ވިޔަފާރި ކުރުމާއި ތަންތަން ކުއްޔަށް ދޫކުރުމާއި މުވައްޒަފުން ނަގަން ކައުންސިލުތަކަށް ލިބޭ ބާރު ހަނި ކުރަނީ

Aug 3, 2025, 12:20 PM
ބަންޑާރަނައިބު އަހުމަދު އުޝާމް: ބިލުގައިވާ ގޮތުން އަމިއްލަ މީހަކު ކުރާ ވިޔަފާރިތައް ކައުންސިލުން ހުއްޓާލަންޖެހޭ -- ފޮޓޯ: ރައީސް އޮފީސް

ބަންޑާރަނައިބު އަހުމަދު އުޝާމް: ބިލުގައިވާ ގޮތުން އަމިއްލަ މީހަކު ކުރާ ވިޔަފާރިތައް ކައުންސިލުން ހުއްޓާލަންޖެހޭ -- ފޮޓޯ: ރައީސް އޮފީސް

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާ ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ބިލު ސްޕޮންސާކޮށްފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ.

ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއަކަށްވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި ބަޔާން ކުރާ ހަމަތަކަށް ނުފެތޭ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ ބިލު ފާސް ކުރާތާ އެންމެ ތިން މަސްދުވަސް ތެރޭގައި އެފަދަ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox