އިޒްރޭލުގެ ވާގިވެރިޔެއް ކަމުގައިވާ ޔޫއޭއީގެ އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ބޮޑު ބައެއް ދޫކޮށްލުމާ ދެކޮޅަށް ދިވެހި ރައްޔިތުން ނުރުހުން ފާޅުކުރަމުން ދަނިކޮށް، އެކަމުގައި އެއްވެސް ކަންބޮޑުވުމެއް އޮތްކަން ހާމަނުކޮށް ޖަމިއްޔަތުއް ސަލަފްގެ އިސްވެރިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނި ގޮތުގައި މިއަދު މެންދުރުފަހު 2:00 އިން 3:00 އަށް ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ސަލަފް ޖަމިއްޔާގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް، ޝެއިޚް އަހުމަދު ސަމީރާއި، އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރުގެ އިތުރުން ސަލަފުގެ އިވެންޓު މެނޭޖަރު މުޖުތަބާ ހަމީދު އެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ، އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލުމާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުރިތޯ ބެލުމަށް ދިރާސާކުރަމުންދާ ކަމަށް ސަލަފުން ބުނެފައި ވަނިކޮށެވެ.
ސަރުކާރުން މި މަޝްރޫއު އިއުލާނުކުރިތާ ހަފުތާއެއް ފަހުން ސެޕްޓެމްބަރު 28 ގައި ސަލަފްގެ ތަރުޖަމާނު ހަސަން ފިކުރީ އެކްސްގައި އެހެން ވިދާޅުވި ނަމަވެސް، އޭގެ ފަހުން އެ ޖަމިއްޔާއިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި މަޝްރޫއު ދިރާސާކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރަން ސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ކުރިން ވެސް ފޯނު ނަގާފައެއް ނުވެ އެވެ.
ސެޕްޓެމްބަރު 21 ގައި ސޮއިކުރި ސިއްރު އެއްބަސްވުމުގެ ދަށުން އީގަލް ހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރު ދޭން އެއްބަސްވެފައި ވާއިރު، އެތަނުގައި ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށައިފަ އެވެ.
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ މީހާ އެތަން ވިއްކާލުމުން ނުވަތަ ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސްއެއް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
މީގެކުރިން ގައުމީ ބޮޑެތި ކަންކަމުގައި އަޑުއުފުލި ދީނީ އިލްމުވެރިން މިކަމުގައި ހަނުތިބޭތީ ގިނަ ބައެއްގެ ސުވާލު ވަނީ އުފެދިފަ އެވެ.
ރަސްމާލެ ޕްރޮޖެކްޓު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާއިން ތައްޔާރު ކުރި ތަހުގީގީ ދިރާސާއެއްގައި ވަނީ ބުނެފަ އެވެ.
މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން ސަލަފު އަދި ސަރުކާރުން ވެސް ބަހެއް ނުބުނެ އެވެ.
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ މީހާ އެތަން ވިއްކާލުމުން ނުވަތަ ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސްއެއް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. ފުރަތަމަ ދޫކުރާ 99 އަހަރުގެ ލީސް ނިމޭނީ ވެސް 2125 ގަ އެވެ.











