ގްރީން ސްޓްރީޓްސް އާއި ޓީސީ އެއްވަރު

Apr 10, 2021, 7:15 PM
ޓީސީ އާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޓީސީ އާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނައިގައި އޮތީ 12 މެޗުން 18 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޓީސީ އޮތީ 12 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ދިޔައީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. ފުރަތަމަ ހާފުގައި ޓީސީގެ ޓްރިންޑާޑް އެންޑް ޓޮބޭގޯ ފޯވާޑް ސެމިއުލް ކޯޑެލް އަށް ލިބޭ ފުރުސަތުތަކުގައި ދިޔައީ ގްރީން ސްޓްރީޓްސް ފަހަތަށް ބާރުބޮޑު ވަމުންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި ސެމިއުލް ހުރަސްކޮށްލި ބޯޅައެއް ޖެހޭ ހިސާބުގައި އެ ޓީމުގެ އެހެން ކުޅުންތެރިއަކު ނެތެވެ. އަދި އޭގެ ފަހުން އޭރިއާ ތެރެއިން ސެމިއުލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އަހުނަފް މުހައްމަދު (ނައްކޮ) އޭރިއާތެރެއިން ޖަހަން އެރި ނަމަވެސް ފައިގައި ރަނގަޅަށް ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ.

ފުރަތަމަ ހާފުގައި ޓީސީ އަށް ލީޑުނަގައިދިނުމާ ގާތަށް ޖެހިލީ މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް އެވެ. އޭރިއާތެރެއަށް މަތިން ހުރަސްވި ބޯޅައެއް ނައްކޮ ބޮލުން ޖެހުމުން އައްޒާމް އަވަސްކޮށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ގްރީން ސްޓްރީޓްސް އިން ޖުމްލަކޮށް ފުރަތަމަ ހާފުގައި ހަމަލާތަކެއް ފޮނުވާލި ނަމަވެސް ނުރައްކާތެރިކޮށް ދިޔައީ މަދު ބޯޅައެެކެވެ. އެ ގޮތުން ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ހިލޭ ޖެހުމަކުން މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނަގައިދިން ބޯޅައެއް އެ ޓީމުގެ މިސްރު ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ބޮލުން ޖެހިއިރު ދިޔައީ އަރިމަތިން ބޭރުންނެވެ.

ދެ ވަނަ ހާފް ފެށިގެން ކްލަބް ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އަށް ރަނގަޅު ބޯޅަތަކެއް ޓީސީ އޭރިއާތެރެއިން ލިބުނު ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. މެޗުގެ 66 ވަަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) ހުސްކޮށް ވަދެ ފޮނުވާލި ނުރައްކާތެރި ހަަމަލާއެއް ޓީސީގެ އަޒަރުބައިޖާން ކީޕަރު އާޒާދު ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓީސީގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަށް މެޗުގެ 79 ވަަނަ މިނިޓްގައި ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އަދި އޭގެ ފަހުން ރެފްރީ އާދަމް ފަޒީލްގެ ނިންމުމަކާ މެދު ޓީސީގެ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދު ހިތްހަމަނުޖެހިގެން ބުނި އެއްޗެއްގެ ސަބަބުން އޭނާ އަށް ރަތް ކާޑެއް ދައްކައި ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ޓީސީން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ސެމިއުލް ފޮނުވާލި ބޯޅައެއް ގްރީން ސްޓްރީޓްސް ޑިފެންޑަރުން ބްލޮކްކުރިއިރު، އައްޒާމަށް އޭރިއާތެރެއިން ކުރި ފައުލަކަށް ޓީސީން ވަރަށް ބޮޑަށް ޕެނަލްޓީ ހޯދަން އެޕީލްކުރި ނަމަވެސް ރެފްރީ ފަޒީލް ނިންމީ ފައުލްނުވާ ކަމަށެވެ.

ޓީސީން މެޗަށް ނުކުތީ ތިން ޕޮއިންޓަށް ޓާގެޓް ކޮށެވެ. އެކަމަކު އެކަން ހާސިލްނުވިޔަސް އެ ޓީމަށް މާ ބޮޑު ކަންބޮޑުވުމެއް ނެތީ ލީގުގެ ތާވަލުގައި މި ވަގުތު ކުރީގައި އޮތް ޓީމެއް އަތުން ބަލިނުވެ ފަރުޖައްސާލެވުމުން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.

"މިރޭގެ މެޗުގައި ޓީސީ އަށް ހަމައެކަނި މަދުވެގެން ދިޔައީ ގޯލެއް. ދެން ހުރި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ކޮށްފި. ދެން އަނެއްކޮޅުން މި ސީޒަނަށް ނުކުތްއިރު އެންމެ ވަރުގަދަ ކަމަށް ކިޔާ އެއް ސްކޮޑާ އެއްކޮށް މި ކުޅުނީ. ކުޅުނުއިރުގައި އަނެއްހެން އެ މީހުން ބޯޅަ ކުޅުނަނުދީ މާ ބައިވަރު ފުރުސަތުތަކެއް ވެސް ނުދީ. ހަގީގަތުގައި މިރޭގެ މެޗުގެ އޮއެވަރު ދިޔަ ގޮތުން މިއީ ތިން ޕޮއިންޓް ނެގޭނެ މެޗެއް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ޓީސީ ކުޅެން ބޭނުންވާ ސްޓައިލުގެ ގޭމެއް ފެނިގެންދިޔަ ކަމަށެވެ. އަދި މީގެ އަނެއް ޓީމުގެ ވިސްނުން ހުރި ގޮތެއް ބުނަން ނޭނގޭ ކަމަށާއި މިއީ ޓީސީ އަށް ތިން ޕޮއިންޓް ލިބުނު ނަމަ މިއީ ވަރަށް ބޮޑު ފައިދާއެއްވާނެ މެޗެއް ކަމަށް ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ކުރިން ހީކުރި ގޮތަށް މެޗު ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށާއި ޕޮއިންޓަކާ އެކު ނިންމާލެވުން ވެސް ގޯހެއް ނޫން ކަމަށެވެ.

"ނޫނޭ އަސްލު ތިން ޕޮއިންޓަށް ދޯ ކޮންމެ މެޗެއްގައި ވެސް ފައިޓްކުރާނީ. އެކަމަކު ޓީސީ ވަރަށް ސްޓްރޯންގް (ވަރުގަދަ) މެޗެއް. މިއީ 0-0 ގެ މެޗެއް ޑްރޯ އެއް ވީމަ ނިޒާމްބެގެ ވެސް ޕްލޭނެއް އިންނާނެ އަޅުގަނޑުގެ ވެސް ޕްލޭނެއް އިންނާނެ. އެހެން ޝެއާ ކޮށްލަން މި ޖެހުނީ ޕޮއިންޓް،" ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ މިއީ ވަރަށް ވާދަވެރިކޮށް ދިޔަ މެޗެއް ކަމަށާއި މެޗުގެ ތެރެއިން ޓެކުލްތައް ވެސް ގިނަކޮށް ދިޔައިރު، އެހާ ބޮޑަށް އެކަންކަން ހުއްދަވެގެން ދިޔައީ ކިިހިނެއް ކަމެއް ސާފުނުވާކަމަށާާއި އޭގެ އާ ބެހޭގޮތުން ގޮތެއް ނިންމާނީ އެހެން ބައެއް ކަމަށެވެ.

ލީގުގައި އެންމެ އަވަހަށް ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ އެއް ވަނައިގައި އޮތް މާޒިޔާ އާއި ޓީސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox