ރޮކެޓް ހަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ އިޒްރޭލުން ގާޒާއަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ވައިގެ ހަމަލާތައް ދިނީ ގާޒާގައި ވެރިކަން ހިންގާ ހަމާސްގެ "ޓެރަރިސްޓުންގެ ޓާގެޓުތަކަށް" ކަމަށެވެ.
އިޒްރޭލު އަސްކަރިއްޔާގެ ބަޔާނެއްގައި ބުނީ ހަމަލާ ދިން ޓާގެޓުތަކުގެ ތެރޭގައި ތަމްރީން މަރުކަޒަކާއި، ވައިގެ އުޅަނދަށް މިސައިލް ފޮނުވާ ލޯންޗަރެއް ހުންނަ ސަރަހައްދަކާއި، ކޮންކްރީޓް އުފައްދާ ޕްލާންޓަކާއި، "ޓެރަރިސްޓުން" ބޭނުން ކުރާ ބިމުގެ އަޑީގެ މަގުތަކެއް ހިމެނޭ ކަމަށެވެ.

މަންޒަރު ދުށް މީހުންނާއި ސަލާމަތީ އޮފިޝަލުންނާ ހަވާލަދީ އޭއެފްޕީން ބުނި ގޮތުގައި ހަމަލާތައް އަރާފައިވަނީ ދެކުނު ގާޒާގައި ހަނގުރާމަވެރިން ތަމްރީނު ކުރާ ދެ މަރުކަޒަކާއި ގާޒާގެ މެދު ތެރޭގައި ހުރި އެހެން ޓާގެޓަކަށެވެ.
ހަމާސްގެ ތަރުޖަމާނަކު ބުނީ އިޒްރޭލުން ހަމަލާ ދިން ނަމަވެސް "ގާޒާއިން ރައްދު ދޭނެ ކަމަށާއި ގާޒާ ފުނޑުފުނޑު ނުވާނެ" ކަމަށެވެ.
މިއީ ފާއިތުވި ހަފްތާގެ ތެރޭގައި އިޒްރޭލާއި ގާޒާއިން ހަމަލާ ބަދަލުކުރި ދެ ވަނަ ފަހަރެވެ. މިދިޔަ ބުރާސްފަތި ދުވަހު ދެކުނު އިޒްރޭލުގެ ސަރަހައްދަކަށް ރޮކެޓު ހަމަލާ ދިނެވެ. އޭގެ ރައްދުގައި އިޒްރޭލުން ވެސް ގާޒާއަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ.
ކަނޑު މަގުންނާއި އެއްގަމު މަގުން ގާޒާއަށް ދެވެން އޮންނަ ބޯޑަރުތައް 2007 ވަނަ އަހަރު އިޒްރޭލުން ބަންދު ކުރީ ހަމާސްއިން އެތަނުގައި ވެރިކަން ކުރަން ފެށުމުންނެވެ. އޭގެ ފަހުން އިޒްރޭލާއި ހަމާސްއާ ދެމެދު ތިން ހަނގުރާމަކޮށްފައި ވެއެވެ.
ހަނގުރާމަ ކުރުން ހުއްޓާލާފައި އޮންނަނީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލު ކުރެ އެވެ.










