އެންމެ "ބަރު" ޓީވީ ޑްރާމާތައް

އެންމެ "ބަރު" ޓީވީ ޑްރާމާތައް

އަގުހުރި ކޮންމެ އެއްޗަކީ އަދި ރީތި، ހިތްގައިމު އެއްޗަކަށް ނުވެ ހިނގައިދާނެއެވެ. އެހެނަސް ކޮލިޓީ އާއި އުފެއްދުންތެރިކަމާއި، ރީތިކަމާއި، މޮޅުކަން ފަދަ ސިފަކުރުންތައް އެންމެ ގިނައިން ގުޅުވެނީ ވެސް ނިސްބަތުން އަގުބޮޑު ތަކެއްޗާއެވެ. ދެން އޮތީ ސުވާލެކެވެ ޓީވީ ޝޯއެއްގެ އެޕިސޯޑެއް އުފައްދަން ޚަރަދުވާނީ ކިހައިވަރެއްހޭ އަހައިލީމާ ތިބާގެ ސިކުނޑިއަށް އައިސް ވަންނަނީ ކޮން އަދަދެއްހެއްޔެވެ؟ ޖަވާބު ހިތުގައި ބާއްވައިލައިފައި، ކުރިޔަށް ހިނގާށެވެ.

ޑެޑްވުޑް (އެޕިސޯޑަކަށް 4.5 މިލިޔަން)

Advertisement

ދާޚިލީ ހަނގުރާމައިގެ ފަހުން އެމެރިކާގެ މަޝްހޫރު "ވައިލްޑް ވެސްޓް" އަވަށުގެ ދިރިއުޅުން ސިފަކޮއްދޭ މި ސިލްސިލާއަކީ ހެދުން އެޅުމާއި، ބަސްމަގާއި، ކެއިންބުއިމާއި މިހެން ގޮސް ހުރިހާ ކަމެއް ވެސް އެ ދުވަސްވަރުގެ ހަޤީޤަތާއި އެއްގޮތަށް ގެނެސްދީފައިވާ އުފެއްދުމެކެވެ، އެކްޓަރުންގެ ކުޅަދާނަކަމަށާއި މުޅި ސިލްސިލާގައި ހުށަހަޅައިދީފައިވާ ވާހަކައަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުނަމަވެސް، އުފެއްދުމުގެ ޚަރަދު ބޮޑު މި ޑްރާމާއަށް ބެލުންތެރީންނާއި އެކުގައި "އުޅެލެވޭވަރުވީ" 3 ސީޒަން ނިމެންދެނެވެ.

ވެސްޓްވޯލްޑް (އެޕިސޯޑަކަށް 9 މިލިޔަން)

2016 ވަނަ އަހަރު ނެރުނު މި ޑްރާމާގެ ވާހަކަ ބިނާކޮށްފައިވަނީ އިންސާނުންގެ މުނިފޫހިފިލުވުމަށްޓަކައި ތައްޔާރުކޮށްފައިވާ ބިޔަ "ޕާކަކަށެވެ". މުޅި ޕާކުގައި "ފުރާނައަޅުވައިފައިވަނީ" ޒިޔާރަތްކުރާ މީހުންގެ ޚިދުމަތުގައި އުޅޭ، ފެންނަފެނުމަށް އިންސާނުންނާ އެއްވެސް ތަފާތެއް ނެތް ރޮބޮޓުންގެ އެހީގައެވެ. މި ހިތްގައިމު މަންޒަރު ބަދަލުކޮށްލަނީ، ރޮބޮޓުންނަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި "ބުއްދީގެ" ބާރު ލިބޭ ހިސާބުންނެވެ. މިހާތަނަށް 3 ސީޒަން ނެރެފައިވާ ސައިންސް ފިކްޝަން މި ސިލްސިލާ އަކީ ވެސް މި ބާވަތުގެ ޑްރާމާތަކަށް ލޯބިކުރާ މީހުންގެ މެދުގައި މަޤްބޫލު ޑްރާމާއެކެވެ. އެޕިސޯޑަކަށް 9 މިލިއަން ޚަރަދުވާ މި ސިލްސިލާގެ ކޮންމެ ސީޒަނެއް އާންމުންނާ ހަމައަަށް ގެނެސްދެވެނީ 18 މަސް ދުވަހުގެ މަސައްކަތުންނެވެ. ވީމާ. 2022 ގައި 4 ވަނަ ސީޒަން ދައްކަށް ފެށުމުގެ ކުރިން އަދި ހަމަޖެހިލައިގެން ވެސްޓްވޯލްޑަށް "ޒިޔާރަތްކޮށްލަން" ވަގުތު އެބައޮތެވެ.

ރޯމް (އެޕިސޯޑަކަށް 10 މިލިޔަން)

ރޯމަނުންގެ ހައިބަތާއި މުއްސަނދިކަމާއި ރޯމަން އެމްޕަރަރގެ "އާރާއިބާރާއި، ނެތިދިއުން" ވަރަށް ފުރިހަމައަށް ޓީވީ ސްކްރީނަށް ގެނެސްދީފައިވާ މި އުފެއްދުމަކީ ވެސް އަގުބޮޑު ގިނަ ސިލްސިލާތަކަކާއެކު އެބައެއްގެ ނަން ކިޔައިލަންޖެހޭ އެޗްބީއޯގެ އުފެއްދުމެކެވެ. ތިން އަހަރަށް ދެމިގެންދިޔަ މި ސިލްސިލާ، ބަޖެޓުގެ ތާށިކަމާހުރެ 2007 ގައި ނިމިފައިވިޔަސް، ހަޤީޤީ ހާދިސާތަކުގެ މައްޗަށް ތައްޔާރުކުރާ "ޕީރިއަޑް ޑްރާމާތަކަށް" ހިތްދެވޭނަމަ ބަލައިނުލައި ދޫކޮށްލާވަރަށް ވުރެ ރޯމްގެ މަޤްބޫލުކަން އަދިވެސް ބޮޑެވެ.

ދަ ގެޓް ޑައުން (އެޕިސޯޑަކަށް 10 މިލިޔަން)

1970ގެ އަހަރުތަކުގެ ތެރޭ، ހިޕްހޮޕް މިޔުޒިކާއި، އެ ދާއިރާގެ މިޔުޒިކީ ފަންނާނުންކޮޅެއްގެ ދިރިއުޅުން ގެނެސްދީފައިވާ "ޚިޔާލީ" މި ސިލްސިލާއަކީ ނެޓްފްލިކްސްގެ އުފެއްދުމެކެވެ. އޮރިޖިނަލް މިޔުޒިކަށާއި، ސީރީޒްގެ ކާސްޓުންނަށާއި، ނިއުޔޯކްގައި ސީރީޒްގެ މަންޒަރުތައް ކެމެރާކުރުމަށް ބޭނުންކުރި އަގުބޮޑު ލޮކޭޝަންތަކާއެކު، ނެޓްފްލިކްސް އިން. 1 ސީޒަނުގެ މި ކުރު، އެހެނަސް ހިތްގައިމު ޑްރާމާ އާންމުންނާ ހަމައަށް ގެނެސްދީފައިވަނީ ޖުމުލަ 120 މިލިޔަން ޑޮލަރު ޚަރަދުކޮށްގެންނެވެ،

ފްރެންޑްސް (އެޕިސޯޑަކަށް 10 މިލިޔަން)

ހެއްވާ މަޖާ ޓީވީ ސިލްސިލާތަކުގެ ޗާޓުތަކުގައި އަދިވެސް އެންމެ ކުރީސަފުގައި ގުނައިލެވޭ ފްރެންޑްސް ޓީވީ ސިލްސިލާގެ އިތުރު ތައާރަފަކަށް ބޭނުންވާ މީހަކު މަދުވާނެއޭ ބުނެވިދާނެއެވެ. 1994 ގައި ޕްރިމިއާކުރި، ޖުމުލަ 10 ސީޒަންގެ މި ޑްރާމާގައި ފެންނަނީ އެކުގައި އުޅޭ އެކުވެރީންތަކެއްގެ ސަކަ ދިރިއުޅުމެވެ. މީހުން ހެއްވައިލުމުގައި ކާސްޓުންނާއި ޑްރާމާ ލިޔުންތެރީން އަދި ޑައިރެކްޓަރުންގެ ކުޅަދާނަކަށް ފެނިގެންދާ މި ސިލްސިލާއަކީ މިހައިތަނަށް އުފައްދާފައިވާ އެންމެ އަގުބޮޑު ސިޓްކޮމް ސިލްސިލާ ވެސް މެއެވެ.

ބޭންޑް އޮފް ބްރަދަރސް (އެޕިސޯޑަކަށް 12.5 މިލިޔަން)

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އެކި މިޝަންތަކުގައި ވިލާތުގައި ހަރަކާތްތެރިވި "އީޒީ ކޮމްޕެނީގެ" ވާހަކަ ޓީވީ ސްކްރީނަށް ގެނެސްދިން މި އުފެއްދުމަކީ، ޓޮމް ހޭންކްސް އާއި ސްޓީވަން ސްޕީލްބަރގްގެ މަސައްކަތެކެވެ. 2000 ވަނަ އަހަރު ރިލީޒްކުރި މި ޑްރާމާގެ ސިނަމެޓޮގްރަފީއަށާއި ހުށަހެޅުންތެރިކަމަށް ތާރީފު އޮހިފައިވާއިރު، މިއީ މިއަދާ ހަމައަށް ވެސް ހަނގުރާމަމަތީ ވާހަކަތަކާއި ހާދިސާތަކަށް ޚާއްސަ ގިންތީގައި އެންމެ އުހުގައި ގުނައިލެވޭ އެއް ސިލްސިލާ އެވެ. ދެހާހުގެ އަހަރުތަކުގައި މިހައި ބޮޑު ހޭދައެއްކޮށްގެން ޓީވީ ޝޯއެއް އުފަންދަން ބަޔަކު ފައިނަގައިފާނެއޭ ހީނުވިޔަސް އެޗްބީއޯ އިން މި ސިލްސިލާއަށް އާނބަސް ބުނީ ހޭންކްސް އާއި ސްޕީލްބާރގް އަށް އިތުބާރު އޮތުމުންނެވެ. އޭގެ ނަތީޖާ ވެސް ފޮންޏެވެ.

އީއާރު (އެޕިސޯޑަކަށް 13 މިލިޔަން)

1990 ގެ އަހަރުތަކުގައި މެޑިކަލް ޑްރާމާއެއް ގޮތުގައި މަޝްހޫރުކަން ހޯދި "އީއާރު" އަކީ މި ގިންތީގެ ޑްރާމާތަކުގެ ތެރެއިން އަދިވެސް ފޫހިކަމެއް ނެތި އެންމެ ގިނަބަޔަކު ބަލައިއުޅޭ އެއް ސިލްސިލާއެވެ. ފެށުމުގައި މާ ޚަރަދުބޮޑު ނޫންނަމަވެސް ޑްރާމާގެ މަޤްބޫލުކަން އިތުރުވީ ވަރަކަށް ޖޯޖް ކުލޫނީ ފަދަ ނަންހިނގާ ފަންނާނުންގެ ޓީމަކާއެކު ޝޯ ކުރިއަށް ގެންދިއުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހުނެވެ. ޖުރެސިކް ޕާކް ގެ ލިޔުންތެރިޔާ މައިކަލް ކްރައިޓަން މި ސިލްސިލާއަށް ހަދިޔާކޮށްފައިވާ އޭނާގެ "ޤަލަމުގެ ކުޅަދާނަކަމަކީވެސް" މި ޑްރާމާގެ ޚާއްޞަ ކަމެކެވެ.

ދަ ކްރައުން (އެޕިސޯޑަކަށް 13 މިލިޔަން)

ޒަމާނީ މުނިފޫހިފިލުވުމުގެ ބައިވެރިޔާ، ނެޓްފްލިކްސްގެ މި އުފެއްދުމަކީ، މިހައިތަނަށް އެ ކުންފުނިން ކުރި އެންމެ ޚަރަދުބޮޑު އެއް މަސައްކަތެވެ. އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދިރިއުޅުމާއި އާޖުފާޖު ބެލުންތެރީނަށް އަސްލާއި ތަފާތުކަމެއް ނެތި ގެނެސްދިނުމަށް ގިނަ "ބޯގޭނުންތަކެއް ގާނައިފައިވާ" މި ސިލްސިލާގައި އަމީރު ވިލިއަމާއި ރާނީ އެލިޒަބަތުގެ ކައިވެނީގެ މަންޒަރުތަކުގައި ބޭނުންކުރި ކައިވެނީގެ ހެދުމަށް އެކަނި ވެސް 37000 ޑޮލަރު ޚަރަދުވިއެވެ. ކޮންމެއަކަސް ބޮޑުއަގުދީގެން އުފެއްދި ނަމަވެސް މިއީ ވެސް ނެޓްފްލިކްސް އަށް ބެލުންތެރީންގެ ހިތް ލަންބުވައިލި ހިތްގައިމު އުފެއްދުމެކެވެ.

މޯނިންގ ޝޯ އާއި ސީ (އެޕިސޯޑަކަށް 15 މިލިއަން)

އެޕަލް ޓީވީ ޕްލަސް ގެ ޚިދުމަތް ތައާރަފުކޮށް، ކަސްޓަމަރުން ގަޔާވާފަދަ އުފެއްދުންތަކެއް ގެނެސްދޭނެކަމަށް ވީ ވައުދު މި ދެ ސިލްސިލާއިން އެކަނި ވެސް އެޕަލް އިން ފުއްދައިފިކަމަށް ބުނެވިދާނެއެވެ. ޖެނިފާ އެނިސްޓަން އާއި ސްޓީވް ކެރޮލް ފަދަ މަޝްހޫރު ތަރިންނަށް އެޕިސޯޑަކަށް 2 މިލިޔަން ޑޮލަރު ދީގެން އުފެއްދި "މޯނިންގ ޝޯ" ގެ ކޮލިޓީ އާއި ލިބުނު ތަރުޙީބު ކުޑައެއްނޫނެވެ. އަދި ދުނިޔޭގެ އެންމެންގެ ލޮލުގެ ފެނުން ގެއްލިފައިވާ، ލޯފަން ދުނިޔެއަކަށް ބެލުންތެރީންގެ "ލޯ ހުޅުވައިލަދިން"

"ސީ" އަކީ ވެސް ބޮޑު ބަޖެޓަކުން ބެލުންތެރީނާއި ހަމައަށް ގެނެސްދިން ޑްރާމާއެކެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި ވިޜުއަލް އިފެކްޓްސް އަށް މިލިޔަނުން ހޭދަކޮށްފައިވާ މި ޝޯ އަކީ ވެސް ބެލުންތެރީންނާއި ފާޑުކިޔުންތެރިން ގަޔާވި އުފެއްދުމެކެވެ.

ދަ މެންޑަލޯރިއަން (އެޕިސޯޑަކަށް 15 މިލިޔަން)

ޑިޒްނީ+ އިން ސްޓްރީމިން ވިޔަފާރީގެ ތެރެއަށް ވަދެ ފުރަތަމަ ބެލުންތެރިންނަށް ދިން މި ހަދިޔާ ސްޓާވޯޒް ގެ ފޭނުންނާއި ސައިފައި ސިލްސިލާތަކަށް ލޯބިކުރާ މީހުންގެ ހިތް އަތުލީ ހީވެސް ނުކުރާހައި އަވަހަށެވެ. އިންޓަނެޓްގައި "ބޭބީ ޔޯޑާ" ވައިރަލްވެގެން ދިޔަގޮތް މީގެ މިސާލަކަށް ފުދެއެވެ. މަޝްހޫރު ސްޓާވޯޒް ގެ ވަކި ފިލުމަކާއި ނުވަތަ ވާހަކައަކާއި ސީދާ ނުގުޅުވައި، މިނިވަން ވިސްނުމަކުން ހުށަހަަޅައިދޭ މި ޝޯގެ ހިތްގައިމުކަން ކަށަވަރުކުރުމަށް ޑިޒްނީއިން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އޭގެ ނަތީޖާ ވެސް ލައްކަ ރަނގަޅެވެ. ޑިޒްނީ އިން ސްޓާވޯޒްގެ ގިނަ އުފެއްދުންތަކެއް މި އަހަރު އިއުލާނުކޮށްފައި ވާއިރު، ސީޒަން 3 އާއި އެކު "ބޭބީ ޔޯޑާ" އެނބުރި އަންނާނެކަމަށް ބެލެވެނީ 2022 ގައެވެ.

ގޭމް އޮފް ތްރޯންސް (ފަހު ސީޒަންގެ އެޕިސޯޑަކަށް 15 މިލިޔަން)

މިއީ މިހާތަނަށް ޓީވީ ސްކްރީނަށް އުފެއްދި އެންމެ ކާމިޔާބު އެއް ސިލްސިލާ ކަމަށް ގިނަބަޔަކު އިއްތިފާގުވާ އެއް އުފެއްދުމެވެ. އެޗްބީއޯއިން 2011 ގައި މި ސިލްސިލާގެ މަސައްކަތް ފެށިއިރު އެއީ އޭރު އެހައިތަނަށް މުނިފޫހިފިލުވުމުގެ ދާއިރާގައި ބަޔަކު ކުރަން ފައިނަގައިފައި ވެސް ނުވާ ވަަރުގެ ގޮންޖެހުން ބޮޑު މަސައްކަތެކެވެ. ސިލްސިލާގެ ޝޫޓިންގ ކުރިއަށް ގެންދިޔަ ލޮކޭޝަން ތަކާއި، ޕޯސްޓް ޕްރޮޑަކްޝަންގެ އެހީގައި "އަ ސޯންގ އޮފް ފަޔަރ އެންޑް އައިސް" ވާހަކައިގެ ދުނިޔޭގައި "ފުރާނައަޅުވައިލަން" އެޗްބީއޯ އިން ޚަރަދުކުރީ މި ލިސްޓުގެ ތަންކޮޅެއް ކުރީކޮޅުގައި ހިމަނައިލި "ރޯމް" ގެ ކާމިޔާބީ އާއި ތަޖުރިބާގެ އަލީގައެވެ.

ދަ ޕެސިފިކް (އެޕިސޯޑަކަށް 20 މިލިޔަން)

މިއީ ވެސް އެޗްބީއޯގެ އުފެއްދުމެކެވެ. ޓޮމް ހޭންކްސް އާއި ސްޓީވަން ސްޕީލްބަރގް އަށް އިތުބާރުކޮށް މި ސިލްސިލާއަށް ވެސް އެޗްބީއޯ އިން އާނބަސް ބުނި ނަމަވެސް، ކުރި ޚަރަދާއި އެއްވަރުގެ މަޝްހޫރުކަމެއް މި ޑްރާމާއަށް ލިބިފައެއް ނުވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ހާދިސާތަކުން "ކަޅިކޮށްލެވިފައިވާ" މި ސިލްސިލާގައި ވެސް އެ ދުވަސްވަރުގެ ޙާލަތު އަސްލާ އެއްގޮތަށް ގެނެސްދިނުމުގެ އިތުރުން، ސިލްސިލާގެ ވާހަކަ ބިނާކޮށްފައިވާ ގޮތަށް ދާއިރާގެ ކްރިޓިކުން (ފާޑުކިޔުންތެރީންގެ) ރުހުން ލިބިފައިވެއެވެ.

ޑިޒްނީ ޕްލަސްގެ މާވެލް ޓީވީ ސިލްސިލާތައް (އެޕިސޯޑަކަށް 25 މިލިޔަން)

2020 ގައި އިއުލާނު ކުރި ޓީވީ ސިލްސިލާތަކާއެކު މާވެލް ސިނަމެޓިން ޔުނިވާސް ނުވަތަ އެމްސީޔޫގެ ކުރިމަގު ބެލުންތެރިންނަށް އޮތީ ވަރަށް އުޖާލާކޮށެވެ. "ވާންޑާވިޝަން" އަށް ފަހު މިހާރު ދައްކަމުންދާ "ފެލްކަން އެންޑް ވިންޓަރ ސޯލްޖާ" އާއި "ލޮކީ" ފަދަ ކުރިޔަށް ހުރި ސިލްސިލާތަކާއެކު ޑިޒްނީއިން އޮތީ ނެޓްފްލިކްސް، އެމޭޒަން ޕްރައިމް. ޕީކޮކް ފަދަ ސްޓްރީމިންގ ވިޔަފާރިތަކަށް ރަނގަޅު ރައްދެއް ދޭން ފިސާރި ތައްޔާރުވެގެންނެވެ.

ދަ ލޯޑް އޮފް ދަ ރިންގްސް (މުޅި ސީރީޒް އަށް 01 ބިލިޔަން)

ހިތްގައިމު ވާހަކަ ސިލްސިލާއަކާއި ފިލްމު ސިލްސިލާއަކަށް ފަހު ޑްރާމާ ސިލްސިލާ ވެސް އިތުރުވާކަަށް ދެން މާ ގިނަދުވަހެއް ނެތެވެ. އެކަމަކު އެއީ އެހައި ފަސޭހައިން ކުރެވެން އޮތްކަމެއްނޫނެވެ. އެމޭޒަން އިން ބުނަނީ އެކަން ވާނީ މަދުވެގެން 01 ބިލިޔަން ޑޮލަރުން ކަމަށެވެ. ޖުމުލަ 5 ސީޒަނަށް ދިގުދެމިގެންދާގޮތަށް އުފައްދާ މި ސިލްސިލާ އުފެއްދުމަށް "އާނބަސް ހޯދުމަށް" އެކަނި ވެސް އެމޭޒަނުން ވަނީ 250 މިލިޔަން ޚަރަދުކޮށްފައެވެ. ކޮންމެއަކަސް ފިލްމާއި ވާހަކަ ފަދައިން ބެލުންތެރީންގެ ހިތް އަތުލައިފިނަމަ މި ސިލްސިލާ ވާނީ މިހާތަނަށް އުފެއްދޭ އެންމެ އަގުބޮޑު އެންމެ ކާމިޔާބު "ޚިޔާލީ ދުނިޔެ" އަށެވެ.

މީގެ ތެރެއިން ގިނަ ޑްރާމާތަކަކީ ދިވެހީންގެ ތެރޭގައި ވެސް މަޤްބޫލު އުފެއްދުންތަކެވެ. އުފެއްދުންތެރިކަމާއި، ޚަރަދާއި، މިހުރިހާ ގޮތަކުން ވެސް "ބަރު" ޑްރާމާތަކެވެ. މިއިން ޑްރާމާއެއް ނުބަލައި އޮތްނަމަ އަގާއި ފެންވަރު އަޅައިކިޔައިލުމަށް އަމިއްލައަށް "ބަރުދަން" ތަޖުރިބާކޮށްލުން ތިޔަ ކިޔުންތެރިޔާއަށް ދޫކޮށްލަމެވެ.

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox