ޓްރެފިކް ގަވާއިދާ ހިލާފުވެގެން މަޑު ކުރުވި ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖެހުމާ ގުޅިގެން އެމެރިކާގެ މިނިއަޕޮލިސް ސިޓީގައި ހަމަނުޖެހުން ބޮޑުވެއްޖެ އެވެ.
ފުލުހުން ބަޑި ޖެހުމުގެ ސަބަބުން މަރުވެފައި ވަނީ އުމުރުން 20 އަހަރުގެ ޑޯންޓޭ ވްރައިޓް އެވެ.
ކަޅު ނަސްލުގެ މީހެއްގެ ގަޔަށް އަނެއްކާވެސް ބަޑި ޖަހާފައި މި ވަނީ މީގެ ކުރިން ފުލުހުންގެ ލާއިންސާނީ އަނިޔާގެ ސަބަބުން މަރުވި ޖޯޖް ފްލޮއިޑުގެ މަރުގެ ޝަރީއަތް ފަށައިގެން އުޅޭ ދަނޑިވަޅެއްގަ އެވެ.
މި ދަނޑިވަޅުގައި އެފަދަ ހާދިސާއެއް ހިނގުމުން ރުޅިގަދަވެފައި ތިބި މީހުން ދަނީ މަގުތަކަށް އެއްވަމުންނެވެ. އަދި އެއްވުންތަކުގައި ހަމަނުޖެހުން ބޮޑުވެ، ފުލުހުންނާ ކުރިމަތިލުންތައް ހިނގަމުން ދެއެވެ.
މި ފަހަރު ބަޑި ޖެހި ހާދިސާއަށް ފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން ހުއްޓުވި މީހަކު ހައްޔަރު ކުރުމުގެ އަމުރެއް ކުރިން ނެރިފައި އޮތްކަން އެނގުނު ކަމަށެވެ.
ނަމަވެސް އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރުމުން ވަނީ ކާރަށް އަރާ ފިލަން މަސައްކަތް ކޮށްފައި ކަމަށާއި އޭނާގެ ގަޔަށް ފުލުހަކު ބަޑި ޖެހީ ފިލަން އުޅޭތީ ކަމަށް ބުނެފައި ވެއެވެ.
ވްރައިޓް ދުއްވަމުން ދިޔަ ކާރު ތަންކޮޅެއް ދުރަށް ދިޔަ ފަހުން ހުއްޓުނީ އެހެން ކާރެއްގައި ޖެހި އެކްސިޑެންޓު ވެގެންނެވެ. އޭރު ފުލުހުން ގޮސް ބެލިއިރު، އޭނާ އޮތީ މަރުވެފަ އެވެ.










