ކޮވިޑުގެ ހާލަތު މާ ބޮޑަށް ގޯސްވަމުން ދާތީ އަޅާ ފިޔަވަޅެއްގެ ގޮތުން މޭ އެއް ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.
ހިފެހެއްޓުމެއް ނެތި އަދަދުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ވެރިރަށް ނިއު ދިއްލީ އިން ވަނީ އެއް ހަފްތާއަށް ލޮކްޑައުންކޮށްފަ އެވެ. މި ވަގުތު އެންމެ ހާލަތު ގޯސް ސިޓީއަކީ ދިއްލީ އެވެ.
ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން އިއްޔެ ވަނީ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު، ނިންމުންތަކެއް އިއުލާނުކޮށްފަ އެވެ.
އެގޮތުން މޭ އެއް ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ނިންމި އެވެ. މީގެ ކުރިން ވެކްސިން ދެމުން ދިޔެއީ 45 އަހަރުން މަތީގެ ފްރަންޓްލައިން މަސައްކަތްތެރިންނަށެވެ.
ނަމަވެސް ވަރަށް ގިނަ ސްޓޭޓުތަކުގައި ވެކްސިނުގެ ސަޕްލައި ދަށަށް ގޮސްފައި ވާތީ އިތުރު ބަޔަކަށް ވެކްސިން ދޭނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މައި ސަރުކާރުން މިދިޔަ ހަފްތާގައި ބުނީ ސްޓޮކްގައި ހުރީ 27 މިލިއަން ޑޯޒް ނުވަތަ ނުވަތަ ދުވަހަށް ވެކްސިން ޖެހޭ މިންވަރުގެ ޑޯޒް ކަމަށެވެ.
ސިރަމް އިންސްޓިޓިއުޓް ފަދަ ވެކްސިން އުފައްދާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެކްސިން އުފައްދަން ބޭނުންވާ ސާމާނު ނުލިބުމެވެ.
އެ ތަކެތި ނުލިބެނީ އެމެރިކާއިން އެކްސްޕޯޓް ކުރުން މަނާ ކުރުމުން ކަމަށް މީގެ ކުރިން ސިރަމް އިންސްޓިޓިއުޓުން ބުނެފައި ވެއެވެ.
އެހެންކަމުން މޯދީގެ ސަރުކާރުން ވަނީ ވެކްސިން ސަޕްލައި ކޮންޓްރޯލް ކުރުން ހުއްޓާލަން ވެސް އިއްޔެ ނިންމާފަ އެވެ. އޭގެ ބަދަލުގައި ވެކްސިން އުފައްދާ ފަރާތްތަކުގެ ސްޓޮކުގެ 50 ޕަސެންޓު މައި ސަރުކާރާ ހަވާލު ކުރުމަށް ފަހު ބާކީ ބައި ސްޓޭޓު ސަރުކާރުތަކަށް ފޯރުކޮށްދެވޭނެ އެވެ. އަމިއްލަ ފަރާތްތަކުން ވެކްސިން ވިއްކާ އަގު ވެސް ހުންނާނީ ކޮންޓްރޯލް ކޮށްފަ އެވެ.
މިހާތަނަށް އިންޑިއާގައި ހުއްދަ ދީފައި ވަނީ ތިން ވެކްސިނަކަށެވެ. އެއީ އޮކްސްފޯޑުގެ ކޮވިޝީލްޑާއި ބާރަތު ބަޔޯޓެކުގެ ކޯވެކްސިން އާއި ރަޝިއާގެ ސްޕަޓްނިކް ވީ އެވެ. ނަމަވެސް އިއްޔެ ނިންމީ އެހެން ގައުމުތަކުން ހުއްދަ ދީފައިވާ ވެކްސިންތައް އިންޑިއާގައި ބޭނުން ކުރަން ފެށުމަށެވެ.
އޭގެ އިތުރުން ސިރަމް އިންސްޓިޓިއުޓާއި ބާރަތު ބަޔޯޓެކުގެ އުފެއްދުންތެރިކަން ރަނގަޅު ކުރަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފަ އެވެ.
ދުވާލަކު ދެ ލައްކަ މީހުން ޕޮޒިޓިވްވަމުންދާ އިންޑިއާގައި ހާލަތު ކޮންޓްރޯލްވާ ކަމުގެ ނިޝާނެއް ނުފެންނާތީ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އިއްޔެ ވަނީ އަމަލު ކުރެވިދާނެ ގޮތްތަކުގެ ގިނަ އިރުޝާދުތަކެއް ސިޓީ މެދުވެރިކޮށް މޯދީއަށް ފޮނުއްވާފަ އެވެ. އިއްޔެ ނިންމި ގިނަ ކަންކަމަކީ އެ ސިޓީގައި ލަފާ ދީފައިވާ ކަންކަމެވެ.










