26 ޑިސެންބަރު 2024 - 14:59 0
އަހުމަދު އާއިދު
26 ޑިސެންބަރު 2024 - 14:59 0
ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ރަސްމީ އެކްސް އެކައުންޓު ހެކުކޮށްފި އެވެ.
ދައުލަތުގެ މައުލުމާތުތައް ބަލަހައްޓާ، ދައުލަތުގެ އޮފީސްތަކަށް އައިޓީ ހިދުމަތްތައް ފޯރުކޮށްދީ ދައުލަތުގެ އައިޓީ އިންފްރާސްޓަކްޗާ ގާއިމުކުރުމުގެ މަސައްކަތް ކުރާ އެންސީއައިޓީގެ އެކައުންޓު ހެކުކޮށްފައިވަނީ ރޭ ފަތިހު އެވެ.
އެކައުންޓު ހެކު ކުރި މީހުން މިހާރު ވަނީ އެކައުންޓުގެ ނަމާއި ޕްރޮފައިލް ފޮޓޯވެސް ބަދަލުކޮށްފަ އެވެ. ނަމަވެސް އެންސީއައިޓީގެ ކުރީގެ ޕޯސްޓުތައް އަދިވެސް ފެންނަން އެބަހުއްޓެވެ.
އެންސީއައިޓީގެ އެކައުންޓު ހެކު ކުރުމަށްފަހު ދަނީ ބިޓްކޮއިން ޓްރޭޑިން އާ ގުޅޭ ގިނަ އަދަދެއްގެ ޕޯސްޓުތަކެއް ކުރަމުންނެވެ. ބެލެވޭ ގޮތުގައި މިއީ ސްކޭމު ކުރުމަށް ބޭނުންކުރާ އުކުޅެކެވެ.
މިކަމާ ގުޅިގެން އެންސީއައިޓީ އިން އަދި ސަރުކާރުންވެސް މިހާތަނަށް ބަހެއް ބުނެފައިނުވާއިރު ބައެއް އާންމުން ވަނީ އެންސީއައިޓީގެ ސޯޝަލް މީޑިއާ އެކައުންޓު ހެކްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި ބުނެފަ އެވެ.
އެގޮތުން، ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީން މިފަދަ ކަންކަން ހުއްޓުވުމަށް ކުރަނީ ކޮން މަސައްކަތެއްތޯ އަދި މިފަދަ ހާލަތެއްގައި އޮތް އިދާރާއަކަށް ދައުލަތުގެ އަދި ރައްޔިތުންގެ މައުލޫމާތުތައް ރައްކާތެރިކުރެވޭނެތޯ އައިޓީ ދާއިރާގެ މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
Comment