މަޝްހޫރު މާރީ ބިސްކަޓްގެ އިތުރުން ތަފާތު ވައްތަރުގެ ބިސްކޯދު އުފެއްދުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މެލޭޝިއާގެ "ލީ ބިސްކަޓްސް" އިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެއްކޮށް ހުއްޓާލަން ނިންމައިފި އެވެ.
މެލޭޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 1934 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެ ކުންފުނިން ބިސްކޯދު އުފެއްދުން ހުއްޓާލަނީ މެލޭޝިއާގެ ޖޮހޯރްގެ ޕޮންޓިއަންގައި ހުންނަ އެ ކުންފުނީގެ މައި ފެކްޓްރީ ބަންދުކުރުމަށްފަހު އެވެ.
މި ނިންމުމަކީ ލީ ބިސްކުޓްސްގެ ބެލެނިވެރި ކުންފުނިން (ޕޭރަންޓް ގްރޫޕް) ވިޔަފާރި އަލުން ތަރުތީބުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އެ ގްރޫޕުން މިހާރު އަމާޒު ހިފާފައިވަނީ ކާބޯތަކެތި އުފެއްދުމުގެ ވިޔަފާރިން ދުރުވެ، އެ ކުންފުނީގެ މައިގަނޑު އަސާސީ ވިޔަފާރިތައް ކަމަށްވާ ރަބަރާއި ކާށި ތެޔޮ އުފެއްދުމުގެ ދާއިރާއަށް ހަކަތަ ހުސްކުރުމަށެވެ.
މިއީ ފާއިތުވި ތިން އަހަރު ތެރޭގައި އެ ގްރޫޕުން ބަންދުކުރާ ދެވަނަ ކާބޯތަކެތި އުފައްދާ ފެކްޓްރީއެވެ. މީގެ ކުރިން 2023 ވަނަ އަހަރު ވަނީ އެ ގްރޫޕްގެ "ލީ ޕައިނެޕަލް" އަލަނާސި ދަޅު އުފައްދާ ފެކްޓްރީ ވެސް ބަންދުކޮށްފަ އެވެ.
މި ފެކްޓްރީ ބަންދުކުރުމާ ގުޅިގެން އެތަނުގައި މަސައްކަތްކުރާ ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ އެވެ.

ކުންފުނީގެ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، ފެކްޓްރީ ބަންދުކުރަން ނިންމުމަށްފަހު ފާއިތުވި ދެ ހަފްތާގައި ވަނީ ބޮޑު ސޭލްއެއް ބާއްވައި، ފެކްޓްރީގައި ހުރި ހުރިހާ ބިސްކުޓް ސްޓޮކެއް އެއްކޮށް ހުސްކޮށްލާފަ އެވެ.
ގިނަ ބައެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ އަދި ސައިގަޑީގެ ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށްވާ ލީ ބިސްކަޓްސްގެ އުފެއްދުންތައް މާކެޓުން މަދުވަމުންދާތީ، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުރަމުންނެވެ.
އެ ކުންފުނިން ބުނީ މިހާރު ފެކްޓްރީގެ ސްޓޮކް ހުސްވެފައިވުމުން، ބިސްކޯދު ގަންނަން ބޭނުންވާ ފަރާތްތަކަށް ދެން މި ބިސްކޯދު ލިބެން ހުންނާނީ، ބާޒާރުގެ ފިހާރަތަކުގައި މިހާރު ބާކީ ހުރި ސްޓޮކްތަކުން އެކަނިކަމަށެވެ.
އެޑިޓަރުގެ ނޯޓު
އުފެއްދުން ހުއްޓާލަނީ މެލޭޝިޔާގެ ލީ ކުންފުނިން އުފައްދާ މާރީ ބްރޭންޑުގެ ބިސްކޯދެވެ. މިއީ ވެސް ރާއްޖެއަށް ގެންނަ ބިސްކޯދެކެވެ. އެކަމަކު ރާއްޖޭގައި އެންމެ މަޝްހޫރީ އަވައްޓެރި ސްރީ ލަންކާގައި އުފައްދާ މާރީ ބިސްކޯދެވެ. އެ ބިސްކޯދު ވިއްކުން ހުއްޓައެއް ނުލަ އެވެ. މި ލިޔުމުގައި ކުރި ހިމަނާފައިވާ ފޮޓޯއަކީ ކުށަކުން ހިމެނުނު، ލަންކާގައި އުފައްދާ މާރީ ބިސްކޯދުގެ ފޮޓޯއެކެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ.













