Advertisement

މާލިއްޔަތު ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި. ސަރުކާރުން މާލީ މައުލޫމާތު ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: އެމްޑީޕީ


މާލިއްޔަތު ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ: އަމީރު

ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން "ގޯސްތަކެއް" ހަދާފައި ހުރި ކަމަށް ބުނެ އެ މައްސަލަތައް ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވި ނަމަވެސް މާލިއްޔަތު ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ކުރީ އަހަރުގެ ހަރަދުތަކެއް ފަހުން ރިކޯޑު ކޮށްފައިވާތީ އެކަން ބަލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އޭރު މާލީ ކަންކަން ބަލަހައްޓަން ތިއްބެވި ވެރިންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މި ސަރުކާރުން ދިނެވެ.

އިދިކޮޅު މައި ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

"ގާނޫނާ ގަވާއިދާ ހިލާފަށް މިދިޔަ ފަސް އަހަރު އަޅުގަނޑުމެން މިނިސްޓްރީ އޮފް ފިނޭންސްގެ ތެރެއިން ކޮށްފައި ނުވާނެ. މާލިއްޔަތު ގާނޫނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުވާ އެއްވެސް ކަމެއް ކޮށްފައި ނުވާނެ. ހުރިހާ މުއާމަލާތެއް ވެސް ކޮށްފައިވާނީ ކުރިން ވެސް ކުރަމުން އަންނަ އުސޫލުން ހެދިފައިވާ ސްޓެންޑަޑް އޮޕަރޭޓިން ޕްރޮސީޖާތަކުގެ ތެރެއިން ގާނޫނާ ގަވާއިދާ އެއްގޮތަށް," އަމީރު މިއަދު ޔަގީންކަން ދެއްވި އެވެ.

އެއްވެސް އިރެއްގައި ބަންޑާރަ ނައިބު, އޮޑިޓާ ޖެނެރަލް އަދި ފިނޭންސްގެ ލީގަލް ޑިޕާޓުމަންޓާއި ކަމާ ގުޅޭ ޓެކްނިކަލް މުވައްޒަފުން ވެސް ގާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ހިނގިކަން ފެންމަތިކޮށްފައި ނުވާ ކަމަށް އަމީރު ވިދާޅުވި އެވެ. ޕްރޮޖެކްޓުތައް މިނިސްޓްރީތަކުން ކުރިއަށްގެންދަނީ ބަޖެޓު ހުންނަ މިންވަރަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ބުނަނީ މައްސަލަ ޖެހިގެން އުޅެނީ ބޭރުގެ ޑޯނާ ފަންޑެޑް ޕްރޮޖެކްޓުތަކެއްގައި ކަމަށެވެ. މާނައަކީ، އެއީ ބޭރުން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓުތަކެކެވެ. އެ ވާހަކަތައް ވެސް އަމީރު ދޮގުކުރެއްވި އެވެ.

އެގޮތުން, ޑޯނާ ފަންޑެޑް މަޝްރޫއުތަކުގައި ޕޭމަންޓުތައް ވައްދަނީ ޕޭމަންޓު އެޑްވައިސް ލިބުމުންކަން އަމީރު ފާހަގަކުރެއްވި އެވެ. މި ސަރުކާރުން މައްސަލަ ޖެހިގެން ކަމަށް ބުނަނީ ޖެނުއަރީ މަހު އައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ ބޮޑު ޕޭމަންޓެއް 2024 ގެ ބަޖެޓުގައި ރެކޯޑު ކޮށްގެން ކަމަށް އަމީރު ހާމަކުރެއްވި އެވެ.

"ޖެނުއަރީ މަހަކީ 2023 ވަނަ އަހަރުގެ ބަޖެޓު ވެސް އޯޕަން ކޮށްފައި އޮންނާނެ އަހަރެއް. މާލިއްޔަތު ގާނޫނުން އެ ފުރުސަތު އެބަ ލިބޭ އަހަރު ނިމުމުން ބަންދު ނޫން 30 ދުވަސް ލިބޭނެ ސިސްޓަމް ރިކޮންސައިލްކޮށްފައި ކުރީ އަހަރުގެ ރެކޯޑުތައް ކްލޯސް ކުރަން. ޖެނުއަރީގައި 2023 ގެ ބަޖެޓު ވެސް އޯޕަންކޮށް އޮންނާނެ, 2024 އަށް ރެކޯޑު ކުރުމުން 2023 އަށް ބަދަލުކުރުމުގެ އިހުތިޔާރު ވެސް އޭރު އޮތީ މި ސަރުކާރަށް," އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން. ޕޭމަންޓު އެޑްވައިސް އައީ ވެސް ޖެނުއަރީ ފެބްރުއަރީގައި. މިކަން ހުއްޖަތަކަށް ބޭނުންކޮށްގެން އޮޑިޓާ ޖެނެރަލް ނިވާފަތްގަނޑަކަށް ހަދައިގެން ބޭނުންވަނީ މައުލޫމާތު އޮޅުވާލައި ޒިންމާއިން ރެކެން."

އެމްޑީޕީން ވެރިކަމާ ނޮވެމްބަރު 2018 ގައި ހަވާލުވުމަށް ފަހު އޭގެ ކުރިން ވެރިކަން ކުރި ޕީޕީއެމްގެ ސަރުކާރުން ނުދީ ހުރި ނުވަ ބިލިއަން ރުފިޔާ ދައުލަތުގެ ދަރަންޏަށް 2019 ގައި އިތުރުވި ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ސަރުކާރުން މާލީ މައުލޫމާތު ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަޖެޓުގައި ނުޖަހާ ހަރަދު ކުރަމުންދާ ކަމަށް މި ސަރުކާރުން ބުނާއިރު، ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓާއި ތުރުކީއިން ޑްރޯން ގަތުމުގެ ޕްރޮޖެކްޓަކީ ބަޖެޓުގައި ނުޖަހައި މި ސަރުކާރުން ހިންގި ދެ ޕްރޮޖެކްޓެވެ. ޑްރޯން ގަތުމަށް 37 މިލިއަން ޑޮލަރު ސަރުކާރުން ހަރަދު ކުރި އެވެ. ރަސްމާލެއަށް ދާނެ ހަރަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.