވާން ކިބަ އަތަށްނަގައިގެން ކުރިޔަށް ފިރުކެމުންދެއެވެ. ވަޅުގަނޑަކަށް ފައިއެޅުދާނެތީ ނުވަތަ ކިސަޑުގަނޑަކަށް އެރި ކައްސާލަފާނެތީ އޭނާހުރީ ހުޝިޔާރުވެގެންނެވެ. އެފަކުރު ކިސަޑުފެންގަނޑު، މަތީނުގެ ދެފައިތިލަ އައްސިކުރަމުން ދިޔައިރު އޭނާގެ ރުޅި އިސްވަމުންދިޔައެވެ. ވިއްސާރަ ދިގުލައިފިނަމަ މިރަށުގެ މަގުތައް އޮންނާނީ މޫދަށްވެފައެވެ. ވިއްސާރަ ލަސްވެއްޖެނަމަ ހިރަފުހުގެ ވިލާތަކެވެ. ހެޔޮ އެއްވެސް ގޮތެއް ނެތެވެ. މިތާ މީސްތަކުން މުށިމަސްގަނޑެއްހެން ގުޅަވެ ގައިގޯޅިވެއްޖެއެވެ. މިތާ އާރޯފެހިކަންތަދެވެ. ހިޔާދޭ ބޮޑެތި ގަސްތައް އަމުދުން މަދެވެ. އެރިލަން ކަމުދާ ސާފު މޫދެއްނެތެވެ. އަރާމުކޮށްލަން ޖައްސާލާނޭ ރީތިދޮންވެލީގެ އަތިރިމައްޗެއްވެސް ނެތެވެ. ފެންވަރާލާނޭ ސާފުފެންފޮދެއް ލިބުން ދައްޗެވެ. މިތާ ހިތްހެޔޮކަމަކީ ގަނެވިއްކާ އެއްޗަކަށް ވެއްޖެއެވެ. ވީއިރު ހަކުރު ހިނިގަންނަހެން ރާއްޖެ އެންމެން މި ސަހަރާޔަށް ޖަމާމިވަނީ ކީއްވެގެންބާވައެވެ؟

މަތީނަށް ގެޔަށް އާދެވިއްޖެއެވެ. އޭރު ގެވަނީ ނިވާލާފައެވެ. ވަށައިގެންވަނީ ހަމަހިމޭންކަމެވެ. ހީވަނީ އެންމެން ނިދީހެންނެވެ. އެގޭގެ ބޭރުފާރަކީ މަގުފާރުކަމުން މަގުމަތިން ހުރަހެއް ނެތި ވަދެވެން އޮންނަނީ ސީދާ ގޭތެެރެއަށެވެ. އޭނާ ދޮރުހުޅުވާލިއެވެ. އެވަގުތު މަގުގެ ބޮކި ދަނޑީގެ އަލިފެންޑާމައްޗަަށް އެޅުނެވެ. ފެންޑާގައި ތަރުފާލުމަތީ މީހުން ގުޅަވެށި ނިދާފައި ތިބިއިރު ހީވަނީ ދުމަށްޓެއްގައި މަސްޖަހާފައި ހުރި ހެންނެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނެވެ، މައިންނާއި ދަރިންނެވެ. ތަނަވަސް ދިރިއުޅުމެއްގެ ހުވަފެނުގައި ރަށާގެދޮރު ދޫކޮށްލި ބީރައްޓެހިންނެވެ.

މީހަކަށްފަހު މީހެއްގެ ގައިން ނައްޓަމުން ގިރާކުރަމުން އެކެއްގެ ގަޔަށްވެސް ފައިންނާރާ ފެންޑާ ކަޑައްތުކޮށް ގޭތެރެޔަށް މަތީނަށް ވެދެވުނީ ލައްކަ އުނދަގުލުންނެވެ. އޭނާ ގިފިއްޔަށްވަދެ ރީތިކޮށް ދެފައިދޮވެލުމަށްފަހު އޭނާގެ ފިޔަފާޅިގަނޑާ ދިމާޔަށް ބެހެއްޓިއެވެ. އެއީ ފުރާޅުގައި ސިމެންތިޓިނު ޖަހާވަށައިގެން ފޮށިފިލާޖަހާފައިވާ ސަންދޯކެއް ކަހަލަ ކޮޓަރިގަނޑެކެވެ. އޭނާ ނިދާ އެނދުގަނޑުގައި އޮށޯތެވެ. އިސާހިތަކު ދާހިއްލާ ފޯވެއްޖެއެވެ. ހޫނުގަދަކަމުން ކެތްކޮށްލެވޭ ވަރެއްނޫނެވެ. ތަވައެއްމަތީ އޮވެ ފިހޭރޮށްޓެއްހެން މަތީނު އެނދުމަތީ އެއްފުށުން އަނެއްފުށަށް ޖެހިޖެހިއޮތެވެ. ނިންޖެއްވެސް މިރޭ ނައެވެ. ނުމެ މިއި ނުމެދިރި މިއަޒާބުގައި ދެމިހުންނަންވީ ކިހާދުވަހެއް ވަންދެން ބާވައެވެ؟ އޭނާ ހިތާހިތާ ކިޔާލިއެވެ. ދަށުކިލާސްތަކުގެ މުދައްރިސެއްގެ ވަޒީފާގެ އިތުރަށް ހަވީރާ އިރާކޮޅު ސަނަދުނަގާ ކިލާހެއްގައި ކިޔަވައިދިނަސް މާލޭގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކަމުން މުސާރައިން މާބޮޑު އެއްޗެއް އިތުރުކުރެވޭވަރެއް ނުވެއެވެ.

އޭނާގެ މައިންބަފައިންނާ އެއްބަނޑު ތިމާގެ މީހުންނާ ދުރުގައި ރަށުން ބޭރުގައި މިވޭންދެނިވި ދިރިއުޅުމުގައި މާލޭގައި ކެތްކުރަނީ ހަމައެކަނި މަރިޔަނަށްޓަކައެވެ. މަރިޔަން ފާސްނުވެ ހަތްވަނަ ކިލާހުން ކެނޑިގެން އޮފީހަކަށް ވަނުމަށްފަހު އެނބުރި ރަށަށްދާ ޚިޔާލެއް ނުކުރެއެވެ. އޭނާ ބޭނުންވީ މިރަށުގައި ވަޒަންވެރިވާށެވެ. އޭނާ ބެހިގެއްލޭހިތްވީ މި ބީރައްޓެހިކަމުގެ ތެރެޔަށެވެ. ނަމަވެސް ރަށުގައި ޢިލްމުގެ ވޮށް ދިއްލުމަށްވުރެ މަތީނު ކުރާހިތްވާ ދެވަނަކަމެއްނެތެވެ. ކިރުބޯ ޅަދަރިޔަކު ހިލޭމީހެއްގެ އުރުގައި ހިނދުކޮޅެއް ވުމަށްފަހު އެނބުރި މައިމީހާ ކައިރިޔަށް ދާން ރޯހެން އޭނާވެސް ހަމަރަށަށް ދާހިތްވަނީއެވެ.

އޭނާގެ ޚިޔާލުތައް އުދުހިފައިދިޔައީ އޭނާގެ ރަށަށެވެ. ކަފަވިލާޖެހި އުޑުގައި ދަމަކަށް އިރުއަރާފައި ހުރިއިރު ނޫކަނޑާއި ދޮންފަޅު ހީރާގެ ދޫލައެއްހެން ވިދާ ބަބުޅަމުން ދެއެވެ. ރަށާ ދާދިކައިރީގައި ފުއްޓަރު ފަރާތުގައި އަތޮޅު ހަމަފޮޅުގައި މަސްވެރިންނާއި މަދުވެރިން ކުރަނގިއެޅި މަސްއައިންތަކަށް އެރުމަށް ކޮޅުކޮޅަށް ދުއްވަމުންދެއެވެ. އިރުއުތުރުން ޖެހޭ ނަލަރޯޅީގައި އަތިރިމަތީގެ އެއްހާސްރުއް މަރްޙަބާގެ ނެށުމެއް ނަށަމުންދެއެވެ. ރުއްފާތަކުގެ ފިނި ހާނާޅާ ހިޔަލުގައި އެހުދުފޮށައެއް ކަހަލަ އަތިރިމަތީގައި އަނހެނުންނާ ކުޑަކުދިންނާ މަސައްކަތްތެރިން ކޯޅިކޯޅިއަށް އެއްވެފައި ތިއްބެވެ.

ތުނޑީމަގުން އަރައިގެން ބޮޑުނިކަގަސްދޮށުންލާފައި މަތީނު އަވަށާދިމާޔަށް ބެހެއްޓިއެވެ. އެސަރާސަރު ދިގުމަގުގެ އެއްފަރާތުގައިވަނީ ބޯވަލެވެ. އަތިރިމައްޗާވީ ފަޅީގައި ހޭޅީގެ މަގަތުގައި ބޯތޮނަދަނޑެވެ. ދަނޑުމަތިން އައިތާޒާ ރޯޅިޔާއެކު ދަކަނދާފަތުގެ ތޫނުމީރުވަސް ނޭފަތުގައިޖެހުމުން މަތީނުގެ ރޫޙުއާވެ އާލާވިއެވެ. ހޭޅިމަތީގެ މިދިލިގަސްތަކުގައި ކަނަތައް ދޮންވެގެން ފައިބަނީއެވެ. މީގެތެރެއިން ނަންހުރި "އޮއިކޮޅުގަހު" ގައި ކުޑަކުދިންގެ ބައިގަނޑެއް އުފަލުން ކީންކީން ލައްވަމުން އުނގުފުރާ ކަނަބިނދެގެން ކަނީއެވެ. ވަލުތެރޭގެ މެދުފަންތީ ރުކެއްގެ ކުރިން އެތެއް އޮޅަމުން އަޑުރީތި ރައިވެރިޔަކު ރައިވަރެއް ވިރުވާ އަަޅާނީއެވެ.

". . . . . . ރާބޯކަަށްނޫނޭމައެރީ ވާގޮތާވީ ނުނިދިގެންނޭ."

ޖެހިގެންހުރި މަދޮށިގަހުގައި އިން ކޮވެލި ރިހުންހުރި އަޑަކުން އެސޮރުގެ ދުރުގައިވާ ބައިވެރިޔާއަށް ގޮވަނީއެވެ. ރައިވެރިޔާގެ ރައިވަރާ ކޮވެލީގެ އަޑު އެއްވެގެން މުޅި އެ ހިސާބުގެ ވަލުތެރެވަނީ ގުގުމާލާފައެވެ.

ބޮޑުޅޮސްގަސްދަށުން ބާމިސްކިތް ފަހަނައަޅާ ރަތްނިކަގަސް ދެކުނުން ބަނބުކެޔޮފަލު ތެރޭން އިރުމައްޗަށް ގެޔާވީ ކޮޅަށް މަތީނު ބެހެއްޓިއެވެ. އެއީ ކުލީގެއެއް ހިލޭ މީހެއްގެ ގެއެއް ނޫނެވެ. އޭނާގެ އެތަކެއް ހަނދާންތަކެއް ރައްކާކުރެވިފައިވާ އޭނާގެ އަމިއްލަގެއެވެ.

މިބިމުން ކޮންމެ ކައިވަތެއް އޭނާ ހިތުދަހެވެ. ކޮންމެ ގަހަކީ ރައްޓެއްސެކެވެ. ކޮންމެ މީހަކީ ތިމާގެ މީހެކެވެ. ހީވަނީ ރަށުއެންމެން އެއްއަޑުން "ކޮއިފުޅާ މަތީނު އެނބުރި ރަށަށް އަންނާށޭ." ގޮވަމުން ހަނާއަޅަމުންދާހެންނެވެ. މިދަޢުވަތުގައި ރަށުގެ ގަސްގަހާގެއްސާއި ދޫނިސޫފާސޫފިވެސް ބައިވެރިވާ ކަހަލައެވެ.

އަނެއްދުވަހު މެންދުރުފަހު އެއްގަޑިބައިގައި ނުވެސްކައި މަތީނު ބެހެއްޓީ މަރިޔަންގެ ގެޔާ ދިމާޔަށެވެ. އެގެޔަށް ދެވުނުއިރު މަރިޔަން އަދި އޮފީހަކުން ނާދެއެވެ. އެހެންކަމުން މަތީނު މަރިޔަންގެ އިންތިޒާރުގައި ކެތްކުޑަވެފައި ހުއްޓެވެ.

މަތީނު ބަނޑުހައިވެގެން އަވަދިވާވަރު ވެއްޖެއެވެ. ގަޑިން ދެގަޑިބައިވެދާން އެޅެއެވެ. އަދިވެސް މަރިޔަން ދައްކައެއް ނުލައެވެ. އަނެއްކާ މަރިޔަން މިއަދު ކޮންތާކަށް ދިޔައީ ބާވައެވެ؟ މިދުވަސްކޮޅު މަރިޔަން އޭނާޔާ އެހާ ފޭވެގެން މިއުޅެނީ ކީއްވެބާވައެވެ؟ މަތީނުގެ ހިތުގައި ޝައްކުގެ އެތައް ސުވާލެއް އުފެދުނެވެ.

މަރިޔަން ނައިސް ލަސްވެގެން މަތީނު ގެޔަށްދާންކަމަށް ހެންވޭރު ސަހަރާ ކައިރިން ހުޅަނގަށް ބެހެއްޓިއެވެ. ތަންކޮޅަކަށް ހިނގާލިތަނާ މަރިޔަން ބައިސްކަލުގައި ވައިރޯޅިއެއްހެން އަންނަތަން ފެނިއްޖެއެވެ. މަތީނުގެ ވިންދު އަވަސްވިއެވެ. މަރިޔަން ފެނުމާއެކު ޝައްކުތައް ފިލާ ހިތްސާފު ވެއްޖެއެވެ. މަރިޔަން އައިސްހުއްޓާލީ މަތީނު ކައިރިއަށެވެ. އެހިޔާކޮޅެއްނެތް ގޯޅީގެ ރަތްދަކަ އަވި އެމީހުން ފިއްސަމުންދިޔައެވެ.

"މަރިޔަންގެ އިންތިޒާރުގައި ތިގޭ ދޮށުގައި ހާދައިރަކު ހުރެވިއްޖެއޭ! މަތީނު އެއްއަތުން މަރިޔަންގެ ބައިސްކަލުގެ ހުންގާނުގައި ހިފަމުން އަހާލިއެވެ. "އަނެއްކާ މިއަދު ކޮންތާކަށް ދިޔަދުވަހެއް؟"

"މިއަދު ރައްޓެއްސަކު ރެސްޓޯރަންޓަކުން ކެއުމެއްދިނީ. ކެއުންގަނޑު ވަރަށްރަނގަޅު. އޭނާގެ މަޖާ ވާހަކައިގައި ޖެހިގެން ލަސްވީ." މަރިޔަންގެ ބުރެކި ލޮލުމަތިން އިސްތަށިކޮޅެއް ދުރުކޮށްލަމުން ބުންޏެވެ.

"އެހެންދޯ؟" ކާއެއްޗެހީގެ ވާހަކަ ބުނުމުން މަތީނަށް އިތުރު ބަނޑުހައިކަމެއް އިޙްސާސް ކުރެވުނެވެ. މަތީނުގެ ޖީބުން ރަންފަށްލީ ފޮށިނެގުމަށްފަހު ހުޅުވާދައްކާލިއެވެ.

"އަސްތާ ހާދަ ރީތި ރަންފަަށެކޭ." މަރިޔަން ރަންފަށްނަގައިގެން ބަލަމުން ބޮޑުފޮތީގައިވާ ޖުމުލަ ކިޔާލިއެވެ. "ލޯބި ހުރިހާއެއްޗެއް ފަތަޙަކުރެއެވެ." މަރިޔަންގެ މޫނުމަތި ބަނަވެގެން ދިއުމާއެކު ރަންފަށް އަނބުރާ މަތީނަށް ދިއްކޮށްލަމުން އަހާލިއެވެ. "ކާކުގެ އެއްޗެއް؟"

"އަހަރެން މަރިޔަނަށްކުރި ހަދިޔާއެއް. ދެމީހުންގެ ލޯބީގެ ހަނދާނެއްގެގޮތުން."

މަރިޔަން ދަހިވެތި ލޮލަކުން ރަންފަށަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރުމަށްފަހު އަނގައިންވެސް ނުބުނެ ރަންފަށް އަނބުރާ މަތީނަށް ދިނެވެ.

"އަނެއްކާ ބޭނުންނޫނީތަ؟" މަތީނު ލޯބޮޑުކޮށްލިއެވެ.

މަރިޔަން ފިނިނޭވާއެއްލިއެވެ. އަދި އިސްޖަހާލައިގެން ހުރެ ނުންޏެވެ. "މަތީނު އަހަރެންގެ މައްޗަށް ހިތްބަރު ނުކުރާނެކަމަށް ހީކުރަން."

"ހިތްބަރޭ. އަހަރެއް ހިތްހެޔޮ." މަތީނު މަރިޔަންގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ.

މަރިޔަންގެ މުނުމައްޗަށް ކުށްވެރިކަން އިޙްސާސްކުރާ ކުލަވަރެއް އައެވެ. އޭނާ ހިތިގޮތަކަށް އެއްމިޔަކަމުން ހީނލިއެވެ. އަދި ބަލިއަޑަކުން ބުންޏެވެ. "އަހަރެން މަތީނު ދެކެލޯބިވޭ. އެއަށްވުރެވެސް ބޮޑަށް މަތީނު އަހަރެން ދެކެ ލޯބިވާކަަމަށް ޤަބޫލުކުރަން. ދެމީހުންގެ ފަސްއަހަރުވީ ލޯތްބާމެދު އަހަރެން ފުންކޮށް ވިސްނައިފިން. އަހަންނަށް ވިސްނުނު ގޮތުގައި އެލޯތްބަކީ އެއްވެސް ދުނިޔަވީ ހޭވެރިކަމެއްނެތް ރަށްފުށު ދެޅަކުދިން މެދުގައި އުފެދުނު ތަސައްރަފު ނުފުދޭ ލޯތްބެއް. މިހާރު ލޯބި މާލެއަށް ބަދަލުވެއްޖެ. ކުރިން ވިސްނައިފައިނެތް ކިތަންމެ ކަމަކަށް އަހަރެން މިހާރު ހޭ އަރައިފި. ކުރިން ދަސްވެފައިނެތް ކިތަންމެ ފިލާވަޅެއް މިހާރު ދަސްވެއްޖެ. އަހަންނަށް ކަށަވަރުވީ މިލޯބި އިތުރަށް ތަރައްޤީވުމަކީ ކަނޑައެޅިގެން ދަމެއް ޖެހުންކަމުގާ."

މަތީނުގެ މޫނުމަތީގައި ހީވީ އަޅާވިހެލި ހެންނެވެ.

"ކީކޭތަ މަރިޔަން ތިޔަކިޔަނީ؟" ނިދިން ހޭލެވުނު މީހަކުހެން މަތީނު އަހާލިއެވެ.

"އަޑުއަހާބަލަ. މަތީނަކީ ބީރައްޓެއްސެއް. މިރަށުގައި ކަލޭގެ ގެދޮރެއްނެތް. މަށަކީވެސް ބީރައްޓެއްސެއް. މިރަށުގައި ގެދޮރެއް އަހުލެއް ވަހުލެއްނެތް. އަހަންނަކީ ޓައިޕިސްޓެއް. އަހަރެއް ރަށަށްގޮށް ކުރާނެ މަސައްކަތެއްނެތް. އަހަރެން ރަށަށްދާހިތެއް ނުވެސްވޭ. ރަށްފުށުގެ ހަމަހިމޭން ދިރިއުޅުމެއް އަހަންނަކާ ނުގުޅޭ. އަހަންނަށް އުޅެވޭނީ ބައިބޯ. މަސްހުނި، އަލިތައްގަދަ، ދަޅަތައްގިނަ، ހަރަކާތްތައް އަވަސް، އަވަދިނެތް މާރަށެއްގައި، އަހަންނަށް އުޅެވޭނީ މާލޭގާ. މިރަށުގައި އަހަރެން މިއުޅެނީ ދުރުހިލޭ ބައެއްގެ ހިޔާވައްސެއްގާ. މަތީނުވެސް ތިޔަހުންނަނީ ކުލީ ކޮޓަރިއެއްގާ. ދެމީހުން ގުޅިއްޖެނަމަ އިސާހިތު އޮންނާނީ ފަސްހަމީހުންނަށްވެފާ. ދެމީހުންގެ މުސާރަ އެއްކޮށްލުމުންވެސް އެންމެ ކުޑަމިނުން އެކަށީގެންވާ ފެންވަރުގެ ގެއެއްގެ ކުލިވެސް ދެއްކޭވަރެއް ނުވާނެ. އަހަންނަކީ ތަނަވަސްމަގެއް ފެންނަން އޮއްވާ ކަށިކުނބުރު ވަލަކަށް ވަންނާނެ މީހަކީމެއްނޫން. އަހަންނާ އަހަރެންގެ ދަރިންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކާ އަހަރެއް މިރަށުގެ ގެދޮރުހުރި ތަނަވަސް ޒުވާނަކަށް ރޭ ރަންކިޔައިފިން. ކައިވެނި މާދަމާރޭ. މަތީނުވެސް އަންނާންވާނެ ޕާޓީއަށް."

މަތީނަށް ހީވީ ކަރުކަނޑާ ވައްޓާލިހެންނެވެ. މަރިޔަން ތޫނުކަނޑިއަކުން އޭނާގެ ގައިގައި ޅިޔައަޅާލުމަށްފަހު އެވަރުން ނުފުދިގެން ފުންފާރުތަކުގައި ލޭމަތީ ލޮނުމިރުސް އެޅިހެންނެވެ. އޭނާގެ ކުރިމަތީގައި ފާރުތަކާއި ގެތައް ވަށްބުރަކަށް އެނބުރިގަތެވެ. އޭނާގެ ފަސްއަހަރުގެ އުންމީދުތައް ބަސްބުނާހާ ހިނދުން ފެނަށްވެއްޖެއެވެ. އޭނާގެ ޚިޔާލުގައި އާރާސްތު ކުރަމުންއައި ތާޖުމަހަލް ފުނޑުފުނޑުވެގެން ބޯމައްޗަށް ފައިބަައިގެންފިއެވެ. އޭނާގެ އަތް ބައިސްކަލުގެ ހުންގާނުން ދޫވުމާއެކު ރަންފަތް އަތުގެކޮޅަށް ހެންވޭރު ސަހަރާތެރެޔަށް ހޫރާލިއެވެ. އޭނާ ގަނޑުވެފައި ހިނދުކޮޅަކު ހުއްޓެވެ. ޖަޒުބާތުގެ އުދަގަނޑެއްގައި އޭނާ ބެހިގެއްލެމުން ދިޔައެވެ. ފުޅޮއެއް ހިފުނީވެސް ހިނދުގަނޑެއް ފަހުންނެވެ. އޭނާ ބަހެއްބުނަންކަމަށް އަނގަ ހުޅުވާލިއެވެ. ނަމަވެސް އަޑުވަނީ ކާޅުގެންގޮސްފައެވެ. ހިނދުކޮޅެއް ފަހުން އޭނާގެ އަނގައިން ނިކުތް ހަމައެކަނި އަޑަކީ "މަރި" އެވެ.

މަރިޔަން އަނގައިންވެސް ނުބުން ބަލައިވެސްނުލާ ބައިސްކަލު ދުއްވާލިއެވެ. މަތީނުގެ ލޮލުން އޮހޮރިގަތް ކަރުނައިގެ މުތީތަކުގެ ތެރެއިން އޭނާޔަށް ފެނުނީ މަރިޔަން ގޮސް ގޯޅިއަޅާ ގެއްލޭތަނެވެ. މަތީނަށް ހީވީ އޭނާގެ ގައިން ބައެއް މަދުވިހެންނެވެ. އޭނާ ނިދީގައިހިނގާ މީހަކުހެން ހިނގަމުންދިޔައެވެ.

އޭގެ ހަފްތާއެއްފަހުން މަތީނުގެ އެދުމުގެމަތިން އޭނާ ރަށު މަދަރުސާގެ މުދައްރިސްކަމަށް ބަދަލުވެއްޖެއެވެ. މި އިޚްލާޞްތެރި މަޑުމައިތިރ މުދައްރިސް އެމީހުންނާ އަބަދަށް ވަކިވާތީ މުޙިއްބުއްދީން އިސްކޫލުގެ އެދުރުންނާއި ދަރިވަރުން ހިތާމަކުރިއެވެ. މި "ކަތި" ފިޔަވަޅު ނޭޅުމަށް މަތީނާއެކުގައި މަސައްކަތްކުރާ އެންމެން ނަސޭހަތްދިނެވެ. ނަަމަވެސް މަތީނު އެކެއްގެ ބަހެއްވެސް ނޭހިއެވެ. އަނެއްދުވަހު ފުރިދޯނިން އޭނާރަށަށް ހިނގައްޖެއެވެ. (ނިމުނީ)

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox