އެމެރިކާގެ ފައިޒާ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިނުގެ އެންމެ ފަހުގެ ޝިޕްމަންޓަށް އިޒްރޭލުން ފައިސާ ދައްކާފައި ނުވާތީ، އެ ގައުމަށް އިތުރަށް ވެކްސިން ނުވިއްކުމަށް އެ ކުންފުނިން ނިންމައިފި އެވެ.
ފައިޒާއިން އިޒްރޭލަށް ފޯރުކޮށްދީފައި ވަނީ ވެކްސިނުގެ 2.5 މިލިއަން ޑޯޒެވެ. އެ ޝިޕްމަންޓަށް ފައިސާ ދައްކާފައި ނުވާތީ ފަހުން އޯޑަރު ކުރި 700،000 ޑޯޒްގެ ޝިޕްމަންޓް ވަނީ ހިފަހައްޓާފަ އެވެ.
ފައިޒާގެ އޮފިޝަލުން ބުނެފައި ވަނީ ކަންކަން އިންތިޒާމްވެގެން ހިނގާ ގައުމަކުން ފައިސާ ދައްކަން ފެއިލްވާންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ރޮއިޓާޒްއިން ރިޕޯޓުކޮށްފައިވާ ގޮތުން އެންމެ ފުރަތަމަ ހޯދި 2.5 މިލިއަން ޑޯޒްގެ އިތުރުން 36 މިލިއަން ޑޯޒް ގަންނަން އިޒްރޭލުން އޮތީ ރާވާފަ އެވެ. އޭގެ ޖުމްލަ އަގަކީ 1.05 މިލިއަން ޑޮލަރެވެ.
ރިޕޯޓުތައް ބުނާ ގޮތުން ވެކްސިން ޝިޕްމަންޓަށް ފައިސާ ދެއްކުމުގައި ބުރޫއަރާފައިވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒްއާ ދެމެދު އުފެދިފައިވާ މައްސަލައެއް ސަބަބުންނެވެ.
ނަތަންޔާހޫ އާއި ގާންޓްޒްގެ ދެމެދުގައި ސިޔާސީ އަރާރުންވުމެއް އުފެދުނީ ޖުޑީޝަރީއާ ގުޅުން ހުރި ބައެއް މަގާމުތަކަށް އައްޔަނުކުރި މީހުންނާ މެދު ހިޔާލު ތަފާތުވުމުގެ ސަބަބުންނެވެ.
އިޒްރޭލު ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކުން ހުއްދަ ދީފައިވާ ފައިޒާ ކޮވިޑް ވެކްސިނަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނެކެވެ. ރާއްޖޭގައި ވެސް މިހާރު އަންނަނީ މި ވެކްސިން ދެމުންނެވެ.
އިޒްރޭލުގެ 1.2 މިލިއަން މީހުންނަށް ފައިޒާ ވެކްސިން ދީގެން އެނގިފައިވާ ގޮތުގައި މި ވެކްސިން މަސައްކަތް ކުރާ ރޭޓަކީ 94 އިންސައްތަ އެވެ.
ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން އިޒްރޭލުން މިހާތަނަށް 834،000 މީހުންނަށް ވަނީ މި ބަލި ޖެހި، 6،243 މީހުން ވަނީ މަރުވެފަ އެވެ.










