Advertisement

2025 ގެ ބަޖެޓަށް އަވަސް ކަޅިއެއް

21 އޮކްޓޯބަރު 2024 - 09:55 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު


2025 ގެ ބަޖެޓަށް އަވަސް ކަޅިއެއް

21 އޮކްޓޯބަރު 2024 - 09:55 3

މާލިއްޔަތާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކުލަވައިލާ ފުރަތަމަ ބަޖެޓުގެ އެންމެ ފަހު މަސައްކަތް މިހާރު ކުރަމުން އަންނައިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެފައިވާ ވައުދުތަކާއި އާންމުކޮށްފައިވާ ބައެއް ސިޔާސަތުތަކަށް ބަލައި، މި ލިޔުމުގައި ހިމަނާލާނީ ބަޖެޓުން ފެންނާނެ ކަމަށް ބެލެވޭ ބައެއް މަޝްރޫއުތަކަށެވެ.

ރަސްމާލެ، ގުޅިފަޅު، ގިރާވަރު

މިއީ، ރައީސް މުއިއްޒުގެ ނަން ދިވެހި ތާރީހުގައި ފަނޑުވުމެއް ނެތި ލިޔެވިގެންދާނެ ވަރުގެ ބިޔަ، އަގުބޮޑު، އަދި މިހާރު ދައްކާފައިވާ ވާހަކަތަކާ އެއްގޮތަށް މަޝްރޫއު ތަންފިޒުކޮށް ނިމިއްޖެ ނަމަ، ރާއްޖޭގެ ވެރިރަށް ވެސް ބަދަލުވެގެންދާނެ ވަރުގެ މަޝްރޫއުއެކެވެ.

މާލޭގެ ދެކުނުން 10 ކިލޯމީޓަރު ދުރުގައި އޮތް 1280 ހެކްޓަރުގެ ފުށިދިއްގަރުފަޅުގައި ރަސްމާލެ ތަރައްގީކުރަން 1153 ހެކްޓަރު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު 18، 2023 ގަ އެވެ. މި ވެއެތުވެދާ އަހަރުގައި އެ މަޝްރޫއުއަށް ހަލުއިކަމެއް ނައިސް، ހަމައެކަނި ހިއްކުނީ 29 ހެކްޓަރެވެ. އެއީ ހިއްކަން ނިންމި ބިމުގެ ބޮޑުމިނުގެ 2.5 ޕަސެންޓެވެ.

ރަސްމާލެ އެއްކޮށް ހިއްކައި ނިންމުމަށް އެތައް ބިލިއަން ރުފިޔާއެއް ދާއިރު، 2025 ގައި އެ މަޝްރޫއު ހިއްކައި ނިންމައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަން ބަޖެޓުގައި ފައިސާ ހިމަނާނެ ކަމަށް ބެލެވެ އެވެ.

ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ ރަސްމާލޭގައި 65،000 ހައުސިން ޔުނިޓު އެޅުމަށް ޕްލޭން އޮތްއިރު، ބިއްލޫރި ޓަނަލަކުން މާލެއާ ގުޅައި އެ ޓަނަލުގައި އަޅާ ޓްރޭނުގެ އިތުރުން ދަތުރުފަތުރު ފަސޭހަކުރަން މަތިންދާބޯޓާއި ހައި ސްޕީޑް ލޯންޗު ދަތުރުތައް ވެސް ރަސްމާލެ އާއި މާލެއާ ދެމެދު އޮންނާނެ އެވެ.

ބިއްލޫރި ޓަނަލަކީ ބިޔަ، ބުރަ މަސައްކަތަކަށް ވުމާއެކު، އެ މަޝްރޫއުގެ ދިރާސާކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެމުން މުހިންމެވެ. އަދި ގެތައް އިމާރާތްކުރުމުގެ މަސައްކަތްތަކާއި ކަރަންޓާއި ފެން އަދި ނަރުދަމާގެ ނިޒާމް ގާއިމުކުރުމާއި ޑީވޯޓަރިން ނިޒާމާއި އަލިފާން ނިއްވާ ނިޒާމު، ގޭސް ނެޓްވޯކް އަދި މަގުތައް ހެދުން އަދި އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ވެސް އަންނަ އަހަރުގެ ބެޖެޓުގައި ހިމެނުން މުހިންމުވާނެ އެވެ.

ރަސްމާލޭގެ އިތުރުން މިހާރު ހިއްކާފައި އޮތް ގުޅިފަޅާއި ގިރާވަރުގައި މީހުން އާބާދުކުރުމަށްޓަކައި މަގުތަކާއި، އެހެން ވަސީލަތްތައް ގާއިމުކުރަން ބޭނުންވާ ފައިސާ 2025 ގެ ބަޖެޓުގައި ހިމަނަންޖެހެ އެވެ.

އުތުރާއި ދެކުނު ތަރައްގީކުރުމާއި މެދުރާއްޖެތެރޭގައި އާބަން ސެންޓަރުތައް

މާލޭ ސަރަހައްދު ތަރައްގީކުރަން އިސްކަންދޭ ފަދައިން ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އުތުރުގެ ހަތަރު އަތޮޅަށް އޮތް ޕްލޭނަކީ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ކޮންސެޕްޓެވެ.

ދެކުނުގެ ހަތަރު އަތޮޅު ވެސް ތަރައްގީކުރަން ރާވާފައިވަނީ ހާއްސަ ކޮންސެޕްޓަކަށެވެ. މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ހަތް އާބަން ސެންޓަރު ވެގެން ދާނީ ކަނޑައެޅޭ ހަތް ރަށަކަށެވެ.

"އާބަން ސެންޓަރުތަކުގައި، އެންމެ މަތީ ފެންވަރުގައި، އެ ރަށެއްގައި ތިބެގެން ކަންކަން ހާސިލުކުރެވޭ މިންވަރަށް ކަންކަން ގާއިމުކުރެވެންޖެހޭނެ. އެއީ، ވިސްނުމަކީ. އެއީ، އިރާދަކުރެއްވިއްޔާ އެކަން ކުރާނެ ގޮތަކީވެސް. އާދައިގެ ހޮސްޕިޓަލެއް ނޫން. އެ ކަހަލަ އާބަން ސެންޓަރެއްގައި، ސީއްހީ ނިޒާމުގައި ހުންނާނެ، އެންމެ މުހިންމު ހުރިހާ ދާއިރާތަކުން ހިދުމަތް ދެވޭ ގޮތަށް. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި އާއިލާތަކަށް ބޭނުންވާ ސްޕީޗް ތެރަޕީއާއި، އެކިކަހަލަ ތެރަޕީތައްވެސް ދެވޭގޮތަށް ވަސީލަތްތައް ގާއިމުކުރެވިފައި. އެންމެމަތީ ފެންވަރުގައި ތައުލީމީ ނިޒާމުވެސް ގާއިމުކުރެވިފައި، މަގުތައްވެސް އެންމެ ރަނގަޅަށް ހެދިފައި، އަދި ދެންހުރި ކަންކަންވެސް އެންމެ ރަނގަޅަށް ގާއިމުކުރެވިފައި ހުންނާނީ،" ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ޅ. ނައިފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުން ފެނިގެންދާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

ބަޖެޓުން ބޮޑު ބައެއް ގެދޮރުވެރިކަމަށް

ރައީސް މުއިއްޒުގެ "ނަންބަރު ވަން ޕޮލިސީއަކީ ހައުސިން" އެވެ. އިންފްރާސްޓަރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ބަޖެޓުން ބޮޑު ބައެއް ހާއްސަ ކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމަށެވެ. އެކަމުގެ މިންގަނޑެއް ރައީސް މުއިއްޒު ދެއްވި އެވެ. އެއީ ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާ ބަޖެޓުގެ 50 ޕަސެންޓު ގެދޮރުވެރިކަމަށް ހާއްސަކުރުމެވެ.

އެހެންވެ، އަންނަ އަހަރުގެ ބަޖެޓަކީ ގިނަ ބަޔަކަށް އުއްމީދީ ބަޖެޓަކަށް ވާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުން ފެންނާނެ ކަމަށް ލަފާކުރެވޭ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ރަސްމާލޭގައި ޗައިނާއިން އަޅަން އެއްބަސްވެފައިވާ 30،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ އިތުރުން، މި އަހަރުގެ އޭޕްރީލް މަހުގައި ފަށަން ވައުދުވެ، އެންމެ ގާބުރިއެއް ވެސް ބޭއްވިފައި ނުވާ، މާލޭހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދުގައި ގާއިމުކުރާ ބިޔަ މަޝްރޫއު އަދި ވިލިމާލޭގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހިމެނެ އެވެ.

އެހެނިހެން ހައުސިން މަޝްރޫއު

  • ގދ. ތިނަދޫގައި 1000 ހައުސިން ޔުނިޓް
  • އޭދަފުށީގައި 1000 ހައުސިން ޔުނިޓު
  • ފުވައްމުލަކުގައި 500 ހައުސިން ޔުނިޓް
  • ނައިފަރުގައި 400 ހައުސިން ޔުނިޓް
  • ދ. މީދޫގައި 200 ހައުސިން ޔުނިޓް
  • ދިއްގަރުގައި 75 ހައުސިން ޔުނިޓު

މި މަޝްރޫއުތަކުގެ އިތުރުން ވަކިވަކި ރަށްރަށަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ހައުސިން މަޝްރޫއުތައް އެބަ ހުއްޓެވެ. އެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުން ފެނުން ގާތެވެ.

އެކަނިވެރި މައިންނަށް ދޭ އިނާޔަތް

މިއަހަރުގެ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭން ކަނޑައަޅާފައި ވަނީ 74.7 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ބޮޑުކުރަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވެ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ އިނާޔަތް ބޮޑުކުރަން ފައިސާ ހިމަނާނެ ކަމަށް މި އަހަރުގެ ފެބްރުއަރީ މަހު ވިދާޅުވީ "ރައީސްގެ ޖަވާބު" ސީރީޒްގައި، ފުވައްމުލަކު އަންހެނަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

"މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މި އަހަރުވެސް މަސައްކަތްކުރެވިގެން ދަނީ. [އެއީ] އަޅުގަނޑުމެން ވަރަށް އިސްކަންދޭ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަނިވެރި މައިންނަށް ފުރަތަމަ ފަހަރަށް ދައުލަތުން އެލަވަންސެއް ދޭން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެ އިނާޔަތް ދިނުމުގެ އުސޫލަށް ބަދަލެއް ގެނެސް، ތިބި ކުދިންގެ އަދަދަށް ބަލައި ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މަގުން މަހެއްގެ މައްޗަށް، އެކަނިވެރި މަޔަކަށް ނުވަތަ ބަފަޔަކަށް 3،000 ރުފިޔާ ދޭން ފެށި އެވެ. އޭގެފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު 10،000 ރުފިޔާ އިތުރުކުރަން ނިންމި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒުގެ ވައުދަކީ އެ އިނާޔަތުގެ ޖުމުލަ އަދަދު 12،000 އަށް ބޮޑުކުރުމެވެ.

މުސާރަ ބޮޑުކުރުން

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ކަނޑައަޅާފައިވާ ކަމަށް، ސަރުކާރާ އެލައިންޑު، މިހާރު ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. އޯގަސްޓު 26، ގައި އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުސާރަ ބޮޑުކުރަން އަދިވެސް އާންމުކޮށްފައި ނުވާ ފިސްކަލް ސްޓްރެޓެޖީގައި އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ސަރުކާރުގެ އޮފީސް އިމާރާތް، ވެލާނާގެ. -- ފޮޓޯ: އަދަދު


މި އަހަރުގެ މާޗު މަހު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވަމުންދާ މިންވަރަކަށް ބަލައި ސިވިލް ސާވަންޓުގެ މުސާރަ ބޮޑުކުރާނެ ކަމަށެވެ. އެގޮތަށް ކަނޑައެޅިޔަސް، މުސާރަ ބޮޑުކުރާނެ ކަން ކަށަވަރު ވާނީ އަންނަ އަހަރުގެ ބަޖެޓުގައި އެކަން ލިޔުމުންނެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ބެލެވޭއިރު، މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިނުމަށް އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހާއްސަ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ހޮސްޕިޓަލްތައް ބިނާކުރުމާއި ދުބާއީ އަދި ތައިލޭންޑްގެ އާސަންދަ ފަރުވާ

ސިއްހީ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސް މުއިއްޒު ގިނަ ޕްލޭންތަކެއް އިއުލާނު ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި:

  • އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުން
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަރުވާ ދޭނެ އިންޓަނޭޝަނަލް ހޮސްޕިޓަލެއް މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި އުތުރުގައި ގާއިމުކުރުން
  • ހއ. ދިއްދޫގައި ހޮސްޕިޓަލެއް އެޅުން
  • ތެލެސީމިއާ ހޮސްޕިޓަލެއް
  • ލ. ގަމުގައި މެންޓަލް ހޮސްޕިޓަލެއް
  • ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް
  • މަނަދޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް
  • އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް
  • މުލީގައި 50 އެނދުގެ ހޮސްޕިޓަލެއް
  • ކުޅުދުއްފުށީ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުން
  • ނޮޅިވަރަމުގައި ހޮސްޕިޓަލެއް

އެހެން ގައުމުތަކުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާ ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި ރާއްޖޭން ބޭރުން ސިއްހީ ފަރުވާ ހޯދަން އާސަންދަ އާއި އެންސްޕާއިން އެހީ ދެމުންދަނީ އިންޑިއާ އަށެވެ.

އެ ބަރޯސާވުން ނައްތާލައި، ސިއްހީ ފަރުވާ އަށް ތައިލެންޑާއިން ދުބާއީ އަށް ބަލި މީހުން ފޮނުވުމަކީ ރައީސް މުއިއްޒުގެ ވައުދަކަށް ވުމާއެކު އަންނަ އަހަރު އާސަންދަ ބަޖެޓު މިހާރަށް ވުރެ ބޮޑުވުން އެކަށީގެންވެ އެވެ. އަދި ހޮސްޕިޓަލްތައް އިމާރާތް ކުރަން ވެސް ބަޖެޓުގައި ފައިސާ ހިމަނާނެ ކަމަށް ބެލެވެ އެވެ.

އެއާޕޯޓު ތަރައްގީކުރުން

އެއާޕޯޓު ތަރައްގީކުރަން ރައީސް މުއިއްޒު ދެއްވާ ސަމާލުކަން ތުޅާދޫގައި ދެއްކެވި ވާހަކައިން އެނގެ އެވެ. އެރަށުގައި އެމަނިކުފާނު ވިދާޅުވީ ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ކުރަން ކުރަން ނުތިބޭނެ ކަމަށާއި މަޝްރޫއު ނިންމައި ރައްޔިތުންނަށް ދައްކަވައި ދެއްވާނެ ކަމަށެވެ.

އެހެންވެ، އަލަށް އިއުލާނުކޮށްފައިވާ އެއާޕޯޓުތަކާއި ކުރިން ފަށާފައިވާ މަޝްރޫއުތައް 2025 ގެ ބަޖެޓުން ފެންނާނެ ކަމަށް ބެލެވެ އެވެ.

މުޅިން އަލަށް ނުވަ ރަށެއްގައި އެއާޕޯޓު ތަރައްގީކުރަން ނިންމެވި އެވެ. އެއީ، ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، - ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދޫ އެވެ. އަދި މިހާރު ވެސް މަސައްކަތް ކުރިއަށްދާ ހދ. މަކުނުދޫ އާއި ށ. ބިލެތްފަހި، ރ. އަލިފުށި، ބ. ތުޅާދު އާއި ތ. ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ކަނޑައަޅާފައިވެ އެވެ.

ކުރިން ބައެއް އެއާޕޯޓުތަކަށް ހުށަހަޅާފައިވާ އަގުތަކަށް ބަލާނަމަ މި އެއާޕޯޓުތައް ތަރައްގީކޮށް ނިންމަން އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ހިމަނާނެ އެވެ.

ބަޖެޓުން ފެންނާނެ އެހެން ބައެއް މަޝްރޫއުތައް

ލޯކަލް ޓޫރިޒަމާއި މަސްވެރިކަމުން އަދި ދަނޑުވެރިކަމުން ލިބޭ އާމްދަނީން ބައެއް ކައުންސިލްތަކަށް ދިނުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ރައީސް ވިދާޅުވެފައިވާއިރު، ބަޖެޓު ފާސްކުރުމުގެ ކުރިން އެ ބަދަލު ގާނޫނުތަކަށް ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.

އެ ބަދަލު ގެނެސްފި ނަަމަ ކައުންސިލްތަކަށް މިހާރަށް ވުރެ ބޮޑު ފުދުންތެރިކަމެއް ލިބިގެންދާނެ އެވެ. އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ އެހެން އެހެން ބިލްތައް ފާސްކޮށް ތަންފީޒުކުރަން ފެށުމުން އަންނަ އަހަރުގެ އާމްދަނީ އިތުރުވާނެ އެވެ.

މި ހުރިހާ ކަމެއް ވަޒަންކުރާއިރު 2025 ގެ ބަޖެޓު، 2024 ގެ ބަޖެޓަށް ވުރެ އިތުރުވުން ގާތެވެ.