Advertisement

އިބްރާހިމް ޙުސައިން މަނިކުގެ ގަލަމުން ދިވެހި ދިރިއުޅުމުގެ ރިވާޔަތު

16 އޭޕްރީލް 2021 - 09:18 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އިބްރާހިމް ހުސެއިން މަނިކު އަދި އޭނާގެ ވާހަކަފޮތުގެ ބޭރުގަނޑު. --އަދަދު އާޓްވޯކް: ހުސެއިން ވަހީދު


އިބްރާހިމް ޙުސައިން މަނިކުގެ ގަލަމުން ދިވެހި ދިރިއުޅުމުގެ ރިވާޔަތު

16 އޭޕްރީލް 2021 - 09:18 0

"ވައިގަނޑު އަންނަނީ އަދިވެސް ބާރުވަމުންނެވެ. ހުސޭނަށް މީހަކު މަލާމާތުގެ ފާޑަކަށް ހީގަތްކަހަލަ އަޑެއް އިވުނުހެންހީވިއެވެ. ރިޔަލުން ބަޑިތަޅައިގެންފައި އައްދޯތް މަމަރައިފިޔޭ ގޮވާ ރޮއިގަތް އަޑު އިވުނުހެންހީވިއެވެ. ކަނޑުމަތި ހީވަނީ ކަފުނާއިއެކު ތެދުވެއުޅޭ ގަބުރުތަކެއް ތެދުވެ ހިނގާބިނގާ އުޅޭހެންނެވެ. މި ގަބުރުތައް އޭނާއާ ދިމާއަށް ދަތްދިލުވާ ވައްތަރު ޖައްސާހެންވެސް ހީވެ އެވެ."

މަތީގައި އެވަނީ ބިރުވެރި ވާހަކައަކުން ނައްސުކޮށްފައިވާ ބައެއް ނޫނެވެ. ބައްޔެއް ޖެހިފައިވާ މީހެއްގެ ވާހަކައެއްވެސް ނޫނެވެ. މިއީ މީގެ ތިރީސް ނުވަ އަހަރު ކުރިން ލިޔެ ޝާއިޢުކޮށްފައިވާ މަޝްހޫރު ކުރުވާހަކަ "މާވަހަރު"ގައި، ޙުސައިނު އޭނާގެ އެކުވެރިޔާ މަރާލައި ކަނޑުފެއްތުމަށްފަހު ކުރެވެމުންދިޔަ "މުޖުރިމު އިހުސާސް"، ވާހަކަލިޔުންތެރިޔާ އިބްރާހިމް ޙުސައިން މަނިކު ސިފަކުރައްވާފައިވާ ގޮތެވެ. އެ ވަގުތު، ފައިސާއަށް ބޫތުކައިފައި ހުރި ޙުސެއިނުގެ ހުލުގުގެ ސަމުގާ ދީލާލާފައި އޮތް މިންވަރު ސިފަކޮށްދެއްވާފައި އެ ވަނީ ކަނޑުމަތިއަޅާފައިވާ އޮޑިއެއްގެ ސިފައިގައެވެ. އޭނާގެ ވަށައިގެންވާ މާހައުލުވެސް އޭނާ ކުށްވެރިކުރާކަން އެ ސިފަކުރުމުން ކިޔުންތެރިޔާއަށް ދޭހަވެ އެވެ. އަދި އޭނާ އަށް ވެސް އޭނާ ކުރި އަމަލުގެ ބުރަދަން ފަހުމުވެފައިވާކަން އެ ސިފަކުރުމުން ސާފުވެ އެވެ.

މިފަދަ ރީތި ސިފަކުރުންތަކަކީ ދިވެހިރާއްޖޭގެ ކުރުވާހަކަ ލިޔުންތެރިންގެ މޭސްތިރިންގެ ތެރެއިން ގުނާލެވޭ އިބްރާހިމް ޙުސައިން މަނިކުގެ ވާހަކަތަކުގެ މައިގަނޑު އެއް އަސާސެވެ. މިއިން ކޮންމެ ވާހަކައެއްގައިމެ، އިންސާނާގެ އިހުސާސްތަކާއި ގުދުރަތީ މަންޒަރުތަކާއި ތަފާތު ރަސްމުތަކާއި އިޖުރާއަތްތައް އިބްރާހިމް ޙުސައިން މަނިކުގެ ރަން ގަލަންކޮޅުން ސިފަކުރައްވާފައިވަނީ، މައްދިވެހި ބަސްކޮށާރަކުން އަމުނާލައްވާފައިވާ ބުގިސް އިބާރާތްތަކުންނެވެ. މި ފަދަ އިތުރު މިސާލަކަށް ބަލައިލަމާތޯ އެވެ.

"ނަސަބުފަތް" މި ވާހަކައިގައި ހެނދުނުގެ ވަކި ވަގުތެއް ސިފަކުރެއްވުމަށް ލިޔުންތެރިޔާ ލިޔުއްވާފައިވަނީ "އާދުވަހަކަށް ދުނިޔެމައްޗަށް ބޭސްއަވި ފަތުރާލި އިރާއެކު" މި ފަދައިންނެވެ. މި ސިފަކުރުމުން އެ ވިދާޅުވަނީ ގަޑިން ހައެއް ހަތެއް ހާއިރުކަން ސާފުވެގެންދެއެވެ. އިތުރު މިސާލެކެވެ. މި ފަހަރު "ދައުރެއްގެ ނިމުން" މި ވާހަކައިގައި ނާޒިމާގެ ސޫރަ ސިފަކޮށްދީފައިވާ ގޮތެވެ. "ނާޒިމާ އަޅައިގެންހުރި ވައިލެޓްކުލައިގެ ފާސްކުރި ހެދުން އޭނާގެ ރީތި އިސްކޮޅާއި ރޫފަޔަށް ފާޑުކިޔާފައިވަނީ ކިތަންމެހާވެސް ފުރިހަމަކޮށެވެ". "ފަންޑިތަވެރިޔާ" މި ވާހަކައިގައިވާ ރީތި ސިފަކުރުމެއްގައިވެސް އެންމެ ޖުމުލައަކުން އެތަށް ވާހަކައެއް ބަޔާންކޮށްދެވަމުން، " އިށީނދެ އިން ގޮނޑީގެ އަތްގަނޑުމަތީގައި ހުރި އަޅިކެނޑި ކުރީންވެސް ދެ ސިގިރޭޓު ހުލިކޮށްފިކަމަށް ހެކިދެއެވެ"، މިހެން ލިޔުއްވާފައިވެއެވެ. މި ފަދަ ސިފަކުރުންތައް ވެފައިވަނީ މަނިކުގެ ސިއްކައަށެވެ.

އެހެން ގިނަ ބަސްބަހުގެ އަދަބިއްޔާތެކޭ އެއްފަދައިން، ދިވެހި އަދަބިއްޔާތުގައި ވެސް ވާހަކަ ލިޔުމުގައި އާއްމުކޮށް ގެންގުޅޭ ޝިއާރުތަކެއް ވެއެވެ. ތާރީހުގެ އެކި ހާދިސާތަކަށް ބިނާކޮށް ލިޔާ ވާހަކަތަކާއި، ކޮންމެވެސް އާދަޔާހިލާފު ހުނަރެއް ނުވަތަ ސިފައެއް ލިބިފައިވާ މީހުންގެ ވާހަކަ ތަކަކީ އާއްމުކޮށް ދިވެހިން ކިޔައިދޭ ވާހަކަތަކެވެ. ފަތްމިނިންގެ ވާހަކައާއި ރަހުންނާއި ރަނިންގެ ވާހަކަތަކާއި ހަންޑިއާއި ޖިންނީގެ ވާހަކަތަކަކީ އޭރު ވެސް އަދި މިހާރުވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ވާހަކަތަކެކެވެ. އެހެންނަމަވެސް އިބްރާހިމް ޙުސައިން މަނިކުގެ ވާހަކަތަކުގައި ގެނެސްދެއްވާފައިވަނީ ބަވަނަވަމުންދާ ދުނިޔޭގައި ދިވެހި ރާއްޖޭގެ އާއްމު ރައްޔިތުންނަށް ފެންނަމުންދާ ބަދަލުތަކާ ގުޅުންހުރި ވާހަކަތަކެވެ.

ވާހަކައިގެ މައިގަނޑު ޝަހްސިއްޔަތަކީ ކޮންމެ ހާލަތެއްގައި ހުރިހާ ހެޔޮ ކަމެއްގެ ނަމޫނާއެއް ނޫނެވެ. އަދި ކިއެއްތަ، ހަޔާތުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހިތްވަރާ އެކު ކުރިމަތިލާ މީހާއެއް ވެސް އެއްވެސް ނޫނެވެ. ބައެއް ފަހަރު މައިގަނޑު ޝަހްސިއްޔަތަކީ ހަޔާތުގައި ކުރިމަތިގައި ގޮންޖެހުންތަކުގެ ކުރިމަތީގައި އިސްޖެހި، ގޮތް ހުސްވެ ނިކަމެތިވާ މީހާއެވެ. އަދި ނުރަނގަޅު އޮއިވަރުގައި ޖެހި ނުބައި މަގު އިޚުތިޔާރުކުރާ މީހާއެވެ. މި ފަދަ، ޢާއްމުކޮށް އަދަބިއްޔާތުގައި "ސައިޑް ރޯލްތައް" ދީފައިވާ ނަޒަރިއްޔާތައް މައިގަނޑު ނަޒަރިއްޔާކަމުގައި ހައްދަވައިގެން ލިޔުއްވާފައިވާ ވާހަކަތަކުން، އިންސާނާގެ ހިތުގައި އުފެދޭ ނުރަނގަޅު އިހުސާސްތަކަކީވެސް އިންސާނިއްޔަތުކަމުގެ ބައެއްކަން ކިޔުންތެރިޔާއަށް އިހުސާސް، އެ ފަދަ އިހުސާސްތައް އަގުކުރެވެ އެވެ. ލަދުރަކި މީހާގެ ހަޔާތުގައި ހިނގާ ހާދިސާތަކާއި އިޖުތިމާއީ ރަސްމުތަކަށް ފަރުވާލެއް ނެތް މީހާގެ ހިތުގައި އެނބުރޭ ހިޔާލާތަކީވެސް ކުރު ވާހަކައެއްގެ ޕްލޮޓަށް ފުދޭ ކަންތައްތަކެއް ކަން، އެ ލިޔުމުން ދައްކުވައިދީފައިވެ އެވެ.

"މާވަހަރު" ވާހަކައިގައި ސިފަކުރައްވާފައިވާ ޙުސެއިނުގެ ދަހިވެތިކަން، "ލަދުމާ" އެ ވާހަކައިގައި އަކްރަމް އޭނާ ގަޔާވާ އަންހެންކުއްޖާއަށް ލޯބި ހުށަހެޅުމަށް ޖެހިލުންވާ މިންވަރު، "އާ އަހަރުގެ ޕާޓީ" މި ވާހަކައިގައި އާސިމާ ރަށްމެދަށް ބަލިވެއިނުމުން ދެން ކުރިމަތިވާ ކަންތައްތައް، "ރިހި ޔޫބީލް" ވާހަކައިގައި ދައްކުވައިދެއްވާފައިވާ ހަސީނާ އާއި ވާސިފުގެ ދެއްކުންތެރި ކައިވެނި، "ފަތިސްނަމާދު" ވާހަކައިގައި ދޮހުއްތު މި ދުނިޔޭގައި ހޭދަކުރި އެންމެ ފަހު ވަގުތުތަކުގެ ތެރެއިން އޭނާގެ މުޅި ދިރިއުޅުން ބަޔާންކޮށްދެއްވާފައިވާ ގޮތް، "ދެ ބީރައްޓެހިން" އެ ވާހަކައިގައި ގާތް ރަޙުމަތްތެރިކަމެއްގެ އަޖަލު ހަމަވާން ދިމާވާ ހާދިސާ؛ މިއީ ހައްތަހާވެސް މަނިކުގެ ވާހަކަތައް ބިނާކޮށްފައިވާ އާއްމު ދިރިއުޅުމުގެ ޝިއާރު ދައްކުވައިދޭ ރީތި މިސާލުތަކެވެ.

ރަށްފުށު އާއިލާތައް ތައުލީމާއި ތަރައްގީ އަށް މާލެއަށް ހިޖުރަކުރަންޖެހުމުގެ ތީމަކީވެސް އިބްރާހިމް ޙުސައިން މަނިކުގެ ވާހަކަތަކުން ތަކުރާރުކޮށް ފެންނަ ތީމެކެވެ. "ފަސްބަދަލުވުން" ވާހަކައިގައި ސިފަކޮށްދެއްވާފައިވާ މާލެއަށް ހިޖުރަކޮށްގެން ދިރިއުޅޭ ރަށްފުށު އާއިލާއެއްގެ އުދާސްތައް، "ކުރަނގި މާރަނގަ" މި ވާހަކައިގައި ސިފަކޮށްދެއްވާފައިވާ ހިޖުރަވެރި އާއިލާތަކުގެ ކާކުވަންތަކަން ގެއްލިގެންދާ ގޮތް އަދި "ފުރަންވުމުން" މި ވާހަކައިގައި ސިފަކޮށްދީފައިވާ ރަށްފުށު އާއިލާއެއްގައި މައިންބަފައިން ދަރިން މާލެ ފޮނުވާ މޮޅެތި ބަޔަކަށް ހެދުމަށް ވި ގުރުބާނީއަކީ މިއަދުގެ ހިޖުރަވެރި އާއިލާތަކަށްވެސް އަސަރުކުރުވާ ފަދަ ވާހަކަތަކެވެ.

އިބްރާހިމް ޙުސައިން މަނިކުގެ ވާހަކަތަކުގައި ނިކަމެތި މީހާ ނުވަތަ "އަންޑަރޑޯގް" އެނާގެ ނިކަމެތި ހާލަތުން ހަށިފޮޅާލައި، ބާރުވެރިކަމާ އެކު ނިކުމެ އެންމެން ހައިރާންކޮށްލާ ތީމަކީ ވެސް ތަކުރާރުކޮށް ފެންނަ ތީމެކެވެ. އެގޮތުން "ޖޯޑު ބިޖޯޑު" މި ވާހަކައިގައި ފައިސާއަށްޓަކައި ރަޒިއްޔާއާ ކައިވެނިކޮށްގެން އުޅޭ ޒާހިދަށް ތަނެއް ދޮރެއް އަންގާނުލައި ރަޒިއްޔާ އޭނާ ގާތުން ވަރިވާން އެދޭ ހާދިސާ ސިފަކޮށްދެއްވައިފައިވާ ފުރިހަމަކަމާއި، "ދަތުރުގެ ސަލާން" މި ވާހަކައިގައި އެންމެ ފަހު ވަގުތު ބައްޕަގެ ރުހުން ހޯދުމުގައި ސާޖިދު އެ ހޯދާ ކާމިޔާބީ، ފާހަގަކޮށްލެވެ އެވެ.

މި ތީމްތައް ވާހަކަތަކުގައި ހުށަހަޅައިދެއްވާފައިވަނީ "އިމްޕްރެޝަނިސްޓް" ސްޓައިލަކަށެވެ. ރަޝިޔާގެ މަޝްހޫރު ލިޔުންތެރިޔާ އެންޓޮން ޗެޚޯފެކޭ އެއްގޮތަށް، ވާހަކައިގެ ޝަހުސިއްޔަތުތަކުގެ ސިފަތައް ދައްކުވައިދެއްވަނީ ސީދާ އެ ސިފަތައް ކިޔައިދެއްވައިގެނެއް ނޫނެވެ. ބަދަލުގައި އޭނާގެ އަމަލުތަކާއި ހަރަކާތްތައް ސިފަކުރައްވައިގެންނެވެ. އަދި ޝަހްސިއްޔަތުގެ ފުރިހަމަ ވަނަވަރު ކިޔުންތެރިޔާއަށް އޮޅުންފިލަނީ މުޅި ވާހަކަ ނިމުމުންނެވެ. މިސާލަކަށް "ފަންޑިތަވެރިޔާ" އެ ވާހަކައިގައި އެވާހަކައިގެ ނެރޭޓަރުގެ ނަޒަރުން، ހާދިސާކިޔައިދެމުންދާ ވަރަކަށް ކިޔުންތެރިންނަށް އެ ފަންޑިތަވެރިޔާގެ ޝަހުސިއްޔަތު ކުލަކުރެވެމުންދެ އެވެ. ވާހަކައިގެ އެއްވެސް ހިސާބެއްގައި، ފަންޑިތަވެރިޔާގެ އަމަލުތަކުން ކިޔުންތެރިންނަށް ސިފަވާ އޭނާގެ ނުރަނގަޅު ސިފަތައް، ނެރޭޓަރުގެ ނެރޭޝަންގެ ތެރެއިން ކިޔައިދީފައެއް ނުވެ އެވެ.

މިފަދަ ސިފަކުރުންތަކުން، ކިޔުންތެރިޔާ ވާހަކައިގެ ތެރެއަށް ގަންބާލައެވެ. އަދި އެ ޝަހުސިއްޔަތާ އެކުގައި އެ ޕްލޮޓް ނިއުޅާލާނޭ ފުރުސތު ކިޔުންތެރިޔާއަށް ލިބިގެންދެ އެވެ. ޖުމުލަތައް އަތުރާލާފައިވާ ބަދަހިކަމާއި، ވާހަކައިގެ މައްސަލަ ތަރުތީބުކުރެވިފައިވާ ދުވެލީގެ ސަބަބުން އެ ވާހަކަ ފޮތް އަތުން ދޫކޮށްލެވެނީ، އެއްކޮށް ކިޔާ ނިންމާލާފަ އެވެ. ވާހަކަތައް މާ ދިގެއް ނޫނެވެ. އެގޮތަށް އެއްފަހަރުން ކިޔާ ނިންމާލާނެ ފުރުސަތު ލިބެއެވެ. ހަނދާނަށް އަންނަނީ އިންޑިޔާގެ މަޝްހޫރު ލިޔުންތެރިޔާ ރަބިންދްރަނާތު ޓޭގޯރްގެ ލިޔުއްވުންތަކެވެ. ޓޭގޯރެކޭ އެއްފަދައިން އިބްރާހިމް ޙުސައިން މަނިކުގެ ލިޔުންތަކުގައި ވެސް އެއިސްތެޓިކްސް ނުވަތަ ޖަމާލިއްޔަތުގެ ސިފަތަކުގެ ތެރެއިން އާދައިގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދިނުމުން ނިސްބަތުން ގިނަ އަދަދެއްގެ ކިޔުންތެރިންނާ ތިމާގެ ވާހަކަތަކަކަށް އެ ވާހަކަތައް ވެގެންދެ އެވެ.

ވާހަކަތަކުގެ ކުންނާ ހިސާބަށް ދާއިރު ހީވެސް ނުކުރާ ފަދަ ގޮތަކަށް ވާހަކައިގެ ނިމުން ހުށަހަޅައިދެއްވުމަކީ ވެސް އިބްރާހިމް ޙުސައިން މަނިކު ފައްކާކުރައްވާފައިވާ ހުނަރެކެވެ. މިކަމުގެ މިސާލަކަށް "ދެބޯރާހި" މި ވާހަކަ އެކަނިވެސް ފުދެ އެވެ. ވާހަކަ ފެށިގެން ކުރިއަށްދާއިރު، "ދެން ވާނީ މިހެންނޭ" ކިޔުންތެރިޔާއަށް ހީވާގޮތަށް ޕްލޮޓް ހިނގަހިނގައި ހުރެމެ، އެންމެ ފަހު ވަގުތު އާދަޔާހިލާފު ގޮތަކަށް ނިމުން އާދެ އެވެ. މި ޓެކްނީކަށް މަޝްހޫރު އިނގިރޭސި ދެ މޭސްތިރިން ކަމުގައިވާ ރޯލް ޑާލް އާއި އޯ. ހެންރީގެ ލިޔުމުގެ ވައްޓަފާޅި ފެންނަ ދިވެހި ކުރުވާހަކަ ލިޔުންތެރިންގެ ތެރޭގައި އިބްރާހިމް ޙުސައިން މަނިކު ގުނާލެވެ އެވެ.

މަނިކުގެ ހުރިހާ ވާހަކަތަކުގައި ޕްލޮޓް ތަރުތީބުކުރައްވަނީ ކޮންމެ ފަހަރަކު "ހ އިން ޗ އަށް" ކަންހިނގި ތަރުތީބަކުން ނޫނެވެ. ވޭވޭހުރިކަމެއްގެ ތެރެއިން ވާހަކަ ފެއްޓެވުމަށް ފަހު، އެއް ޒަމާނުން އަނެއް ޒަމާނަށް ބަދަލުކުރައްވަމުން "އިސްފަސްކުރައްވަމުން" ނެރޭޓްކޮށްދެއްވާފައިވާ ވާހަކަތައް އޭނާގެ ފޮތްތަކުގައި ގިނަ އެވެ. "ކަހަފުބާގައިގެ މީހުން"، "ރިހި ޔޫބީލް"، "ނަސަބުފަތް" މި ވާހަކަތަކުގައި ޕްލޮޓް ނިއުޅެމުން ދަނީ މި ދެންނެވި ގޮތަށެވެ.

އިބްރާހިމް ޙުސައިން މަނިކުގެ ކުރު ވާހަކަތަކުން އޯ. ހެންރީއާއި އެންޓޮން ޗެޚޯފް އަދި ރަބިންދްރަނާތު ޓޭގޯރް ފަދަ އިންގިލާބީ ލިޔުންތެރިންގެ ވައްޓަފާޅި ފެންނަކަމީ އެ ވާހަކަތައް އެހާ ފުރިހަމަވާ އެއް ސަބަބެވެ. އެހެންނަމަވެސް މި ވާހަކަތަކުގެ ހަގީގީ ބަތަލަކީ ލިޔުންތެރިޔާގެ މުއްސަނދި ސިންދަފާތު ބޮޑު ބަސްކޮށާރެވެ. ދިވެހި އާދަކާދައިގައި ހިމެނޭ އެކި ކަންކަމަށް ހާއްސަ ނަމާއި ނަންއިތުރާއި ކަމާއި ކަންއިތުރުތައް ބޭނުންކުރައްވަނީ ފަރިތަމަކާއެކުގަ އެވެ. ތަދުބަސްތަކާއި މިސާލު ބަސްތަކާއި މަޖާޒުތަށް ބޭނުންކުރައްވާފައިވަނީ ޖުމުލަތަކަށް "ބަރު" ނުވާނޭގޮތަށެވެ. މި މުއްސަނދި ބަސްކޮށާރު ބޭނުންކުރައްވާފައިވުމަކީ އެ ފަދަ ލަފުޒުތަކަށް ނުފަރިތަ ބަޔަކަށް އިތުރު ބުރައަކަށް ވުން އެކަށީގެންވެ އެވެ. އިބްރާހިމް ޙުސައިން މަނިކުގެ ގިނަ ވާހަކަތައް ކިޔުމުގައި ބަހާއި އަދަބިއްޔާތުގެ ދަރިވަރަކަށް ވެސް ރަދީފުގެ ބޭނުން ޖެހޭކަން މި ދަންނަވަނީ އުފަލާއެކުގަ އެވެ.

އިބްރާހިމް ޙުސައިން މަނިކުގެ ވާހަކަތަކަކީ އިންސާނުންގެ އިހުސާސްތަކުގެ ވާދީގެ ތަނަވަސްކަމާއި، ދިވެހިންގެ އޭރާއި މިހާރުގެ އަގުކުރުންތަކާއި، އާދަކާދަތަކާއި، އަހައްމިއްޔަތުތަކާއި، ރަސްމުތަކާއި ސަގާފަތްތަކުގެ ފުރިހަމަ ރިޔާޔަތެކެވެ. މުޅި މުޖުތަމައުގެ އެކި ފަންތީގެ މީހުންގެ އުފާތަކާއި އުއްމީދުތަކާއި ގިލަންތަކުން ފުރާލާފައިވާ ޑައިރީއެކެވެ. ދިވެހިން ދިވެހިންގެ ދިރިއުޅުމަށް، އެހެން ނަޒަރަކުން ބަލާލަން ލިބިފައިވާ މުހިއްމު ފުރުސަތެކެވެ.

އެޑިޓަރުގެ ނޯޓް: އިބްރާހިމް ހުސެއިން މަނިކުގެ ވާހަކަތަކުގެ ތެރެއިން "ވަކިވުމުގެ ކުރިން"، "ދިންނެވުން"، "ކަހުފުބާގައިގެ މީހުން"، "ތަރުޖަމާނު" އަދި "ހުސްވީ މަތިވަރު"، މި ވާހަކަތައް "އަދަދު" ގައި މި ރޯދަ މަހު ޝާއިއުކުރަން ވަނީ ނިންމައިފަ އެވެ. އެ ވާހަކަތަކަކީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ޝާއިއުކޮށްފައިވާ އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަ ފޮތުގެ ފުރަތަމަ ބައިގައި ހިމެނޭ ވާހަތަކެކެވެ.