27 ޖަނަވަރީ 2025 - 14:20 0
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު ދިއްދޫއަށް ވަޑައިގަންނަވާތީ ޝުއޫރު ފާޅުކޮށްފާނެތީ ފުލުހުން ހުރަސްއެޅުން -
27 ޖަނަވަރީ 2025 - 14:20 0
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް މާދަން ވަޑައިގަންނަވާތީ، ޝުއޫރު ފާޅު ކުރަން އެ ރަށު ގެއެއްގައި ބެނާތަކެއް ހަދަމުން ދަނިކޮށް ފުލުހުން އެތަނަށް މިއަދު ވަދެ އިންޒާރު ދީފި އެވެ.
އޭގެ އިތުރުން، ދިއްދޫގައި އިދިކޮޅު އެމްޑީޕީ ތަމުސީލު ކުރާ އިސް ދެ މީހަކު ރޭގެ ވަގުތެއްގައި ފުލުސް އޮފީހަށް ވެސް ހާޒިރު ކުރި އެވެ. އަދި ރައީސް މުއިއްޒުގެ "ދަތުރަށް ހުރަސްއެޅޭ" ފަދަ ކަމެއް ނުކުރަން ރަށު ކައުންސިލުން ވެސް ވަނީ އެމްޑީޕީ މެންބަރުންނަށް އަންގައިފަ އެވެ.
ދިއްދޫ އެމްޑީޕީގެ ހިންގާ ކޮމިޓީގެ މެންބަރު މަހްމޫދު ޝަފީގު (މަންޑޭ) ބުނީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހަދަން ތިބި ގެއަށް ފުލުހުން އައިސް އެތަނުގައި ކުރަމުންދާ ކަންކަމާ ގުޅޭ ގޮތުން ސުވާލުކޮށް، އިންޒާރު ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ޝުއޫރުތައް ބެނާގައި ލިޔަމުން މިދިޔައީ. އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔަ ތަނަށް ފުލުހުން އައީ. ކީއްކުރަން ކުރާ ކަމެއްހޭ އެހީމަ ބުނިން ރައީސް މާދަމާ އަންނާތީ ޝުއޫރު ފާޅުކުރަންށޭ މިއުޅެނީ. ކޮންތަންތާކުތޯ އެއްޗެހި ދަމަނީ އަހައި، ބިރު ދައްކާ ޒާތަކަށް، ހުރަސް އަޅާ ޒާތަކަށް އެމީހުންގެ ވާހަކަ ހުރީ. އިންޒާރު ދީފައި ދިޔައީ،" އޭނާ ބުންޏެވެ.
ފުލުހުން ވަނީ ރޭ އެމްޑީޕީގައި އިސްކޮށް އުޅޭ މީހުން ދިއްދޫ ފުލުހަށް ގެންގޮސް ޝުއޫރުފަޅު ކުރުމާ ގުޅޭ ގޮތުން ސުވާލު ވެސް ކޮށްފަ އެވެ. މިގޮތުން ރައީސްގެ "ދަތުރަށް ހުރަސް އެޅޭ ގޮތަށް" ޝުއޫރު ފާޅު ކުރާނަމަ، އެކަން ހުއްޓުވާނެ ކަމަށް ވެސް ފުލުހުން އިންޒާރުދީފައިވެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މަހްމޫދު ބުނީ ރައީސް ވަޑައިގަންނަވާތީ ރަށު ރައްޔިތުންގެ ޝުއޫރު ފާޅު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފުލުހުންގެ އަމަލުތައް ބަހައްޓައި އިންޒާރު ދިން ނަމަވެސް، މާދަމާ ޝުއޫރު ފާޅުކުރަން ގިނަ ބަޔަކު ނުކުންނާނެ ކަމަށެވެ.
ދިއްދޫ ރައްޔިތުން ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބީ އެއް އަހަރު ސަރުކާރަށް ވެގެންދިޔައިރު އެ ރަށަށްވީ އެއްވެސް ވައުދެއް ފުއްދައި ނުދީ، މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގައި ވީ ވައުދާ ހިލާފަށް އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ ފެނަކައިގެ 60 މުވައްޒަފުން ވަކި ކުރުމުންނެވެ.
ރައީސް މުއިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެ ދަތުރުގައި އެ އަތޮޅު ދިއްދޫ އާއި ބާރަށުގެ އިތުރުން އެހެން ރަށްތަކަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment