ދިވެހި ފޮންޓުތައް އެއްތަނަކުން ހޯދުމާއި، ފެތުރުމުގެ އިތުރުން ފޮންޓް ލައިސަންސް ކުރުމަށް ހާއްސަކޮށްގެން ހިންގާ ރާއްޖޭގެ ފުރަތަމަ ޕްލެޓްފޯމް "އަކުރު ޓައިޕް މާކެޓްޕްލޭސް" އަށް މޯލްޑިވްސް އެކްސްޕޯ 2026 ގައި ދެ އެވޯޑެއް ލިބިއްޖެ އެވެ.
ރޭ ބޭއްވި އެވޯޑު ދިނުމުގެ ހަފްލާގައި އަކުރު ޓައިޕުން ވަނީ އައިސީޓީ ސަބް ކެޓަގަރީގެ "އަދަ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ ހާސިލްކޮށްފަ އެވެ. އަދި މުޅި އައިސީޓީ ކެޓަގަރީގެ ބޮޑު މުބާރާތުން އެ ޕްލެޓްފޯމަށް ވަނީ ތިންވަނަ ލިބިފަ އެވެ.
އެ ރަސްމިއްޔާތުގައި، "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން ލިބުނު އެއްވަނަ އެވޯޑާ ހަވާލުވީ އަކުރު ޓައިޕްގެ ޓައިޕް ޑައިރެކްޓަރު އަދި ކޯ-ފައުންޑަރ ޢަބްދުﷲ ޝަފީއު (އަބޯ) އެވެ. އަދި މައި ކެޓަގަރީން ލިބުނު ތިންވަނަ އެވޯޑާ ހަވާލުވީ އެ ކުންފުނީގެ ޕްރޮޑަކްޓް ޑައިރެކްޓަރު އަދި ކޯ-ފައުންޑަރ ޝާޒިފް އާދަމް އެވެ.
މި ކާމިޔާބީ އަކީ, 2024 ވަނަ އަހަރު އުފެއްދި މި ވެންޗާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަކުރު ޓައިޕަކީ ރާއްޖޭގެ އަމިއްލަ ފޮންޓް ޑިޒައިނަރުންނާއި ފޮންޓް ފައުންޑްރީތައް އެއް މާކެޓެއްގެ ދަށުން ގުޅުވައިދޭ ހަމައެކަނި ޕްލެޓްފޯމެވެ. މި މަސައްކަތުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ދިވެހި ފޮންޓުތައް ލިބޭނެ މަގު ތަނަވަސްވެ، އުފެއްދުންތެރިންގެ ފިކުރީ މުދާ ރައްކާތެރިކޮށްދީ، އެމީހުންގެ ހުނަރުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.

ޑިޖިޓަލް އަދި ޕްރިންޓް މީޑިއާގައި ދިވެހި ފޮންޓުތަކަށް އޮތް ބޭނުންތެރިކަން ފުޅާކުރުމަށް މަސައްކަތްކުރާ އަކުރު ޓައިޕްގެ ސްޓޯލް މިހާރު ވަނީ އެކްސްޕޯގެ "ޑިޖިޓަލް ޕެވިލިއަން" ގައި ހުޅުވާފަ އެވެ.
މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 4 ގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގައި، އެ ކުންފުނީގެ ފޮންޓް ކަލެކްޝަންތައް ބަލާލުމުގެ ފުރުޞަތު އާންމުންނަށް އޮންނާނެ އެވެ.
މީގެ އިތުރުން މި އެކްސްޕޯގެ ތެރެއިން އައު އުފެއްދުންތަކާއި، އައު ފޮންޓުތަކުގެ އިތުރުން މާކެޓްޕްލޭސްއާ އަލަށް ގުޅުނު އައު ޑިޒައިނަރުން ތަޢާރަފުކުރުމަށް ވެސް އަކުރު ޓައިޕުން ވަނީ ރާވާފަ އެވެ.
މިއީ ދިވެހި ބަހުގެ ތަރިކައާއި ނަސްލީ ސިފަ އަކުރުގެ ފަރުމާއިން ދެމެހެއްޓުމަށް އެ ޕްލެޓްފޯމުން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ބައެކެވެ.









