3 ޖުލައި 2025 - 13:19 0
3 ޖުލައި 2025 - 13:19 0
ޒަމޯރާ، ސްޕެއިން (ޖުލައި 3) - ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން އަންނަ 28 އަހަރުގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ، މަރުވެއްޖެ އެވެ.
ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ، 24، ވެސް ކާރުގައި އިނެވެ. އެކްސިޑެންޓްވެ، ލަމްބޯގިނީ ކާރުގައި އަލިފާން ރޯވިއިރު، ޖޮޓާގެ އިތުރުން، އަންޑްރޭ ވެސް މަރުވިއިރު، އޭނާ އަކީ ޕޯޗުގަލް ދެ ވަނަ ޑިވިޝަނުގައި، ޕެނަފިއޭލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.
ޖޮޓާ، މިއަދު އެކްސިޑެންޓެއްގައި މަރުވިއިރު، އޭނާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިން މިދިޔަ މަހުގަ އެވެ. އަދި ޖޮޓާގެ ތިން ދަރިން ތިބެ އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ކޮންޓްރެކްޓެއްގައި ހުރެ، ޕޯޓޯ އާއި ވުލްވްސް އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު ޖޮޓާ، ވުލްވްސް އަށް އެއްކޮށް ބަދަލުވީ، 2018 ވަނަ އަހަރު އެވެ.
ވުލްވްސް ޓީމު ގޮވައިގެން އިނގިރޭސި ޕްރިމިއާ ލީގަށް އައި ޖޮޓާ، 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އޭގެ ފަހުން، ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޮޓާ ވަނީ އެ ޓީމަށް 182 މެޗުން 65 ލަނޑު ޖަހައިދީ 26 ލަނޑު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޖޮޓާ އަކީ މިދިޔަ މަހު، ޕޯޗުގަލް ގައުމީ ޓީމާ އެކު، ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އަދި، ޕޯޗުގަލް އިން 2019 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކުރިއިރު ވެސް ޖޮޓާ ވަނީ އެ ޓީމަށް ކުޅެފަ އެވެ.
Comment