Advertisement

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިފައިވާ މީހުން ޕީއެންސީގެ އިސް ސަފަށް

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިފައިވާ ގިނަ ބަޔަކު ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި -- ފޮޓޯ: ޕީއެންސީ


ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިފައިވާ މީހުން ޕީއެންސީގެ އިސް ސަފަށް

ސަރުކާރުގެ އިސް އެކި މަގާމުތަކުގައި ތިއްބަވައިގެން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގިކަމުގެ ތުހުމަތު ކުރެވޭ އެތައް ބަޔަކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ސަފަށް ނެރެފި އެވެ.

ރޭ އޮތް އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން މަގާމުން އިސްތިއުފާ ދެއްވި ފަޒުލް ރަޝީދު އާއި މުއާޒް މުހައްމަދު ރަޝީދު އާއި އިސްމާއިލް ސުހައިލްގެ އިތުރުން ތުހުމަތުތަކާ ގުޅިގެން މަގާމުން ވަކިކުރި މުހައްމަދު ވަޖީހު އިބްރާހިމް އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ އަބްދުﷲ މުހައްމަދު ވަނީ ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެން ރައީސް މުއިއްޒުއަށް ބޯލަނބައި ކިޔަމަން ވާން އެއްބަސްވެވެ އިގުރާރުވެވަޑައިގެންފަ އެވެ.

އޭގެތެރެއިން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދުއަށް ކުރެވެނީ މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތާއި ހިޔާ ފްލެޓުތަކުގައި ލިފްޓުތަކެއް ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތެވެ.

އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވުމުން ފުލުހުން އެ މައްސަލައިގައި ތަހުގީގެއް ވެސް ހިންގައި އޭނާ ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވެ އެވެ.

ނަމަވެސް ފުލުހުން ފަހުން ވަނީ އެ ފައިސާ ފަޒުލްއާ ހަވާލުކޮށްފަ އެވެ. އެ ތުހުމަތުތަކާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 21، ގަ އެވެ.

ރޭގެ ޖަލްސާގައި ދެން ބައިވެރިވި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މުއާޒް މުހައްމަދު ރަޝީދުގެ މައްޗަށް ވެސް ގިނަ ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން ފެނަކައަށް ބޭނުންވާ ކޭބަލް އާއި އެ ނޫން ވެސް ބައެއް ސާމާނުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލަ ތިލަވެފައިވެ އެވެ.

އެ ތުހުމަތުތައް އަމާޒުވެފައި ވަނިކޮށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުން މުއާޒް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 23، ގަ އެވެ.

ޕީއެންސީގެ އިސް ސަފުން ރޭ ދެން ފެނިގެން ދިޔައީ އެފްއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ސުހައިލް އާއި އެމްޕީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ވަޖީހު އިބްރާހިމް އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުން މިދިޔަ އަހަރުގެ ނޮވެމްބަރު 26، ގައި ސުހައިލް އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަލަމުން ދަނިކޮށެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލަތަކެއްކަން އެސްޓީއޯއިން ހާމައެއް ނުކުރެ އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުން ވަޖީހު ވަކިކުރީ ވެސް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި އޮއްވައި މި އަހަރުގެ ފެބްރުއަރީ 2، ގަ އެވެ. އޭނާ އެ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް މިހައިތަނަށް ސަރުކާރުން ހާމައެއް ނުުކުރެ އެވެ.

ނަމަވެސް އޭނާ ދުއްވަން ކާރެއް ގެނައުމުގަ އާއި އެގްރޯ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިމަންއާ ގުޅިގެން އެމްޕީއެލްގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް 100 މިލިއަން ޑޮލަރުގެ ވިޔަފާރި ވަޖީހު ކުރެއްވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުނެވެ.

ރޭގެ ޖަލްސާގައި ދެން ފެނުނީ މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ މުހައްމަދު އެވެ. އޭނާ އަދި އެ މަގާމުން ވަކި ނުކުރި ނަމަވެސް، އޭނާގެ މައްޗަށް ވެސް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ކުރެވި އެ މައްސަލަ އެސްޓީއޯއިން ދަނީ ބަލަމުންނެވެ.

އެސްޓީއޯގެ ބޯޑުން ބަލަމުން ދަނީ މޯލްޑިވްސް ގޭސް އިން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑްވާންސަށް ދެއްކީ 250،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އެ މައްސަލަ ފެންމަތިވުމާއެކު ގޭސް ގަތުމުގެ އެންމެހައި ކަންކަން މިހާރު ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ.

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ އެތައް ބަޔަކު ޕީއެންސީގެ އިސް ސަފަށް ނެރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ފާޑުކިޔަމުންދާ ބައެއް މީހުން ބުނަމުން ދަނީ ޕީއެންސީގެ އެ އަމަލުން ސާފު ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކޮރަޕްޝަންގެ އަމަލުތަކަށް ހިތްވަރު ދެއްވާކަން ކަމަށެވެ.