ސްޓެލްކޯގެ އެމްޑީ ޝަމާހް: އޭނާ ވަނީ މަގާމުން ވަކިކުރައްވާފައި -- ފޮޓޯ: މިފްކޯ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު މިއަދު ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ޝަމާހް ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ޝަމާހްގެ ބަދަލުގައި ސްޓެލްކޯއަށް އައްޔަންކުރަނީ ކާކުކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
ސްޓެލްކޯގެ އެމްޑީއަކަށް ޝަމާހް އައްޔަންކުރީ އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7، ގަ އެވެ. އެގޮތުން ޝަމާހް މަގާމުން ވަކިކޮށްފައި މިވަނީ އައްޔަންކުރިތާ ހަތަރު މަސް ފަހުންނެވެ.
ޝަމާހްއަކީ 2024 ވަނަ އަހަރު މިފްކޯގެ ސީއީއޯ ކަމުން ވެސް ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މެއި 21، 2024 ގަ އެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ގައި އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުކުރި އެވެ.
މިފްކޯގައި ޝަމާހު ހުންނެވިއިރު ތުހުމަތުކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ޝަމާހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ވެސް ހުންނެވި އެވެ.
Comment