ރިލްވާންގެ އާއިލާއާ މުއިއްޒު ބައްދަލެއް ނުކުރެއްވި!

Oct 5, 2026, 7:27 AM
ރައީސް މުހައްމަދު މުއިއްޒު އާއި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން

ރައީސް މުހައްމަދު މުއިއްޒު އާއި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާއިން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން އެދިފައިވީ ނަމަވެސް، އެ ފުރުސަތު މިހާތަނަށް ލިބިފައިނުވާ ކަމަށާއި، ބަންޑާރަނައިބު އަހުމަދު އުޝާމްއާ ބައްދަލުކުރަން އެދި ސިޓީ ފޮނުވިތާ ހަތަރު މަސް ވެފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

މިކަން ހާމަވެފައިވަނީ ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް ރޭ ބޭއްވި "އަހާ" ފޯރަމްގައި ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ކުރި ސުވާލުންނެވެ. 

ޝެހެނާޒް ބުނީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ އެމަނިކުފާނާ ބައްދަލުކުރަން އާއިލާއިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިލްވާންގެ މައްސަލައިގެ ރިޕޯޓު މިހާރު އޮތީ ބަންޑާރަނައިބުގެ އަތުގައި ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވެފައިވާތީ، ބަންޑާރަނައިބާ ބައްދަލުކުރަން އެޕޮއިންޓްމަންޓަކަށް އެދި ސިޓީލީތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

Advertisement

ނަމަވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ، އާއިލާއިން ބޭނުންވަނީ އެ ރިޕޯޓު ލިބޭނެ ގޮތެއް ހަމަޖެހުން ކަމަށް ޝެހެނާޒް ބުންޏެވެ.

"ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް [މުއިއްޒު] ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދި މަރު ކޮމިޝަނުން އުފައްދާ ރިލްވާނާ ބެހޭގޮތުން ހަދައި ނިންމާފައިވާ ރިޕޯޓް މިހާރު ވަނީ ވަނީ އުޝާމް އަތްޕުޅުގައި ކަމަށް. އެހެންވީމާ އަޅުގަނޑު ހަމަ ވަގުތުން އުޝާމްއާ ބައްދަލުކުރަންވެގެން އޮންނާނެ އެޕޮއިންޓެމްނޓަކަށް ވެސް ދެވިފައި. އެކަމަކު މިހާރު ހަތަރު މަހަށްވުރެ ގިނަ ދުވަސްވީ އަޅުގަނޑު އެ ސިޓީ ލާފައި އޮންނަތާ. އަޅުގަނޑަށް އެއްވެސް ޖަވާބެއްވެސް ނުދެއްވާ،" ޝެހެނާޒު ވިދާޅުވި އެވެ. 

ރިލްވާން
ރިލްވާން

ޝެހެނާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވަނީ އާއިލާއާ ބައްދަލުނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ. އަދި މި ހަފުތާގެ ތެރޭގައި އާއިލާއާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އުޝާމް ދެއްވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް މަސައްކަތްކުރާނަން މި ހަފްތާގައި އާއިލާ ބޭފުޅުންނާ ބައްދަލުކުރެވޭތޯ،" އުޝާމް ވިދާޅުވި އެވެ. 

އުޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަންގެ މުއްދަތު މި ސަރުކާރުން އިތުރުކޮށްދީ، އެ ކޮމިޝަނުން ނިންމި މައްސަލަތަކުގެ ރިޕޯޓުތައް މިހާރު ރައީސް އޮފީހުން އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރިލްވާންގެ މައްސަލައިގެ ރިޕޯޓު އާންމުކުރުމާ ގުޅޭގޮތުން ބަންޑާރަނައިބު ވިދާޅުވީ، އެ ރިޕޯޓުގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ ސިއްރު މައުލޫމާތުތަކެއް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ރިޕޯޓުން ހާމަކުރެވޭނީ ކޮން މިންވަރެއްގެ މައުލޫމާތެއްތޯ ބެލުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ހާއްސަ ޓީމަކުން ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދިރާސާގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެއަށްފަހު ރައީސަށް ލަފާ އަރުވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

މަރު ކޮމިޝަނުގެ ހޯދުންތައް އެއްވެސް ބަޔަކާ ހިއްސާ ނުކުރަން ރައީސް އޮފީހުން އަންގައިފި

ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން އެ މައުލޫމާތުތައް ހާމަނުކުރެވޭނެ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އާއިލާތަކުންނާއި ޖަމިއްޔާތަކުން ބުނޭ. ތަހުގީގުގެ ހޯދުންތައް ހަމައެކަނި ރައީސް އޮފީހާ ހިއްސާކުރުމަށް މަރު ކޮމިޝަނަށް މިހާރު ވަނީ އަންގާފައި.

ރިލްވާންގެ އާއިލާއާ ބައްދަލުކޮށް، ގާނޫނީ ގޮތުން މައުލޫމާތު ފޯރުކޮށްދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެ މައުލޫމާތުތައް ހިއްސާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. ނަމަވެސް އާއިލާއަށް ރިޕޯޓު ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ރައީސް ކަމަށް އުޝާމް ވިދާޅުވި އެވެ. 

އޮގަސްޓު 2014 ގައި ރިލްވާން ގެއްލުވާލި މައްސަލައަކީ ދިވެހި މުޖުތަމައު ބޮޑު ސަމާލުކަމެއް ދީފައިވާ މައްސަލައަކަށް ވާއިރު، އެ އާއިލާއިން ދަނީ އިންސާފު ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox