އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް ކޮވިޑަށް ޕޮޒިޓިވެ، ފަރުވާ ކުރުމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.
އެއިމްސް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެމަނިކުފާނު އެޑްމިޓު ކުރެއްވީ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެއިމްސް ޓްރޯމާ ސެންޓަރުގައި ކަމަށެވެ.
އުމުރުފުޅުން 88 އަހަރުގެ މަންމޯހަން ސިންގް ކޮވިޑަށް ޕޮޒިޓިވްވެ ވަޑައިގެންފައި މި ވަނީ ބަލި ކޮންޓްރޯލް ކުރަން އެޅިދާނެ ފިޔަވަޅުތަކުގެ އިރުޝާދު ހިމެނޭ ސިޓީއެއް މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފޮނުއްވިތާ އެއް ދުވަހު ފަހުންނެވެ.

އެ ސިޓީގައި މަންމޯހަން ސިންގް ވަނީ ހާލަތު ގޯހުން ގޯހަށް ދާތީ ކަންބޮޑުވުން ފާޅުކުރައްވާ، އެޅިދާނެ ފަސް ފިޔަވަޅެއް ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ވެކްސިން ޕްރޮގްރާމަށް ކަމަށެވެ.
އެ އިރުޝާދުތައް ހިމެނޭ ގޮތަށް އިއްޔެ މޯދީ ވަނީ ކޮވިޑާ ގުޅޭ ހާއްސަ ބައްދަލުވުމެއް ބާއްވާ މުހިއްމު ނިންމުންތަކެއް ނިންމާފަ އެވެ. އެގޮތުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފެށުމަށާއި ވެކްސިން އުފައްދާ ކުންފުނިތަކަށް އެހީވުމާއި، ވެކްސިނުގެ ސްޓޮކް ބެހުމުގައި ހާމަކަން ބޮޑު އުސޫލެއް ގެންގުޅުމާއި، އެހެން ގައުމުތަކުގައި ހުއްދަ ދީފައިވާ ވެކްސިންތައް އިންޑިއާގައި ބޭނުން ކުރުން ހިމެނެ އެވެ.
މި އަހަރު ފެށިއިރު އިންޑިއާގައި މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތް ނަމަވެސް މާޗް މަހުން ފެށިގެން އަދަދުތައް ވަނީ ކުއްލިއަކަށް މައްޗަށް އަރާފަ އެވެ. މިހާރު ކޮންމެ ދުވަހަކު ވެސް ދެ ލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު، ހާހެއްހާ މީހުން މަރުވެ އެވެ.










