ޗެންނާއީ (އޭޕްރީލް 14) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި ރޭ 10 ލަނޑުން ކޮލްކަތާ ނައިޓް ރައިޑާސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މުމްބާއީ އިންޑިއަންސް މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި މުމްބާއީ އިންޑިއަންސް ކުޅުނު ފުރަތަމަ މެޗުން ވަނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަތުން ބަލިވެފަ އެވެ. އެހެންވެ ރޭގެ މެޗަށް ނުކުތީ ޖެހިޖެހިގެން ދެ މެޗުން ބަލިނުވުމުގެ އަޒުމުގަ އެވެ. އެކަމަކު ރޭގެ މެޗުގައި ވެސް އެ ޓީމަށް ދިމާވީ އުނދަގޫ ޗެލެންޖެކެވެ.
ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން މުމްބާއީ އިންޑިއަންސް އަށް ހެދުނީ 152 ލަނޑެވެ. ކުޅެން އަރައި އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސޫރްޔަކުމާރް ޔާދަވް އެވެ. އޭނާ ވަނީ އެ ޓީމަށް 56 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި ނުވަ ވަނަ އޯވަރު ނިމުނުއިރު ކޮލްކަތާ އޮތީ 72 ލަނޑު ހަދައިގެން ރަނގަޅު ޓްރެކުގަ އެވެ. އޭރު އެ ޓީމުގެ އިއޯން މޯގަން ކުޅެމުން ދިޔަ ނަމަވެސް ހަތް ލަނޑު ހެދި ތަނުން އޭނާ އަށް މެޗު ނިމިއްޖެ އެވެ. އެންމެ ފަހު އޯވަރަށް ދިޔައިރު، މެޗުން މޮޅުވާން ކޮލްކަތާ ޓީމަށް ބޭނުންވަނީ 15 ލަނޑެވެ. އެކަމަކު މުމްބާއީ އިންޑިއަންސް ޓީމުގެ ކުޅަދާނަ ދެ ސްޕިނަރުން ކަމަށްވާ ރާހުލް ޗާހަރާއި ކްރުނާލް ޕާންޑްޔާގެ މޮޅު އުކުންތަކާ އެކު ކޮލްކަތާ އަށް 15 ލަނޑު ނުހޯދި މެޗުން ބަލިވީ އެވެ.
ކޮލްކަތާ ޓީމަށް މި މެޗުގައި އެންމެ ގިނަ ލަނޑު ހަދައިދިނީ 57 ލަނޑު ހެދި ނިތީޝް ރާނާ އެވެ.
އައިޕީއެލްގެ އެންމެ ފޯރިގަދަ ކުރިމަތިލުންތަކުގެ ތެރޭގައި ކޮލްކަތާ އާއި މުމްބާއީގެ މެޗުތައް ހިމެނެ އެވެ. ފަސް ފަހަރު އައިޕީއެލް ކާމިޔާބުކޮށްފައިވާ މުމްބާއީ އިން ވަނީ ކޮލްކަތާއާ ދެކޮޅަށް ކުޅުނު 28 މެޗުގެ ތެރެއިން 22 މެޗުން މޮޅުވެފަ އެވެ.












