ހުވަދޫ ރޭޕް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ހުޒާމް ސައީދުއަކީ އެ އަތޮޅު ތިނަދޫ ސިޓީގެ ވެމްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެއްކަން އެނގިއްޖެ އެވެ.
ހުވަދޫ ރޭޕް ކޭސްއާ ގުޅިގެން މިހައިތަނަށް ނުވަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަށް ވެސް ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ހުޒާމް، (31އ)، އަކީ ތިނަދޫ ސިޓީގެ ވެމްކޯ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓުގެ މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. ތިނަދޫ ވެމްކޯ ހިންގުން ހަވާލުކޮށްފައި އޮންނަނީ ވެސް އޭނާއާ ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.
އޭނާއަށް ވެމްކޯގެ ވަޒީފާ ދީފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހައިފަ އެވެ.









