މާލޭގައި ވެކްސިން ކިއުތައް ދިގުވެގެން ޝަކުވާތައް އިތުރުވަމުންދިޔުމާ ގުޅިގެން، ތިން ވެކްސިން ސެންޓަރެއްގެ ޓޯކަން ނަންބަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.
އެގޮތުން މިއަދުން ފެށިގެން ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން ނަގާ ނަންބަރުތައް އޮންލައިންކޮށް ބެލޭނެ އެވެ.
އެ ވެކްސިން ސެންޓަރުތަކުން ޓޯކެން ނަންބަރު ނެގުމަށް ފަހު، ކިޔޫގައި މަޑުކުރުމުގެ ބަދަލުގައި، އޭގައި އިންނަ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން އެވަގުތު ހިދުމަތް ދެމުންދާ ނަންބަރު ފެންނާނެ އެވެ.
އޮންލައިންކޮށް ނަންބަރު ބެލޭނެ އިންތިޒާމު މި ހަމަޖެއްސީ ވެކްސިން ކިއުގައި އެތަށް ގަޑިއިރެއް ހޭދަ ކުރަން ޖެހޭ ކަމުގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.

އެޗްޕީއޭ އިން ފުރަތަމަ ހަމަޖައްސާފައިވަނީ ރޯދަ މަހު ރޭގަނޑު 9-11 އަށް ވެކްސިން ޖަހައިދޭށެވެ. ނަމަވެސް މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ތިބި މީހުން ގިނަވުމުން ވަގުތު ވަނީ 11:45 އާ ހަމައަށް އިތުރުކޮށްފަ އެވެ.
ރާއްޖެއިން މިހާ ތަނަށް 279،302 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އަދި ދެ ވަނަ ޑޯޒް 40،230 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.












